އާއްމު ސިފައިންގެ މީހާ ކަންކުރި ފުރިހަމަގޮތް ގެއްލުވާލުމަށް ވަކިވަކި ސިފައިންނަށް ބަސް ނުބުނެވޭ ގޮތަށް ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނުގެ ސެކުއިރިޓީ ބަލިކަށިވި ގޮތުގެ މައްޗަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހިންގާ އިންކުއައިރީގެ ބޭނުމަށް ވަކިވަކި ސިފައިން ނުފޮނުވޭނެ ކަން އެމްއެންޑީއެފުން އަންގާފައިވަނިކޮށެވެ.

މިކަމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭންކް އެންޑް ފައިލް ނުވަތަ އާންމު ސޯލްޖާ ކަންކުރި ފުރިހަމަ ގޮތް ގެއްލުމާލުމަސް "ޓެޕް ބްރާސް"ގެ އެއްވެސް ނިންމުމެއް ނިންމިގެން ނުވާނެ ކަމަށެވެ.

ނަޝީދު އަވަހާރަ ކޮށްލުމަށް ބޮން ގޮއްވާލި ވަގުތު ކައިރީގައި ތިބި "މޮޅު ކުދިންނަށް" ބަސް ނުބުނެވޭ ގޮތަށް ކަންކަން ނިންމުމަކީ ވަރަށް ބިޑު ބޭއިންސާފެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްއެންޑީއެފުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ، ސިފައިންގެ އަސްކަރީ ހައިރާކީއާއި ސިފައިންގެ "ޗެއިން އޮފް ކޮމާންޑް"އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ޤާއިމްކުރެވިފައި އޮތް އުޞޫލުތަކާއި ޚިލާފް ކަމެއް ކަމަށެވެ.

އަދި މިކަމުގެ ސަބަބުން މުޅި ޤައުމީ ދިފާޢީ ބާރާއި އެބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި، ސިފައިންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ އަދި ޤައުމީ ސަލާމަތަށް ފޫނުބެދޭވަރުގެ ނުރައްކާތަކެއް ކުރިމަތިވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި، ޗެއިން އޮފް ކޮމާންޑްގެ އުޞޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި، ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވާނީ މުއައްސަސާގެ ފަރާތުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.