ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ދުބާއީގެ ކުންފުންޏަކާ 75 ވެންޓިލޭޓަރުގެ ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައާ އެކު ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވިޔަސް އެ ކުންފުންޏާ އެކު ހިންގާފައިވާ މުއާމަލާތަކީ މުޅިން ވެސް މަކަރާއި ހީލަތްކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

ރާއްޖެ އަށް 145 ވެންޓިލޭޓަރު ގެންނަން ތިން ކުންފުންޏަކާ ހަވާލުކުރުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް، މިއަދު އާންމުކުރި އޮޑިޓް އޮފީހުގެ ޚާއްސަ އޮޑިޓުން ހާމަވަނީ އެކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިންގާފައިވާ ކަމެވެ.

އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ 34 މިލިއަން ރުފިޔާ އަށް ހަވާލުކޮށް، ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި ވުމެވެ. ވެންޓިލޭޓަރުތައް ގެންނަން އެ ކުންފުންޏާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) މެދުވެރިކޮށް ކަމަށް ހެލްތުން ބުނަމުން އައި ވާހަކަ ވެސް އޮޑިޓުގައި ވަނީ ދޮގުކޮށްފަ އެވެ.

އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަކީ ޑަބްލިއުއެޗްއޯއިން ރެކޮމެންޑް ކުރި ފަރާތެއް ނޫން.
އޮޑިޓް

ދުބާއީގެ މި ކުންފުންޏަކީ ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދޫކުރި ހަމައެކަނި ކުންފުނި ވެސް މެ އެވެ. އެ މީހުން ވެންޓިލޭޓަރެއް ގެނެސްދެނީ 32،500 ޑޮލަރަށެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށް ވާއިރު އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ. މި ވެސް އޮޑިޓުގައި ފާޅުކޮށްފައި އޮތް ކަންބޮޑުވުމެކެވެ.

ގެރެންޓީއަކާ ނުލައި 30 މިލިއަން ރުފިޔާ ދިން!

ވެންޓިލޭޓަރުތައް ފޯރުކޮށްދޭނެ ކަމަށް ބާރުއަޅައި އެއްވެސް ގެރެންޓީއެއް ނުހޯދައި ހެލްތުން ވަނީ ދުބާއީ ކުންފުންޏަށް އެއްބަސްވުމުގެ އަގަށްވާ 90 ޕަސެންޓް ފައިސާ ދޫކޮށްފަ އެވެ. އެއީ 30.9 މިލިއަން ރުފިޔާ އެވެ. މި ފައިސާ ދޫކޮށްފައި ވަނީ އޮޑިޓުގައި ބުނެފައިވާ ގޮތުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށެވެ.

ވެންޓިލޭޓަރުތައް ނުލިބެނީސް އެ ފައިސާ، ފިނޭންސްގެ ހުއްދައާ އެކު ހެލްތުން ދޫކުރީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. އެޑްވާންސް ޕޭމަންޓުގެ ގެރެންޓީއެއް ނުހޯދައި މަޝްރޫއުގެ ހުރިހާ ފައިސާއެއްހެން އެ ކުންފުންޏަށް ދޫކުރުމަކީ އަނބުރާ އެ ފައިސާ ހޯދަން ދަތިވާނެ ކަމެއް ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

"75 ވެންޓިލޭޓަރު ފޯރުކޮށްދޭނެ ކަމަށް ބުނެ އޮޅުވާލީ"

ގުދަނުގައި 75 ވެންޓިލޭޓަރު ހުރި ކަމަށް ބުނެ އެ ކުންފުނިން އެއްބަސްވީ ދެ ހަފުތާ ތެރޭގައި އެ ތަކެތި ފޯރުކޮށްދޭށެވެ. އެކަމަކު އެއްބަސްވުމުގައި ސޮއިކުރިތާ ހަތަރު މަސް ވި އިރު ވެސް ވެންޓިލޭޓަރުތައް ހެލްތު މިނިސްޓްރީއާ ހަވާލެއް ނުކުރެވުނެވެ.

ވެންޓިލޭޓަރުތައް ހަމައަށް ހަވާލުނުކުރުމަކީ އޮޑިޓް އޮފީހުން ތުހުމަތުކުރާ ގޮތުގައި އެގްޒެކިއުޓާސް އިން މިކަމުގައި އޮޅުވާލާފައިވުމެވެ.

"ވެންޓިލޭޓަރުގެ ޑިމާންޑް މުޅި ދުނިޔޭގައި ވެސް އިތުރުވެފައިވާ ދަނޑިވަޅެއްގައި ހީލަތްތެރި އޭޖެންޓުންނާއި އޭޖެންޓުން ކަމަށް ހެދިގެން އުޅޭ ހީލަތްތެރިން ގިނަވާނެ އެވެ. އެހެންކަމުން ދައުލަތުގެ މާލީ ކަންކަމާ ހަވާލުވެގެން ތިބޭ ފަރާތްތަކުން ދައުލަތުގެ މުދަލާއި ފައިސާ ރައްކާތެރިކުރުމަށް އިތުރަށް ސަމާލުވުމަކީ އެ ފަރާތްތަކުގެ ޒިންމާއެކެވެ،" އޮޑިޓުގައިވެ އެވެ.