އީރާންގެ ރިއާސީ އިންތިޚާބަށް ކުރިމަތި ލެއްވި 592 ކެންޑިޑޭޓުންގެ ތެރޭން ހަތް ބޭފުޅުން ފިޔަވައި ހުރިހައި ބޭފުޅުން ވަނީ ޑިސްކޮލިފައި ކޮށްފައެވެ. މިއާ އީރާންގައި އާދައިގެ ކަމެކެވެ. 2013 ގައި ހުއްދަ ދީފައި ވަނީ އަށް ކެންޑިޑޭޓަކަށެވެ. އަދި 2017 ގައި ހަ ކެންޑިޑޭޓަކަށެވެ.
މިފަހަރު ކުރިމަތިލެއްލި ކެންޑިޑޭޓުންގެ ތެރޭގައި 1979ން ފެށިގެން އެންމެ ގިނަ ދުވަހަށް ޕާލަމެންޓްގެ ރައީސްކަން ކުރެއްވި އަލީ ލަރިޖާނީވެސް ވަނީ ޑިސްކޮލިފައި ކޮށްފައެވެ. މިހާރުގެ ނާއިބް ރައީސެއްކަމަށްވާ އިސްހާގް ޖަހާންގީރީވެސް ވަނީ ޑިސްކޮލިފައި ކޮށްފައެވެ. މިއިން އީރާންގެ ވެރިކަމުގެ ނިޒާމަށް ތާއީދުކުރާ މީހުން ވެސްވަނީ ހައިރާން ވެފައެވެ. ނަމަވެސް ޕާލަމެންޓްގައި ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ މި ބޭފުޅުންނާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވުމުން އިތުރު ސުއާލެއް ނެތް ގޮތަށް މި ލިސްޓަށް ވަނީ ފަހު ސިއްކަ ޖެހިފައެވެ.
ސައްޔިދު އިބްރާހީމް ރައީސީ އަކީ އީރާންގެ މިހާރުގެ އުއްތަމަ ފަނޑިޔާރެވެ. ކުރިން ޕރޮސެކިއުޓަރ ޖެނެރަލްއާއި ޕްރޮސެކިއުޝަންގައި އުޅުއްވުމަށްފަހު، އޭނާ ގިނަ ދުވަސް ހޭދަ ކުރެއްވީ ޝަރްޢީ ދާއިރާގައެވެ. އޭނާ ވަނީ 2017 އިން ފެށިގެން ރިއާސީ އިންތިޚާބަށް ކުރިލައްވާފައެވެ. އޭނާ އަކީ ނުފޫޒު ގަދަ މަގާމުތައް ފުރުއްވާފައިވާ އަދި އީރާންގެ ވެރިކަމުގެ ނިޒާމުގައި ނުފޫޒު ގަދަ ފަރާތްތަކުގެ ތާއީދު ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.
އީރާންގެ މީހުންގެ މެރުމުގެ ޙުކުމްތަންފީޒު ކުރާ ކޮމިޝަންގެ ރައީސްގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ. މިއީ ގިނަ ސިޔާސީ ދެކޮޅުވެރިންގެ ޙުކުމް ތަންފީޒު ކުރި ކޮމިޝަނެކެވެ.
މިއީ އިސްލާހީ ޚިޔާލުގެ މީހުންގެ މެދުގައި އޭނާގެ މަގްބޫލުކަން ގެއްލިފައިވާ އެއް ސަބަބެވެ.
އެމެރިކާއިން ވަނީ އިންސާނީ ހައްގަށް އަރައިގެންފައިވާ ކަމަށް ބުނެ، ރައީސީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.
2017ގެ އިންތިޚާބްގެ ކެމްޕޭންގައި ޙަސަން ރޫހާވީވެސް ރައިސީގެ އިންސާނީ ހައްގުގެ ރެކޯޑް ދައްކަވައި އޭނާއަށް ފާޑު ވިދާޅުވިއެވެ.
ރައީސީއަކީ ޚަމަނާއީއަށް ފަހު ރޫހާނީ ލީޑަރަކަށްވެސް ވެދާނެފަދަ ނުފޫޒުގަދަ ބޭފުޅެކެވެ. ރައީސީއަށް، ޚާމަނާއީގެ ތާއީދު އޭނާ ސިއްރު ކުރައްވާފައެއް ނުވެއެވެ.
ޢަބްދުއްނާސިރު ހިންމަތީ އަކީ ޓެކްނޯކްރޭޓެކެވެ. ރައީސީއަކީ، ދީނީ އަދި ސިޔާސީ ބަރެއް ނަމަ، ހިންމަތީއަކީ، ސިޔާސީ ބުރަދަނެއް ނެތް ބޭފުޅެކެވެ. އޭނާއަކީ 2018ން ފެށިގެން އިއްޔެއާ ހަމައަށް އީރާންގެ މަރްކަޒީ ބެންކުގެ ގޮރްނުދޯރެވެ. ކުރިން އީރާނުން ޗައިނާއަށް ކަނޑައަޅާފައި ހުރި އެމްބެސެދަރުގެ މަގާމުވެސް އޭނާ ފުރުއްވިއެވެ. އޭގެ ކުރިން އެތައް ބެންކެއްގެ އިސްމަގާމު ފުރުއްވައި އަދި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގައިވެސް އޭނާ މަގާމް އަދާ ކުރެއްވިއެވެ.
ހިންމަތީއަކީ މިނިވަން އިގްތިސާދަށް ބާރުއަޅުއްވާ އަދި އީރާންގެ އިންޝޫރެންސްގެ ދާއިރާ އިސްލާޙު ކުރެއްވި އިކޮނިމިސްޓެކެވެ.
ބެލެވޭ ގޮތުގައި ހިންމަތީއަށް ތާއީދު ކުރާ ބަޔަކަށްވާނީ ރައީސް ހޫރާނީއަށް ތާއީދު ކުރާ މީހުންނެވެ.
ސައީދު ޖަލީލީއަކީ އަލީ ޚާމަނާއީގެ ސަޕޯޓަރެކެވެ. އޭނާއަކީ އީރާން އިރާގް ހަނގުރާމައިގައި ޒަޚަމްވެ އެއް ފައި ބުރިކޮށްފައިވާ މީހެކެވެ. އޭނާއަކީ އިސްލާމީ ސަގާފަތަށް ހޭލުންތެރިއެކެވެ. އޭނާ އިމާމް ސާދިޤް ޔުނިވަރސިޓީގައި ލިޔުއްވި ތީސިސް ގެ މައުޟޫއަކީ، ސަލާމާއި ސަލަވާތް ލެއްވި، ކީރިތި ރަސޫލާ ފޮރިން ޕޮލިސީގެ މައްޗަށެވެ. އޭނާގެ އެންމެ ގާތް އުސްތާޛް އާޔަތުﷲ އަޙްމަދު ޢާލަމުއްޟުހާއަކީ، ރިއާސީ އިންތިޚާބްގައި ވާދަކުރައްވާ ރައީސީގެ ދަނބިދަރިފުޅެވެ.
ޖަލީލީ ވަނީ ޚާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާފައެވެ. ޔޫރަޕްއާއި އެމެރިކާގެ ޑިވިޜަންގައި މަސައްކަތް ކުރެއްވުމަށް ފަހު އޭނާ ޑެޕިއުޓީ ފޮރިން މިނިސްޓަރގެ މަގާމުވެސް ފުރުއްވިއެވެ.
2011 ގައި އޭނާގެ ވަޒީފާ ބަދަލު ކޮށްފައިވަނީ، އަލީ ޚާމަނާއީގެ އޮފީހަށެވެ. ސުޕްރީމް ލީޑަރުގެ އޮފީހުގައި އޭނާއަކީ، ޕްލިސީ ވިލަރެސް ކުރުމުގެ ޑިރެކްޓަރެވެ.
އީރާންގެ ނިއުކްލިއަރ މަޝްވަރާތަކުގައިވެސް އޭނާ ބައިވެރިވެ ވަޑައިގެންފައި ވެއެވެ. އަޙްމަނީ ނީޒާދުގެ ރިއާސަތުގައި އޭނާގެ މަސައްކަތް މީހުން ބަލައިގެންފައިވަނީ ރިފޯމިސްޓެއްގެ ގޮތުގައެވެ.
ބެލެވޭ ގޮތުގައި ޖަލީލީއަށް ރިއާސީ އިންތިޚާބްގައި ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގަތް ނަމަވެސް ރައިސީގެ ސަރުކާރެއްގައި ޖަލީލީއަށް ވަޒީރެއްގެ ދަރަޖަ ލިބިވަޑައިގަންނަވާނެ ކަމަށެވެ.
މުޙްސިން ރަޟާއީ އަކީ 2005، 2009، 2013، އަދި މިހާރު 2021ގައިވެސް ރިއާސީ ރޭހުގައި އުޅުއްވާ ބޭފުޅެކެވެ. އޭނާ ޕާލަމެންޓަށް ކުރިލެއްވިއަސް އަދި ރިއާސީ ރޭހަށް ކުރިމަތި ލެއްވިއަސް ކޮންމެ އިންތިޚާބެއްގައިވެސް އޭނާ ނާކާމިޔާބީ ހޯއްދަވައެވެ.
އޭނާއަކީ، އިސްލާމީ ރެވަލޫޝަންރީ ގާޑުންގެ ކޮމާންޑަރެއްގެ ގޮތުގައި 1981ން 1997އަށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް މަގާމު ގެއްލިވަޑައިގަތީ ރައީސް މުޙައްމަދު ޚާތަމީ ވެރިކަމަށް ވަޑައިގަތުމުންނެވެ. ރަޟާއީ މަގާމުގައި ހުންނަވައިގެން ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާފައި ވުމުން ޚާތަމީ އޭނާ މަގާމުން ދުރު ކުރެއްވީއެވެ. އަދި ޚާތަމީގެ ކެމްޕޭނާ ދެކޮޅަށްވެސް އޭނާ މަސައްކަތް ކުރެއްވިއެވެ.
ފަހުން ރަޟާއީ ހުންނެވީ ޕާލަމެންޓާއި ގާޑިއަން ކައުންސިލްގެ ދެމެދުގެ ދެބަސްވުންތައް ހައްލު ކުރުމަށް މަސައްކަތް ކުރާ ކައުންސިލްގެ ރައީސްގެ މަގާމުގައެވެ. މިއީ ރޫޙާނީ ލީޑަރު ދެއްވާ މަގާމެކެވެ. ޚާމަނާއީއަށް މަޝްވަރާވެސް އެރުވޭ މަގާމެކެވެ. ނަމަވެސް ޚާމަނާއަށް ބައެއްފަހަރަށް ރިޟާއީގެ ސަބަބަން އުދަނގޫފުޅު ކަންތައްތަކާ ދިމާވެވަޑައިގަތް ކަމަށްވެސް ބެލެވެއެވެ. މީގެ ސަބަބަކީ، ރަޟާއީގެ ދަރިފުޅު، އަޙްމަދު އީރާން ދޫކޮށް އެމެރިކާއަށް ގޮސް އީރާނާ ދެކޮޅަށް އަޑު އުފުލުމުންނެވެ. ފަހުން އަހުމަދު ފެނުނީ 2015ހައި ޑުބާއީ ހޮޓަލެއްގައި މަރުވެފައި އޮތްވައެވެ.
އަލީރިޒާ ޒާކާނީ އަކީ ހަރުކަށި ޚިޔާލުގެ ބޭފުޅެކެވެ. އޭނާއަކީ ޕާލަމެންޓްގެ ރިސާޗް ސެންޓަރ ރައީސެވެ. އަދި ކުރީގެ އެމްޕީއެކެވެ. ނިއުކްލިއަރ މެޑިސިންއިން ކިޔަވައި ވިދާޅުވެ ހުންނެވި މެޑިކަލް ޑޮކްޓަރެކެވެ. އޭނާ އަމިއްލަ ނޫހެއް، ޖާހާން ނިއުސް ހިންގަވައެވެ. އަދި އަމިއްލަ ފައުންޑޭޝަނެއްވެސް ހިންގަވައެވެ.
ކުރީގެ ރައީސް ނީޒާދަށް އޭނާ ސަޕޯޓް ކުރެއްވިއެވެ. އަދި ޖާހާން ނިއުސް މެދުވެރިކޮށް ނީޒާދުގެ ސަރުކާރުގެ މަސްއޫލުވެރިންގެ ކޮރަޕްޝަން ބޭޒާރު ކުރެއްވިއެވެ.
2013އާއި 2017ގައި އޭނާ ރިއާސީ އިންތިޚާބަށް ކުރިމަތި ލެއްވުމުން ޑިސްކޮލިފައި ކޮށްފައި ވެއެވެ.
ޒާކާނީއަކީ ރައިސީއާ މުގާބިލާ ކުރެވޭ ފެންވަރުގެ ބޭފުޅެއް ނޫނެވެ. ނަމަވެސް އޭނާގެ މަގްސަދަކީ ރައިސީގެ ސަރުކާރުގައި ކެބިނެޓް މަގާމެއް ހޯދުމަށް ކުރީސަފަށް ނިކުންނެވުން ކަމަށް ބެލެވެއެވެ.
ސައްޔިދު އަމީރު ޙުސެއިން ޤާޟީޒާދާ ހާޝިމީ އަކީ 2008ން ފެށިގެން އެމްޕީއެކެވެ. އަދި މިހާރު ޕާލަމެންޓްގެ އެއްވަނަ ޑެޕިއުޓީ ސްޕީކަރެވެ.
އޭނާއަކީ އީއެންޓީ ޑޮކްޓަރެކެވެ. އަދި ފަޅާ ސާޖަންއެއްވެސް މެއެވެ.
ހާޝިމީއަކީ ނިއުކްލިއަރ މައްސަލާގައި ހަރުކަށި ސިޔާސަތެއް އެމެރިކާއާ ދެކޮޅަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.
އޭނާ ނާކާމިޔާބުވެ ވަޑައިގަތަސް ކޮމްނެވެސް އިސްމަގާމެއް އޭނާއަށް ލިބިވަޑައި ގަންނަވާނެ ކަމަށް ބެލެވެއެވެ.
މުޙްސިން މެހެރްއަލީޒާދާ އަކީ އިސްލާހީ ޚިޔާލުގެ ސިޔާސީ ބޭފުޅެކެވެ. އޭނާ ވަނީ ކުރީގެ ރައީސުން ކަމަށްވާ ރަފްސަންޖާނީ، ޚަތަމީ، ރޫހާނީވެ ވެރިކަމުގައި އިސްމަގާމުތައް ފުރުއްވާފައެވެ.
މެހެރްއަލީޒާދާއަކީ އިންޖިނޭރެކެވެ. އަދި އީރާންގެ އެޓޮމިކް އެނަރޖީ އޮގަނައިޒޭޝަންގައިވެސް އޭނާ އިސްމަގާމެއް ފުރުއްވާފައި ވެއެވެ. ފަހުން ޚުރާސާން ޕްރޮވިންސްގެ ގަވަރުނަރުކަންވެސް ކުރެއްވިއެވެ.
2005ގައި އޭނާ ރިއާސީ ރޭހަށް ނިކުންނެވުމުން ގާޑިއަން ކައުންސިލުން އޭނާ ޑިސްކޮލިފައި ކުރިއެވެ. ނަމަވެސް ރޫހާނީ ލީޑަރު އޭނާއަށް ރުހުން ދެއްވުމުންވެސް އޭނާއަށް ކެމްޕޭންގައި ކުރިއެރުމެއް ނުހޯއްދެވުނެވެ.
އީރާންގެ ދައުތަލުގެ މުއައްސަސާތަކުގައި މެހެރްއަލީޒާދާއަށް ވުރެން މާނުފޫޒުގަދަ ބޭފުޅުން މި ރޭހުގައި ތިއްބެވުމުން އޭނާއަށް ކާމިޔާބު ވުމަކީ ނާދިރު ކަމެކެވެ.