2 ޖޯޑު ޕާސްތާ

1 ޖޯޑު ކުކުޅުމަސް ( ކުދިކޮށް ކޮށާފަ)

2 މޭޒުމަތީ ސަމުސާ ތެޔޮ

1 މޭޒުމަތީ ސަމުސާ ލޮނުމެދު (ހިމުންކޮށްފަ)

1 ޖޯޑު ކެރެޓް (ކިއުބުކޮށް ކޮށާފަ)

1 ޖޯޑު ޒުވާރި (މަޑުކޮށްފަ)

1 ޖޯޑު ބެލް ޕެޕާ ކެޕްސިކަން (ކޮށާފަ)

2 މޭޒުމަތީ ސަމުސާ ބަޓަރ

4 މޭޒުމަތީ ސަމުސާ ފުށް

2 ޖޯޑު ފުލްކްރީމް މިލްކް

2 މޭޒުމަތީ ސަމުސާ އަސޭމިރުސް (މުގުރި)

1 މޭޒުމަތީ ސަމުސާ މިރުސް (ޗީލީ ފްލެކްސް)

2 ފޮތި ސްލައިސް ޗީޒް

ފެން ޕާސްތާ މަޑުކުރުމަށް

ރަހަ ލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ތަވަޔަކަށް ތެޔޮ ފޮދެއް އެޅުމަށްފަހު ކުކުޅުމަސް ކޮޅު އަޅާ، ރޯ ފިލުވާލާށެވެ. ކުޑަ ލޮނުކޮޅަކާއި މުގުރި އަސޭމިރުސްކޮޅެއް އަޅަން ވާނެއެވެ. އެއަށް ފަހު ތެއްޔެއްގައި ފެން އުދުމަށްފަހު ތެޔޮސަމު ސަލަކާއި ލޮނުކޮޅެއް އަޅައިގެން ޕާސްތާ މަޑުކޮށްލާށެވެ. ޕާސްތާ މަޑުވުމުން ފެންފޮދު އޮއްސާލާށެވެ. ދެން ތަވަޔަކަށް ތެޔޮ ފޮދެއް އެޅުމަށްފަހު ހޫނު ވުމުން ލޮނުމެދު ކޮޅު އަލާލާށެވެ. އެއަށް ފަހު ކޮށާފައި ހުރި ކެރެޓާއި ކެޕްސިކަން އަދި ކޯންވެސް އަޅާށެވެ. ދެން ކުޑަ އިރުކޮޅަކު ހަނާ ކޮށްލާށެވެ. މި ތަރުކާރީތައް އެހެން އެއްޗަކަށް އެޅުމަށްފަހު އެ ތަވަޔަށް 2 ސަމުސާ ބަޓަރ އަޅާ ދިޔާ ވުމުން ފުށް އަޅާށެވެ. ފުށް ކޮޅާއި ބަޓަރ ރަނގަޅަށް ދިޔާ ވުމުން ކިރު އަޅާށެވެ. ކިރު ގަނޑު ނުވާނެހެން ހަލަމުން، ކައްކާ އޮލަވުމުން، ޗިލީ ފްލެކްސް އާއި އަސޭމިރުސް އަޅާށެވެ. އެއަށް ފަހު ޗީޒް އަޅާށެވެ. ދެން ތަރުކާރީ ކޮޅާއި ކުކުޅުމަސް އަދި މަޑުކުރި ޕާސްތާވެސް އަޅާ އެއްކޮށްލާށެވެ.