ކޮވިޑް ބަލީގެ ނުރައްކާ މިހާރު މިވަނީ މުޅިދުނިޔެއަށް ފެތުރި ބޮޑު ބިރުވެރި ކަމެއްގެ ތެރެއަށް ވެއްޓިފައެވެ. އަދިވެސް އެކަށިގެންވާ ވެކްސިނެއް ނޫނީ ބޭހެއްވެސް ހޯދިފައިނުވާ މި ބަލީގައި ގިނަބަޔަކު ދަނީ މިދުނިޔެއާ ވަކިވަމުންނެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި އުފައްދާފައިވާ ވެކްސިން ބޭނުން ކުރި ކަމުގައިވިއަސް މާބޮޑު އެދެވޭ ނަތީޖާއެއް މިއިން އެއްވެސް ވެކްސިނަކުން މިހާތަނަށް ނެރެވިފައެއް ނުވެއެވެ. ޚާއަޞަކޮށް ދުވަސްވީ މީހުން މިބަލީގައި މަރުވެގެން ދާކަން ވަރަށް ބޮޑަށްވަނީ ފާހަގަ ކުރެވިފައެވެ. ނަމަވެސް ޒުވާނުންނާއި ކުޑަކުދިންނަށްވެސް ކޮވިޑް ޖެހި މަރުވަމުންދާކަން މިހާރު މިވަނީ ވަރަށްބޮޑަށް ފާހަގަ ކުރެވެން ފަށާފައެވެ. މި ބައްޔަށް ޕޮޒިޓިވް ވާމީހުންގެ ޢަދަދު ގިނަވުމުން ފަރުވާނުދެވި ވެސް އެތައް ބައެއްވަނީ މި ދުނިޔެއާ ވަކިވެފައެވެ.
މި ކުޑަކުޑަ ރާއްޖޭގައިވެސް މިބަލި މިދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ. އަދި މި ބަލީގައި މަރުވާ މީހުންވެސް އިތުރުވަމުންދާކަން މިވަނީ ވަރަށް ބޮޑަށް ފާހަގަ ކުރެވިފައެވެ. ހަމަ އެހެންމެ ކުޑަކުދިންނަށްވެސް މި ބަލީގައި މިހާރު ފަރުވާ ހޯދަމުންދާކަމަށް އެޗްޕީއޭ ގެ ރެކޯޑްތަކުން ދައްކައެވެ. މިބައްޔަށް އަމާޒުކޮށް އުފައްދާފައިވާ ވެކްސިން ބޮޑެތި މީހުން ބޭނުން ކުރިކަމުގައިވިއަސް ކުޑަކުދިންނަށް އަދި މިވެކްސިން ބޭނުންކުރުން ރަނގަޅުނޫންކަމަށް ސިއްޚީ މާހިރުންވަނީ ލަފާދެއްވާފައެވެ. މި ބަލީގެ ވައިރަސް އެކި ޤައުމުތަކަށް ފެތުރެމުންދާއިރު މި ވައިރަސް އަންނަނީ އެކި ގޮތްގޮތަށް ބަދަލުވެ ބާރުގަދަވަމުންނެވެ. އަދި ޚާއްސަކޮށް ބަލި ޖެހޭ މިންވަރު އަވަސްވަމުންނެވެ. ވުމާއެކު މި ބަލީގެ ނުރައްކާ ކުޑަކުދިންނަށް އޮތީ ކިހާމިންވަރަކަށްތޯ ބަލާ ހޯދިފައެއް އަދިނެތެވެ. އެފަދަ ދިރާސާތަކެއް ކުރާނެ ވަގުތުވެސް އަދި މިވަނީ ސިއްޚީ މާހިރުންނަށް ނުލިބިފައެވެ. މި ބަލީގައި މަރުވާ ކުޑަކުދިންގެ ޢަދަދު މަދުނަމަވެސް މިހާރު އެ ޢަދަދު އަންނަނީ ދުނިޔޭގެ އެކި ޤައިމުތަކުގައި އިތުރުވަމުންނެވެ. ކުޑަކުދިން މި ބަލިން ސަލާމަތް ކުރެވެން އޮތް ހަމައެކަނި ހައްލަކީ މާބަނޑު އަންހެނުންނާއި، ކުޑަކުދިން ވަށައިގެން އުޅޭ މީހުން ރައްކަތެރިވެ ތިބެގެންނެވެ. މިކަމުން ރައްކާތެރިވެވެން އޮތް ހަމައެކަނި ގޮތަކީ ސާފުތާހިރު ކަންމަތީ ތިބުމާއި، ގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި، މާސްކު އެޅުމުގެ އިތުރުން އެކަކު އަނެކަކާ ގައިދުރުކަން ބެހެއްޓުމެވެ. މީގެ އިތުރުން ސިއްޙީ މާހިރުންގެ އެންގުންތަކަށް ކިޔަމަންވުމަކީ މިކަމަށް މިވަގުތުއޮތް އެންމެ ފުރިހަމަ ރައްކާތެރިމަކެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ޢަދަދުތަކަށް ބަލާއިރު ހުސްވި މޭމަހުވެސް 381 ކުޑަކުދިންވަނީ ކޮވިޑް19 އަށް ޕޮސިޓިވް ވެފައެވެ. މީގެތެރޭގައި އަލަށް އުފަންވާ ކުދިންނާއި، 1އަހަރުން ދަށުގެ ކުޑަކުދިންވެސް ހިމެނޭކަމަށް އެޗްޕީއޭއިން ހާމަކުރައްވާފައިވެއެވެ. މި ބަލީގެ ނުރައްކާ ރައްޖޭގައި އެންމެ ބޮޑުވި މަހަކީވެސް މިދިޔަ މޭމަހެވެ. އެމަހު އެކަނިވެސް 34516 މީހުންވަނީ މި ބައްޔަށް ޕޮސިޓިވް ވެފައެވެ. އޭގެތެރޭގައި 10 އަހަރުން ދަށުގެ 5000 ކުދިން ހިމެނޭކަންވެސް ވަނީ އެޗްޕީއޭގެ ރެކޯޑުތަކުން ދައްކައެވެ. މިދިޔަ މޭމަސް ފެށުނުއިރު ރާއްޖޭގައި ކޮވިޑަށް ޕޮސިޓިވްވާ މީހުންގެ ޢަދަދު އުޅުނީ 500އިން ދަށުގައެވެ. ނަމަވެސް މޭމަހުން ފެށިގެން މި ޢަދަދުވަނީ 1000ން މައްޗަށް އަރަން ފަށާފައެވެ.
ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު އަޙުމަދު ފައިޞަލް ވިދާޅުވަނީ މިބަލީގެ ނުރައްކާ ކުޑަކުދިންނަށް ވަރަށް ބޮޑުކަމަށެވެ. އަދި މި ބައްޔަށް ހުށަހެޅެ ކުޑަކުދިންގެ ޚާލު ސީރިއަސް ވަމުން އަންނަ ކަމަށްވެސް ޑރ. ވަނީ އިތުރަށް ވިދާލުވެފައެވެ. މީގެ ތެރޭގައި އެކި ސަބަބު ތަކާހުރެ ދިފާޢީ ނިޒާމު ބަލިކަށިކުދިން ހިމެނޭކަންވެސް ޑރ. ފާގަހަ ކުރައްވާފައިވެއެވެ. އޭގެތެރޭގައި ފަރުވާ ދިނުމުގައި ބޭނުންކުރާ ސްޓެރޮއިޑް ބޭސް ބޭނުން ކުރަމުންދާ ކުދިންނާއި، ކެންސަރު ބައްޔަށް ފަރުވާހޯދަމުންދާ ކުދިންވެސް ހިމެނޭކަމަށް ޑރ. ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އުފެދުމުގައި ދިފާޢީ ނިޒާމު ބާރުދަށް ކުދިންނާއި، ކިޑްނީގެ ބައްޔަށް ފަރުވާ ހޯދަމުން ދާކުދިންވެސް މީގެ ތެރޭގައި ހިމެނޭކަމަށްވެސް ޑރ. ފައިސަލްވަނީ ވިދާލުވެފައެވެ. އަދިވެސް ބަރުދަން މާމަތީގައި ހުންނަ ކުޑަކުދިންނާއި، އެނދުމަތި ވެފައި ތިބޭ ކުދިންނަށްވެސް މި ބަލީގެ ނުރައްކާ ބޮޑުވެގެން ހިނގައިދާނެކަމަށް ޑރ. ވަނީ އިލްތިމާސް ކުރައްވާފައެވެ.
މިހާރުވެސް ކޮވިޑް19އަށް ޕޮސިޓިވްވެ ސީރިއަސް ހާލަތެއްގައިވާ 7އަހަރުގެ ކުޑަކުއްޖަކަށް ވެންޓިލޭޓަރުގެ އެހީގައި ދަނީ ފަރުވާދެމުންނެވެ. މިއަދަކީ މި ބަލީގައި ރާއްޖެއިން ކުޑަކުއްޖަކު މަރުވި ފުރަމަތަމަ ދުވަހެވެ. މިއަދު ނިޔާވި ކުޑަކުއަޖަކީ ޢުމުރުން އެންމެ 10އަހަރުގެ އަންހެން ކުއްޖެކެވެ. އަޅުގަނޑުމެން އެދެނީ އެ ތުއްތުކުއްޖާއަށް ދާއިމީ ސުވަރުގެ ދެއްވުމެވެ. އަދި ޢާއިލާއަށް ކެތްތެރިކަންދެއްވުމެވެ.
ކޮވިޑްބަލީގައި 208 މީހަކު އެޑްމިޓްކޮށް މިހާރުދަނީ ފަރުވާދެމުންނެވެ. އޭގެތެރެއިން 11 މީހަކަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައެވެ.
ކޮވިޑްގެ ޙާލަތު ގޯސްވުމުގެ ސަބަބުން ބަލި ކޮންޓްރޯލު ކުރުމަށްޓަކައި ސަރުކާރުންވަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅަންފަށާފައެވެ. 2 ހަފްތާގެ މުއްދަތަށް އަޅާފައިވާ މި ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑަށް ޕޮސިޓިވްވާ މީހުންގެ ޢަދަދު ދައްވެގެންދާނެ ކަމަށް ސިއްޚީ މާހިރުންވަނީ ވިދާޅުވެފައެވެ.