ކޮވިޑް19ގެ ނުރައްކާ ކުޑަކުރުމަށްޓަކައި އެންމެންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް19ގެ ނުރައްކާ ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވާ މީހުން އިތުރުވަމުންދާ ކަން ވެސް އޭނާ ވަނީ ފާހަަގަ ކުރައްވައިފަައެވެ، ހަމަ އެއާއެކު ކޮވިޑް19އިން ސަލާމަތްވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ޢާއްމުގެ ފަރާތުން ވަރަށްބޮޑަށް އެއްބާރުލުން ވެސް ލިބޭކަމަށް މަބްރޫކުވަނީ ވިދާޅުވެފައެވެ. މާލެ ސަރަހައްދުގައި​ ޢަމަލު ކުރަންޖެހޭ އުޞޫލުތަކަށް ވެސް މިހާރުވަނީ ވަރަށްބޮޑަށް ބަދަލު ގެނެސްފައެވެ. އަދި މިކަން ތަންފީޒު ކުރުމަށްޓަކައި ފުލުހުންނާއި ސިފައިން މާލޭގެ އެކި ސަރަހައްދުތަކުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުން ކުރާ މަސައްކަތުން އެ ބޭފުޅުންނަށް ފާހަގަ ކުރެވެނީ މަދު ޢަދަދެކެވެ. ކުރިން 100 ވަރަކަށް މީހުން ޖޫރިމަނާ ކުރެވެމުން ދިޔަނަމަވެސް މިހާރު އެ ޢަދަދުވަނީ 900 އަށް އަރާފައެވެ. މިކަމުން އަރައިގަނެވޭނީ ކޮވިޑް19 ފެތުރޭ މިންވަރު ދަށްކޮށްގެންނެވެ. މީގެއިތުރުން މިހާރު އެޅިފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ޢަމަލު ކުރެވޭނަމަވެސް ޖޫރިމަނާ ކުރެވޭ ޢަދަދު ވަރަށް ބޮޑަށް މަދުވެގެން ހިނގައިދާނެކަމަށްވެސް މަބްރޫކް ވިދާޅުވެފައިވެއެވެ.

މިދިޔަ ބުދަދުވަހުގެ އިރުއޮއްސި 6:00އާ ހަމަށް ކާފިއުގެ އުސޫލުތަކާ ޚިލާފުވެގެން 913 މީހުންވަނީ ޖޫރިމަނާ ކޮށްފައެވެ. މީގެތެރެއިން 631 މީހަކު ޖޫރިމަނާކޮށްފައިވަނީ ކާފިއުގަޑީގައި ބޭރުގައި އުޅުމުގެ ސަބަބުންނެވެ. މާސްކު ނާޅައިގެން 200އަށްވުރެ ގިނަމީހުންވަނީ ޖޫތިމަނާކޮށްފައެވެ.

މަބްރޫކް ވިދާޅުވީ ކޮވިޑް19ގެ ކޭސްތައް އިތުރުވެގެން ދިއުމުން ކުރިމަތިވި ކަންކަން ނުހިފެހެއްޓި ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި އުދަގޫތަކަކާ ކުތިމަތިލާން ޖެހުނުކަމަށެވެ. އަދި މިކަމުގެ ސަބަބުން ޢާއިލާތަކުން ތަޙައްމަލް ކުރަން ޖެހުނު ތަކުލީފުތައްވެސް ފެނިގެން ހިނގައްޖެ ކަމަށެވެ. ވީމާ އެކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިހާރު އެޅިފައިވާ ފިޔަވަޅުތަކަށް ތަބާވާންޖެހޭކަމަށްވެސް މަބްރޫކްވަނީ ވިދާޅުވެފައެވެ. މިކަމުގައި ދަތި ތަކެއް ހުރިނަމަވެސް ބަލި ކޮންޓްރޯލު ކުރުމަށްޓަކައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ފުތިހަމައަށް ތަބާވުމަށް އެޗް.އީ.އޯ.ސީ ގެ ކްލިނިކަލް މެނޭޖްމެންޓް އެޑްވައިޒަރީ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. އިބްރާޙީމް ޝިހާމް ވެސްވަނީ އިލްތިމާސް ކުރައްވާފައެވެ.

މިހާރުގެ ކޭސްތައް ފެންނައިރު ކޮވިޑްގެ ޢަލާމާތްތައް ނުފެނިވެސް ފައްސިވާ މީހުންގެ ޢަދަދު 15%އާ 30%އާ ދޭތެރޭ އޫޅޭކަމަށް ޑރ. އިބްރާޙީމް ޝިހާމް އަލިއަޅުއްވާލައްވާފައިވެއެވެ. ވީމާ ގޭތެރޭ ހައިރިސްކު މީހަކު އުޅޭނަމަ އެ މީހަކާ މުޢާމަލާތް ކުރާއިރު މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުން ވަރަށް މުހިއްމު ކަމަށްވެސް ޑރ. ވަނީ ވިދާޅުވެފައެވެ. އަދި ގިނަގިނައިން އަތް ދޮވުމަށްވެސް ޑރ. ވަނީ އިލްތިމާސް ކުރަށްވާފައެވެ.

މިދިޔަ މަހުގެ އޭޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން ކޮވިޑް19އަށް ފައްސިވާ މީހުންގެ ޢަދަދު ވަރަށްބޮޑަށް ވަނީ އިތުރުވެފައެވެ. ޚާއްޞަކޮށް މާލެ ސަރަޙައްދުގައި އިންތިހާއަށް މިބައްޔަށް ފައްސިވާ މީހުންގެ އަދަދުވަނީ ހީނުކުރާވަރަށް އިތުރުވެފައެވެ. އަދި މި ބަލީގައި ނިޔާވާ މީހުންގެ ޢަދަދުވެސް ބިރުގަންނަވަރަށް ވަނީ އިތުރުވެގެން ގޮސްފައެވެ. އެގޮތުން 24ގަޑި އިރުތެރޭ 13 މީހަކުވަނީ ނިޔާވެފައެވެ. އެހެން ނަމަވެސް މިހާރު އަނެއްކާވެސް މިބަލީގައި ނިޔާވާ މީހުންގެ ޢަދަދު މިވަނީ މަދުވެފައެވެ.