ވޯލްޑް ކަޕް/އޭޝިޔަން ކަޕް ޖޮއިންޓް ކޮލިފިކޭޝަން މިރޭ ޔޫއޭއީގައި ސީރިއާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗަކީ ގޮންޖެހުންތައް ގިނަ އުނދަގޫ މެޗަކަށް ވާނެ ކަމަށް ގަބޫލް ކުރާ ފަދައިން ދިވެހިންނަށް ހައިރާން ކުރުވަނިވި ނަތީޖާއެއްވެސް ނެރެވިދާނެ މެޗެއް ކަމަށް ގަބޫލް ކުރާ ކަމަށް ގައުމީ ޓީމުގެ ކޯޗް ނެދަލޭންޑްސްގެ މާޓިން ކޫޕަމަން ބުނެފިއެވެ.
ގްރޫޕް ސްޓޭޖުގައި ސީޔާއާ ރާއްޖެ ބައްދަލު ކުރި ފުރަތަމަ މެޗް ނިމުނީ 2-1 އިން ސީރިއާ މޮޅު ވެގެންނެވެ. ފުރަތަމަ މެޗުގައި ސީރިއާ ކޮޅަށް ރާއްޖޭގެ ލަނޑު ޖަހައިދިން ތަޖުރިބާކާރު ފޯވާޑް އަލީ އަޝްފާޤް (ދަގަނޑޭ) ކޮވިޑަށް ފައްސިވެ އައިސޮލޭސަންގައި ހުންނަން ޖެހުމުން މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ. ސީރިއާ މިގްރޫޕުގެ ކުރީގައި 15 ޕޮއިންޓާއެކު އޮތްއިރު 6 ޕޮއިންޓާއެކު ރާއްޖެ އޮތީ 4 ވަނައިގައެވެ.
"ސީރިއާ މިގްރޫޕުގެ ކުރީގައި އޮތީ އެހެން ގައުމުތަކަށްވުރެ ވަރުގަދަކަމުން. ސީރިއާއާ ދެކޮޅަށް އަހަރެމެން މަސައްކަތް ކުރާނީ ރަނގަޅު ފުޓްބޯޅައެއް ކުޅެ ހިތްހަމަ ޖެހޭ ވަރުގެ ނަތީޖާއެއް ނެރުމަށް. ފަހަރެއްގައި މިމެޗް އަހަރެމެންނަށް އެއްވަރުވެސް ކޮށްލެވިދާނެ. ފަހަރެއްގައި ފުޓްބޯޅައިގެ ދުނިޔެ ހައިރާން ކޮށްލާފަދަ ނަތިޖާއެއްވެސް އަހަރެމެންނަށް ނެރެވިދާނެ" ކުރިން ސައުދީ އަރަބިއްޔާގެ އެސިސްޓެންޓް ކޯޗަކަށް މަސައްކަތް ކުރި ކޫޕަމަން ބުންޏެވެ.
ކޫޕްމަން އިތުރަށް ބުނީ މިމެޗަށް ނުކުންނަން ޖެހުނީ އެންމެ ރަނގަޅު ހާލަތުގައި ކަމަށް ގަބޫލް ނުކުރާ ކަމަށެވެ. "މިދިޔަ އަހަރު މިމެޗު ކުޅެން ތާވަލުގައި ކުރެވިފައި އޮތް ތާރިހުގައިނަމަ އަހަރެމެން އޮންނާނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި. އެކަމަކު ކޮވިޑް ޕެންޑަމިކާ ގުޅިގެން މިވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި" ކޫޕްމަން ބުންޏެވެ.
ވޯލްޑް ކަޕް/އޭޝިޔަން ކަޕް ޖޮއިންޓް ކޮލިފިކޭޝަން ރާއްޖެ ހިމެނޭ ގްރޫޕް މެޗުއް ކުޅުމަށް ކުރިން ހަމަޖެހިފަ އޮތީ ޗައިނާގައެވެ. އެކަމަކު ރާއްޖެއާއެކު މިގްރޫޕުގައި ހިމެނޭ އިތުރު ދެގައުމަކަށް އެންމެފަހު ވަގުތު ޗައިނާއަށް އެތެރެވުމުގެ ހުއްދަ ނުލިބުމުން (ހުއްދަ ނުލިބުނީ ކުޅުންތެރިންތަކެއް ކޮވިޑަށް ފައްސިވުމުން) އޭއެފްސީއިން ނިންމީ މިގްރޫޕުގެ މެޗުތައް ޔޫއޭއީގައި ކުޅުމަށެވެ.
ރާއްޖެ އާއި ސީރިއާ ބައްދަލު ކުރާ މެޗް ފަށާނީ މިރޭ ރާއްޖޭ ގަޑިން 21:00 ގައެވެ. މިމެޗް ޕީއެސްއެމްގެ "ޔެސް ޓީވީ" އިން ވަގުތުން ދައްކާނެއެވެ.