ކޮވިޑް-19ގެ ހާލަތު މާލެ ސަރަހައްދުގައި ގޯސްވަމުން އައުމާއި ގުޅިގެން މިސްކިތްތައް ބަންދު ކުރެވުނު ކަމުގައި ވިޔަސް، މާލެ ސަރަހައްދުގައި އަދިވެސް 37 މިސްކިތެއްގައި ނަމާދުކުރުމާއި، ވުލޫކުރުމާއި، ފާހާނާ ކުރެވޭނެ އިންތިޒާމް އޮތްކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބުނެފިއެވެ.
މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީ އާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ކޮވިޑް-19ގެ މި ނުރައްކާތެރި ހާލަތުގައި އާންމު ރައްޔިތުންގެ ރައްކަލަކަށްޓަކައި އެޅިފައިވާ ފިޔަވަޅުތަކާ ހިލާފަށް ގިނަ ބަޔަކު މިސްކިތްތަކުގައި ގައިދުރުކަމެއް ނެތި ޖަމާއަތް ހަދައިގެން ނަމާދުކުރަމުން ގެންދިޔުމުގެ ސަބަބުން އާންމު މަސްލަހަތައް ރިއާޔަތްކޮށް މިސްކިތްތައް ބަންދުކުރުމަށް ނިންމަން މަޖުބޫރުވިކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މެއި މަހުގެ ތެރޭގައި ދީނީ އިލްމުވެރިންގެ ލަފަޔާއެކު ކޮވިޑް-19 ގެ މިހާލަތުގައި ރައްކާތެރިކަމަށް ޓަކައި މިސްކިތްތައް ބަންދު ކުރެވުނަސް މާލެ ސަރަހައްދުގައި ހުންނަ 40 މިސްކިތުގެ ތެރެއިން 37 މިސްކިތެއްގައި ނަމާދު ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މިސްކިތްތަކުގެ ފެން ކަނޑާލައި މިސްކިތްތައް ތަޅުލުމާ ގުޅިގެން ގިނަ ބަޔަކު މިކަމާ ނުރުހުން ފާޅުކުރަމުން ދަނިކޮށް އިސްލާމިކް މިނިސްޓްރީން ވަނީ އަލުން މިސްކިތްތަކަަށް ފެން ދީފައެވެ.
މިފިޔަވަޅުތައް އަޅާފައި ވަނީ ކޮވިޑް ބަލީގައި މަރުވާ މީހުންގެ އަދަދު ގިނަވެ ޕޮޒިޓިވް މީހުން އިންތިހާއަށް ގިނަ ވުމާ ގުޅިގެންނެވެ.