ގައުމެއްގެ ވެރިކަމުގައި ޚުދު މުޚުތާރު ގޮތްތައް އަށަގަންނަނީނަމަ، އެ ގައުމަކުން ބައިނަލްއަގްވާމީ ނިޒާމަށްވެސް މިކަން އަވަހަށް ގޮންޖަހާލާނެއެވެ. އިންސާނީ ހައްގަށް އަރައިގަތުމުގެ ނަތީޖާއަކީ، އެއްބަސްވެފައިވާ ބައިނަލްއަގްވާމީ އުސޫލުތައް، ސިޔާދަތާއި މުސްތަގިއްލުކަން ދެމެހެއްޓުމުގެ ނަމުގައި އެކަހެރިވެގަނެ، ބޮޑު ބަސް ބުނުމެވެ. ވަކި ޖިއޮގްރަފިކަލް އެއް ސަރަހައްދަކުންނެއް ނޫނެވެ. ހުރިހައި ހިސާބަކުންވެސް މިކަމުގެ ނަތީޖާ ފެންނާން އޮތީ މިފަދައިންނެވެ.
އިންސާނީ ހައްގަކީ، އެހެންވީއިރު، ބައިނަލްއަގްވާމީ ނިޒާމު ދެމެހެއްޓުމޖުގެ ނާރެސްކަމަށް ބަލަމާ ހެއްޔެވެ. ތަނެއްގައި ޚީޔާލު ފާޅު ކުރުމުގެ މިނިވަންކަން ހަނިކުރުމަށް، ސިޔާދަތާއި އަމިއްލަ ވެރިކަން ދެމެހެއްޓުމުގެ ނަމުގައި ގާނޫނުތައް ހަދައި ފާނެއެވެ.
ގައުމުގެ ސިޔާދަތު ނަގާލުމަށް މަސައްކަތް ކުރާ މީހަކު އިންކަމަށް ބުނެ، މަތިން ދަތުރު ކުރަމުން ދިޔަ ބޯޓެއް، ވައި ފޭރިގެންފާނެއެވެ.
މިއީ މިދިޔަ ހަފްތާގައި އެކަނިވެސް ފެނިގެން ދިޔަ ކަންތައްތަކެވެ.
މިފަދަ ކަންތައްތަކާ ދެކޮޅށް ބާރުގަދަ، ބަސް ވިކޭ ޑިމޮކްރެސީތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފާނެއެވެ. އަދި މިފަދަ ފިޔަވަޅުތައް އެޅުމުގައި މި ގައުމުތަކުން އަމަލު ކުރަނީ އިޚުތިޔާރީ ގޮތަކަށް ކަމަށްވެސް އެބަސްވަމާ ހެއްޔެވެ. ރައްޓެހި ރަހުމަތްތެރި، ނުވަތަ ބާރުގަދަ ގައުމަށް އެއް މިންގަނޑެކެވެ. ދުރުތިބީންނާއި ނިކަމެތިންނަށް އެހެން މިންގަނޑެކެވެ. އައިޑިއޮލޮޖީއާއި ޚިޔާލު އެއްގޮތްވެ. މަސްލަހަތަށް ފައިދާ ހުރިނަމަ، އެއްވެސް ގޮތަކަށް ފިޔަވަޅެއް ނާޅާނެއެވެ. މީޑިއާގެ ފެންވަރުގައި ފާޑުކިޔުމަކުން ނިންމާލާނެއެވެ.
ބައިނަލްއަގްވާމީ ނިޒާމުގައި މިފަދަ ކަންކަން ތަކުރާރު ވުމުގެ ނަތީޖާއަކީ މި ނިޒާމަށް ގައުމުތަކުން ގޮން ޖެހުމެވެ. ބީލަނާ ނުލުމެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް އަޅާއިރު އެއިން އަސަރު ކުރަނީ ގައުމުގެ އާންމު ފަރުދުންނެވެ. ވެރިކަމުގެ ނިޒާމުގައި ތިބޭ މީހުން އެއިން ސަލާމަތްވެއެވެ.
ބައިނަލްއަގްވާމީ ނޒާމު ފެއިލްވެފައިވާ ތަން ތަކުރާރު ކޮށް ފެންނަނީ މިޔަންމާރ އިންނެވެ. ބޮސްނިއާ ހަރްޒޮގްވީނާގެ ގަތުލުއާންމަށް ފަހު ބުނީ ދެން މިފަދަ އަމަލެއް ތަކުރާރެއް ނުވާނެ ކަމަށެވެ. އެއިރުވެސް އަނިޔާ ލިބުނީ މުސްލިމުން ކަމުން އެޅި އިޚުތިޔާރީ ފިޔަވަޅެކެވެ. އެއަށްފަހު ރުވަންޑާގެ ގަތުލުއާންމުގައިވެސް ބެލީ މޮޅު ލިބެނީ ކޮންކޮޅަކަށް ތޯއެވެ.
މިޔަންމާރގައި ވެސް ސަރުކާރުން ހިންގީ މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމެކެވެ، ނަސްލެއް ނެތިކޮށްލުމުގެ އަމަލެކެވެ. ޝިންޖިއާންގެ މުސްލިމުންނާ ދޭތެރޭ ކަންހިނގާ ވަރަށް ވުރެން މާ އަނިޔާވެރި ގޮތަކަށެވެ. މުޅި އަވަށްތައް އަންދާލެވި މީހުން ފަނާ ކޮށްލެވުމެވެ. ބައިނަލްއަގްވާމީ ނިޒާމު އޮތީ ރޯނާވެފައެވެ.
ދެވަނަ ފަހަރަށް ފެބްރުއަރީ 1 ގައި މިޔަންމާރ ގެ އިންގިލާބުން ވަށްޓާލީ، ހުޅަނުގެ ހިތްތަކުގެ ރާނީ، އޮކްސްފޯޑްގެ ސްކޯލަރ، އިނގިރޭސިއެއްގެ އަންބެއްގެ ވެރިކަމެވެ. ރޮހިންގާ މީހުންގެ މައްސަލައަށް ވުރެން ސީރިއަސް މައްސަލައެކެވެ. އެކަމަކުވެސް ބައިނަލްއަގްވާމީ ނިޒާމުން ކުރީގެ ޖަރީމާއަށް ފިޔަވަޅު އެޅުމުގައި އަމިއްލައަށް ނުކުޅެދުމުން، ފަހުން މިޔަންމާރގެ ޖެނަރަލުންނަށް ދައްކާނެ މޫނެއް ނެތެވެ.
މިހާރު ހުޅަނގާއި ބައިވެރިންނަށް އޮތީ، މިޔަންމާ ފުރޮޅާލާނެ ގޮތަކެވެ. ޖެނަރަލުންނަށް ދޫކޮށްލައިފިނަމަ، ސްޓްރެޓީޖިކް ސަރަހައްދެއް ޗައިނާގެ އަތްމައްޗަށް ފުރުޅުމުގެ ފުރުސަތު ބޮޑެވެ.
ސިފައިންގެ އިންގިލާބާ ދެކޮޅަށް މިޔަންމާރ ގައި ނުކުތުމުން، ހާހުން މީހުން މަރުވެއްޖެއެވެ. ހާހުން މީހުން ޖަލަށް ލައިފިއެވެ. އިންގިލާބް ކުށްވެރިކޮށް ބަޔާންތައް ނެރެފިއެވެ.
ހިއުމަން ރައިޓްސް ވޮޗްގެ އދގެ ކޯޑިނޭޓަރ، ވިދާދް ފްރެންކޯ ވިދާޅުވީ މިފަދައިންނެވެ.
"ބައިނަލްއަގްވާމީ ސުލްހައާއި އަމާންކަން ދެމެހެއްޓުމުގެ ޒިންމާ ފާރަވެރިއެއްގެ ގޮތުން، އދގެ ޗާޓަރުން މަތިކޮށްފައި ވަނީ އދގެ ސަލާމަތީ ކައުންސިލާއެވެ. ބަޔާންތައް ނެރުމުގެ އިތުރުން ސަލާމަތީ މަޖިލީހުން މިޔަންމާރގެ ރައްޔިތުން ސަލާމަތް ކުރުމަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އދގެ މެންބަރުންގެ ނުކުޅެދުންތެރިކަމުން، މިޔަންމާރގެ ސިފައިންނަށް މަދަނީންގެ ހައްގަށް އަރައިގަތުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ."
މިވާހަކައަށް ހިތްވަރު ލިބިގެން ދަނީ، އދގެ ސްޕެޝަލް ރެޕަޓުއާ، ވިދާޅުވެފައިވާ، މިޔަންމާރގައި އަހުލީ ހަނގުރާމައެއް ފެށިދާނެ ކަމަށް ވިދާޅުވެ، ދެއްވާފައިވާ އިންޒާރުންނެވެ.
އދގެ ސްޕެޝަލް ރެޕަޓުއާއަށް މިޔަންމާރ އިން މަރުޙަބާ ކިޔާފައެއް ނުވެއެވެ. މިޔަންމާރގެ ވެރިރަށް، ނެޕީޓޮގައި އޮފީސް ހެދުމުގެ ބަދަލުގައި ސްޕެޝަލް ރެޕަޓުއާގެ އޮފީސް އޭނާ ގާއިމް ކުރައްވާފައި ވަނީ އަވަށްޓެރި ތައިލެންޑްގެ ވެރިރަށުގައެވެ. މިއިން ބައިނަލްއަގްވާމީ ޖަމުއިއްޔާގެ ހައިސިއްޔަތު މިޔަންމާރ ސިފައިންގެ މެދުގައި އޮތް މިންވަރު ސާފު ވެގެން ދެއެވެ.
ގައުމެއްގެ ރައްޔިތުން ހިމާޔަތް ކުރުމުގައި އެގައުމުގެ ސަރުކާރު ނުކުޅެދިއްޖެނަމަ، ރެސްޕޮންސިބިލިޓީ ޓު ޕްރޮޖެކްޓް (އާރް 2 ޕީ) އަކީ އދން އަމުކުރާ އުސޫލެކެވެ. ދާދި ފަހުން މިއުސޫލު ފާސްކޮށް އާންމު މަޖިލީހުން ވަނީ މިއަށް ރަސްމީ ސިފައެއް ދީފައެވެ.
ގައުމެއްގައި އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ހިންގާނަމަ، ނުވަތަ ގަތުލުއާންމާއި ނަސްލު ނައްތާލުމުގެ މަސައްކަތެއް ހިނގާނަމަ، އެތަނަކަށް ސިފައިން ފޮނުވުމައި ރައްޔިތުން ރައްކާތެރިކުމުގެ ޒިންމާ އާރް2ޕީގެ ދަށުން އދއަށް ލިބިގެން ވެއެވެ.
ރޮހިންގާއާ ދެކޮޅަށް މިޔަންމާރ ސިފައިން އަމަލުކުރި އިރުވެސް އާރް2ޕީ ގެ ބޭނުން ހިފުމަށް ގޮވާލެވުމެވެ. އެއިރުވެސް ޗައިނާއާއި ރަޝިޔާއިން ވަނީ މިއާ ދެކޮޅަށް މަސައްކަތް ކޮށްފައެވެ.
މިޔަންމާރ އަކީ ކުރިއަށް އޮތް ދުވަސްތަކުގައި ހުޅަނގާއި ޗައިނާގެ ހަނގުރާމައިގެ އައު މައިދާނަކަށް ވެދާނެ ތަނެކެވެ. ސިޔާސީ މަސްލަހަތާއި ސަރަހައްދީ ސިޔާސަތުގައި އެންމެ އަވަހަށް ގެއްލިގެންދަނީ އިންސާނީ ހައްގެވެ. މިޔަންމާރ އިން އިތުރަށް މިކަން ފެނިގެންދާނެކަން ކަށަވަރެވެ.