އައްޑޫ ސިޓީ މީދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް ނިންމާލައިފިއެވެ.

މި މަޝްރޫއު އަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން 23 ޖޫން 2019 ގައި އެމްޓީސީސީ އާ ހަވާލްކުރި މަސައްކަތެއް ކަމަށް އެމްޓިސީސީން ވަނީ ބުނެފައެވެ. މި މަޝްރޫއަކީ 36.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީގެ މި މަޝްރޫއުގެ ދަށުން ސ. މީދޫގެ ބަނދަރު ފުންކުރުމާއި، ބަނދަރުގެ ނެރު ފުންކުރުމާ، 621 މީޓަރު އެއްގަމު ތޮށި ލުމާއި، އެއްގަމު ތޮށި ވަށައިގެން 3،125 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރުގައި 11މ ގެ ރޭމްޕް އެއް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި ބަނދަރު ސަރަހައްދުގައި ބައްތި ހަރުކުރުމުގެ އިތުރުން، ބަނދަރުގައި މޫރިންގ ހުކްސް ހަރުކުރުމުގެ އިތުރުން ބޮލާޑް ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި ބަނދަރު ރާއްޖޭގައި އާއްމުކޮށް ތަރައްގީ ކުރަމުން އަންނަ ބަނދަރުތަކާ ތަފާތުވާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެގޮތުން ވާ އައްސާ ކުޅި ތަކުގެ އިތުރުން ވާ އައްސާނެ ބޮލާރޑް ވެސް ހަރުކުރެވިފައިވާކަމަށް އެކުންފުނިން ހާމަކުރެއެވެ. އަދި މިފަހަރު މީދޫގެ ބަނދަރުގެ ޑިޒައިން ކުރެވިފައިވަނީ މީދޫގެ ބޮޑުދިޔައިގެ ހާދިސާގައި ރަށަށް ރާޅު ނާރާނެހެން އުސްކޮށްކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީގެ ފަރާތުން އައްޑޫ ސިޓީގެ ތަރައްގީއަށް އިތުރު ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މިގޮތުން ހުޅުމީދޫ ބަނދަރު ތަރައްގީ ކުރުމާއި، ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަސައްކަތާއި، ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމާއި، މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އިތުރުން ހިތަދޫގެ ކުރީގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ. މި މަޝްރޫއުތަކަށް ގާތްގަނޑަކަށް 237 މިލިއަން ރުފިޔާ ހަރަދު ވާނެކަމަށް އެމްޓީސީސީން ލަފާކުރެއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުތަކުގެ އިތުރުން އެހެން މަޝްރޫއުތައް ވެސް އައްޑޫ ސިޓީގައި އެ ކުންފުނީގެ ފަރާތުން ފަށަން ނިންމާފައިވާކަމަށެވެ.