ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކު (އދ) ގެ މަރްކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢާޞިމް އަޙްމަދު, ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ މަންދޫބުގެ މަޤާމަށް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ނެގުނު ވޯޓުގައި ވަނީ ޑރ.އާސިމް އެމަގާމަށް އައްޔަނުކުރަން ފެންނަ ކަމަށް 53 މެމްބަރުން ވޯޓު ދެއްވާފައެވެ. ޑރ . އާސިމް އަކީ ދިވެހިރާއްޖެއިން އ.ދ އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވްއެވެ

ޑރ. ޢާޞިމް ވަނީ މީގެ ކުރިން މިނިސްޓަރ އޮފް އެޑިއުކޭޝަންގެ މަޤާމުވެސް ފުރުއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަޤާމާއި، އޫއެންޑީޕީ، ޔުނިސެފް ފަދަ ތަންތަނަށް ފަންނީ ލަފާ އެރުވުމުގެ ޚިދުމަތްވެސް ދެއްވާފައެވެ.

ޑޮކްޓަރ ޢާޞިމް އަޙްމަދަކީ ސޯޝިއޮލޮޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާއިން ބެޗެލަރ އޮފް އާރޓްސްގެ އިތުރުން، މާސްޓަރ އޮފް ފިލޯސޮފީ އިން ޑިވެލޮޕްމަންޓް ސްޓަޑީސްއާއި، ޑޮކްޓަރ އޮފް ފިލޯސޮފީ އިން ސޯޝަލް ޕޮލިސީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ