ނ. ހެނބަދޫގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށާ މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.

އެކުންފުނިން ބުނީ މިހާރު ކުރިޔަށް ދާ މަސައްކަތަކީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ މަސައްކަތުގެ އިތުރުން ފެނުގެ މައި ނެޓްވޯރކުގެ ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ހެނބަދޫގައި 4.83 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ްޕލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނޭކަމަށް އެމްޑަބްލިއުއެސްސީއިން ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ. މީގެއިތުރުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު މިމަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ.

ނ. ހެނބަދޫ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތަކީ މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިއުއެސްސީ އާ ހަވާލްކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. 15 މަސް ދުވަހުގެ މި މަޝްރޫއަކީ 41،360،972.01 މިލިއަން ދިވެހި ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޑަބްލިއުއެސްސީއިން ވަނީ ބުނެފައެވެ.

މި މަޝްރޫއު ނިމުނުން ހެނބަދޫގެ ރައްޔިތުންނަށް ރައްކާތެރި ސާފް ބޯފެން ލިބޭނެ ނިޒާމެއް ގާއިމްވެގެން ދާނެކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ.