ނަވާރަ ސަތޭކަ ނުވަދިހައިގެ ފަހުކޮޅަށް ދާންދެންވެސް ދިވެހި ރާއްޖޭގެ ރަށް ރަށަށް މީހުން އަރުވާލައެވެ. އަރުވާލައޭ މި ބުނީ ކުށެއް ކުރުމުން އެކުށުގެ އަދަބެއްގެ ގޮތުން ދިރި އުޅޭ އަތޮޅު ނޫން އެހެން އަތޮޅެއްގެ ރަށަކަށް ފޮނުވާލާވާހަކައެވެ. މިގޮތުން ފޮނުވާލާ މީހުންގެ ތެރޭގައި ސިޔާސީ ކުށްތަކާއި އެހެނިހެން ބޮޑެތި ކުށްތައް ކުރާ މީހުން ވެސް ހިމެނެއެވެ.

މިގޮތަށް ފޮނުވާލާ ގިނަ މީހުން އުޅެންޖެހެނީ ވަރަށް ދަތިހާލުގައެވެ. އެހެން ނަމަވެސް އަރާމާ އުފަލުގައި އުޅޭ މީހުން މަދުން ނަމަވެސް މީގެތެރޭގައި އުޅެއެވެ.

އެއްފަހަރަކު އުތުރުގެ ރަށަކަށް އަރުވާލި މީހެކެވެ. އޭނާ ފޮނުވާލުމުން އެރަށުގެ މީހުންގާތު އޭނާ އަކީ މޮޅު ފަންޑިތަވެރިއެއްކަމަށް ބުނަމުން ދިޔައެވެ. އެހެންކަމުން ފަންޑިތަ، ވަރިތޮޅި، އިސްތިރި ހެދުމަށް އޭނާގާތަށް މީހުން އަންނަންފަށައިފިއެވެ. ރަމަލު ޖެހުމާއި ފާލު ބެލުމާއި އަތްބެލުމުގެ އިތުރަށް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ފަންޑިތަ ހަދަން އަންނަ މީހުންގެ އަދަދުވެސް ގިނަވެއްޖެއެވެ.

ނަމަވެސް މިގޮތަށް މިކަންތައް ދެމި އޮތީ ކުޑަ ދުވަސްކޮޅެއްގައެވެ. އޭނާ ހަދާ އިސްތިރިއާއި ވަރިތޮޅި އަދި ފަންޑިތަ ކާމިޔާބު ނުވާން ފެށުމުން އެރަށުގެ ރައްޔިތުން އޭނާ ދެކެ ރުޅިއަންނަން ފަށައިފިއެވެ. އެންމެ ފަހުން ރައްޔިތުންގެ ހިތުގައި އުފެދުނު ރުޅިއާއި ނަފުރަތުގެ ސަބަބުން އޭނާ ރަށުން ބޭރުކުރުމަށް ނިންމިއެވެ. އެހެންކަމުން އޭނާ އެ ރަށުން ބޭރު ކުރުމަށްޓަކައި މަހަށް ފުރި ދޯންޏަކަށް ލައިގެން ނުކުތެވެ. އަދި ޖެހިގެން އޮތް އަތޮޅުގެ ރަށެއްގެ ކަނޑުތޮޓަށް އަރުވާލި ކަލޭގެ ބާލާފައި ދޯނި ހިގައްޖެއެވެ. މިކަލޭގެ ހަދާނެ ގޮތެއް ނޭނގިގެން ތޮށިމަތީ ދެކޮޅުދެކޮޅަށް ހިނގާލަހިނގާލަ ހުއްޓެވެ.

އެދުވަހުގެ ފަތިސްނަމާދަށް ފަހު އަރުވާލި ކަލޭގެ ބެހެއްޓި ރަށުގެ މުދިންކަލޭގެ އަތިރިމައްޗަށް ހިނގާލަން ނުކުތްތަނާ ތޮށިމަތީ، ހުދު ފޮށައެއް އަނދެގެން ހުރި ބޭކަލަކު ފެނިއްޖެއެވެ. މުދިންކަލޭގެ ހިކިފަސްތަނުން ހިނގާފައި ގޮސް އޭނާގާތަށް ހުއްޓިފައި އަހައިފިއެވެ. ތިޔައީ ކޮން ބޭކަލެއް ހެއްޔެވެ؟ އެކަލޭގެ ޖަވާބު ދިނެވެ. މި އީ " ޔާ ހުޟުލް " އަހަންނަކީ ވަލީ ވެރިއެކެވެ. މީނާގެ ޖަވާބުން މުދިން ކަލޭގެ ބިރުން ތުރުތުރު އަޅައިގަތެވެ. އަދި އަވަސް އަވަހަށް ހިންގަވާށޭ ކިޔާ މި ބޭކަލަކު ގޮވައިގެން ގެއަށް ހިނގައްޖެއެވެ. ގެއަށް ގެންގޮސް މި ބޭކަލަކަށް ރަނގަޅަށް ސައިދިނުމަށްފަހު ރައްޔިތުންނަށް ގޮވާ މި ވަލީ ވެރިޔާ ތަޢާރަފު ކޮށްދީފިއެވެ. ދެން އެރަށުގެ ރައްޔިތުން ނުކުމެ އެބޭކަލަކަށް ފަނުން ގެކޮޅެއް އަޅައި ދީފިއެވެ. ދެން މިރަށުގެ ރައްޔަތުން މި ބޭކަލަކަށް ކޭންތަކާއި ޖާފަތްތައް ތައްޔާރުކޮށްގެން ކޮންމެ ދުވަހަކު ގެންދެއެވެ. މިރަށުގައިވެސް މި ބޭކަލަކީ ފަންޑިތަ އިސްތިރި ވަރިތޮޅި ހެދުމަށް މަޝްހޫރު މީހެއް ކަމަށް ބަލައިގެންފިއެވެ.

މިގޮތަށް ދުވަސްތައް ފާއިތުވަމުން ދަނިކޮށް މިރަށަށް އައި ބީރައްޓެހި ރަށެއްގެ ކުދިންތަކެއް އަތިރިމަތީގައި ބޯޅަ ކުޅެން އުޅެނިކޮށް އެއްކަލަ ގެކޮޅަށް ބޯޅަ ވަދެއްޖެއެވެ. ބޯޅަ ކުޅެން އުޅުނު ކުދިންގެ ތެރެއިން ކުއްޖަކު ބޯޅަ ފަހަތުން ދުވެފައި ގޮސް އެގެއަށް ވަން ބާރު މިނުގައި ނުކުމެ އޭނާގެ މަންމަ ގާތު ބުންޏެވެ. މަންމާއެވެ. ރަށުން ފޮނުވާލި އަރުވާލި ކަލޭގެ އެގޭތެރޭގައި އެބަ އިނެވެ. މި ކުއްޖާގެ މަންމަ ބުންޏެ އެހެންވާނެ ހެއްޔެވެ؟ އެކަލޭގެ ވީ ފޮނުވާލާފައެވެ. މި ކުއްޖާ އެންމެ ފަހުން ކުރުނުކޮށް އޭނާގެ މަންމަ އަތު ހިފައި ގޮވައިގެން ގޮސް އެގޭތެރޭގައި އިން ބޭކަލަކު ދެއްކިއެވެ. އެކުއްޖާގެ މަންމަ އަނގަމަތީ އަތް އަޅައިގެން ނުކުތެވެ. އޭނަ ހައިރާންވީ މިހާރު އެ އަރުވާލި ކަލޭގެ މަސްޖަހައި ފަލަވެފައި އިންވަރުންނެވެ. އަދި އެހާ ޢިއްޒަތުގައި ގެކޮޅެއް ހަދައި ވަލީވެރިއަކަށް ހަދައިގެން އެރަށު މީހުން އުޅޭތީ އެވެ. ދެން މި މަންމަ އެރަށުން ޖެހޭހާ މީހަކު ގާތު އަތިރި މަތީގައި ހުރި ގެކޮޅުގައި އިނީ އެމީހުންގެ ރަށަށް އަރުވާލާފައި ހުރި މީހާކަމަށް ބުނަން ފަށައިފިއެވެ. އަދި އޭނާ ރަށުން ބޭލި ސަބަބުވެސް ކިޔައިދޭން ފަށައިފިއެވެ. އެންމެ ފަހުން މިރަށުގެ ރައްޔިތުން ރުޅިގަދަވެގެން އެއްކަލަ ވަލީވެރިއަކަށް ހެދިގެން އުޅުނު އަރުވާލި ސޮރު ރަށުން ބޭރު ކޮށްފިއެވެ. އޭރު މިރަށުގައި އިނދެވެސް އިސްތިރި އާއި ވަރިތޮޅި ހަދާ އެތައް ބައެއްގެ ދިރިއުޅުން ހަލާކު ކޮށްފިއެވެ.

އޭރު މިގޮތަށް ރަށްރަށަށް ފޮނުވާލާފައި ތިބޭ ބައެއް މީހުން އާމްދަނީ ހޯދުމަށާއި ޢިއްޒަތާއި ޤަދަރުވެރިކަމުގައި އުޅުމަށްޓަކައި މީހުންގެ ވިސްނުމާއި ބުއްދިއާ ކުޅެލައެވެ. މިކަހަލަ ބައެއް މީހުންނަކީ މިގޮތަށް ނާޖާއިޒު ފައިދާ ނަގައިގެން އުޅޭ މީހުންކަން މިފަދަ ހާދިސާތަކުން ސާބިތު ވެއެވެ.