އިޒްރޭލަށް ތާއީދު ކުރާ މީހުންގެ އަތުން އިނގިރޭސި ކެބިނެޓްގެ 33 ޕަސެންޓް މެމްބަރުން ފައިސާ ލިބިވަޑައިގަތް ކަމަށް ޑިކްލަސިފައިޑް ޔޫކޭއިން ބުނެއެވެ.
- ބޮރިސް ޖޯންސަން ވަނީ 2004 ގައި އިޒްރޭލް ސަރުކާރުން ދެއްވި ފައިސާއިން އިޒްރޭލަށް ވަޑައިގެންފައެވެ. އިޒްރޭލުން މި ފައިސާ ނުވަތަ އެހީ ލިބުނުކަން އޭނާ އިޢްލާނެއް ނުކުރައްވައެވެ. ހަތަރު އަހަރު ވަންދެން މިކަން ސިއްރު ކުރެއްވިއެވެ.
- ޖޯންސަންގެ ފަރާތުން ލަންޑަންގެ މޭޔަރގެ މަގާމަށް ވާދަ ކުރި ފަރާތަށް ކެމްޕޭނަށް ބަސް ދަތުރު އިޒްރޭލުގެ ސަޕޯޓަރުން ހަމަޖައްސަވައި ދެއްވިއެވެ.
- މެދުއިރުމަތީގެ ސިޔާސަތާ ބެހޭ އިސް މަސްއޫލުވެރިޔާއަށް ވެސް އިޒްރޭލަށް ސަޕޯޓް ކުރާ ލޮބީ ގްރޫޕުން ވަނީ ފައިސާ ދީފައެވެ. 2015 ގައި އޭނާ ގެ އިޒްރޭލް ދަތުރުގެ ޚަރަދު ދީފައިވަނީ މި ގްރޫޕުންނެވެ. ބަދަލުގައި ޕާލަމެންޓްގައި އޭނާ ވަނީ އިޒްރޭލުން ޣައްޒާއަށް ދިން ބޮމުގެ ހަމަލަ ދިފާއު ކުރައްވާފައެވެ.
- ކެބިނެޓް އޮފީހުގެ އިސްމަސްއޫލު ވެރިޔާ މައިކަލް ގޯވް އަށް އިޒްރޭލްގެ ލޮބީ ގްރޫޕުން އެމެރިކާއަށް ވަޑައިގަތުމަށް 2017ގައި ދަތުރެއް ހަމަޖައްސައި ދިނެވެ.
- ޖޯންސަންގެ އިންޓަރނަލް އެފެއާޒް އެޑްވައިޒަރ ޑޭޥިޑް ކަރޭ އަކީ ކުރިން އިޒްރޭލަށް ޔޫކޭއިން ކަނޑައަޅާފައިވާ އެމްބެސެޑަރެވެ.
- ޑިކްލަސިފައިޑް ޔޫކޭއިން ތުހުމަތު ކުރާ ގޮތުގައި އިޒްރޭލް ސަރުކާރުން ނުވަތަ އިޒްރޭލަށް ސަޕޯޓް ކުރާ ލޮބީ ގްރޫޕުން ދިން ފައިސާއިން ޖޯންސަންގެ ކެބިނެޓްގެ ތިންބައިކުޅަ އެއްބައި މަސްއޫލުވެރިން ފައިދާ ހޯއްދަވާފައިވެއެވެ.
23 ކެބިނެޓް ވަޒިރުންގެ ތެރޭން އަށް މެމްބަރުންނަށް އިޒްރޭލަށް ނުވަތަ އެމެރިކާއަށް ދަތުރުތައް މި ގްރޫޕުން ހަމަޖައްސައި ދީފައި ވެއެވެ.
މީގެ އިތުރުން ޕާލަމެންޓް މެމްބަރަކަށް ސާދަހާސް ޕައުންޑް ރޭޓުން ފައިސާ ދީފައި ވެއެވެ.
ޕާލަމެންޓަށް ވެންނެވިތާ ތިން އަހަރު ފަހުން، ޖޯންސަން ނޮވެމްބަރު 2004 ގައި އިޒްރޭލަށް ވަޑައިގަތެވެ. މި ދަތުރު ހަމަޖައްސައި ދިނީ ކޮންޒަރވެޓިވް ފްރެންޑްސް އޮފް އިޒްރޭލްއާއި އިޒްރޭލް ސަރުކާރުން ގުޅިގެންނެވެ.
އިނގިރޭސި ޕާލަމެންތްގެ ކޮންސަރވެޓިވް ޕާޓީގެ 80 އިންސައްތަ މެމްބަރުންނަކީ ކޮންޒަރވެޓިވް ފްރެންޑްސް އޮފް އިޒްރޭލްގެ މެމްބަރުންނެވެ.
ޖޯންސަންގެ ވޯލްޕޭޕަރއާއި ދޮރުފޮތީގެ ވާހަކަވެސް އާންމުކޮށް އިޢްލާން ނުކުރެއްވި ފަދައިން މި ދަތުރުގެ ޚަރަދު ހަމަޖައްސައިދިންކަންވެސް އޭނާ އިޢްލާނެއް ނުކުރައްވައެވެ.
އިޒްރޭލް ސަރުކާރުން އިނގިރޭސި އެމްޕީއަކަށް ދަތުރެއް ދީފިނަމަ، އޭނާ އިޒްރޭލާ މެދު ވާހަކަ ދައްކާ ގޮތް މި ވީޑިއޯ އިްނ ސާފުވާނެއެވެ.
ޖޯންސަންގެ ސަރުކާރުން އިޒްރޭލް ފަލަސްތީން މައްސަލާގައި ދެފުށް ދެގޮތް ސިޔާސަތު ގެންގުޅުއްވާކަން ދޭހަވަނީ، އިޒްރޭލްގެ ހަމަލަތައް ކުށްވެރި ކުރުމަކާ ނުލައި ހަމާސްގެ ހަމަލަތައް ކުށްވެރި ކުރަމުން ދިއުމުންނެވެ.
ޑިކްލަސިފައިޑް ޔޫކޭއިން އިޒްރޭލް ލޮބީން ގްރޫޕުން ފައިސާ ދިން މީހުންގެ ތެރޭގައި އަލޮކް ޝަރްމާއާއި ޕްރިޓީ ޕަޓޭލްގެ ނަންވެސް ހިމަނާފައި ވެއެވެ. އަދި ހޯމް ސެކެޓްރީ ޕްރިޓީ ޕަޓޭލްއަށް 2500 ޕައުންޑް ދިންކަމަށްވެސް ބުނެފައި ވެއެވެ.