ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުން ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރީއަށް ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ހާޒިރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރީއަށް ސީޕީ ހަމީދު މިއަދު ހާޒިރުކޮށްފައިވާއިރު، އިންކުއަރީ އަށް ހާޒިރުކުރާ ފުލުހުންނާއި، އެމްއެންޑީއެފްގެ އޮފިސަރުން ނުވަތަ ދައުލަތުގެ އެހެންވެސް މުވައްޒަފަކު އިންކުއަރީ އަށް ދޭ މައުލޫމާތަކާ ގުޅިގެން، އެފަރާތެއް އަދާކުރާ ވަޒީފާއަށް އަސަރުކުރާ ފަދަ އެއްވެސް ފިޔަވަޅެއް އެއްވެސް އިދާރާއަކުން ނޭޅުމަށް އެ ކޮމިޓީން ވަނީ ގޮވާލާފައެވެ.

ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު އަދި ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވީ އެ ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީ ނިންމުމަށް އަމާޒު ކޮށްފައި ވަނީ އަންނަ ޖޫން މަހުގެ ނިޔަލަށް ކަމަށެވެ. އެ ކޮމިޓީގެ މަސައްކަތްތަކަކީ އެމައްސަލަ ތަހުގީގު ކުރުން ނޫން ކަމަށާއި ކުރާނެ މަސައްކަތަކީ ހަމަލާ ދޭން މެދުވެރިވީ ސަބަބުތައް ދެނެގަތުމުގެ އިންކުއަރީއެއް ހެދުން ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ ފުލުހުން ތަހުގީގު ކުރަމުން ދާއިރު 4 މީހަކު ވަނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައެވެ. އެއީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ ވ. ތިނަދޫ، ހިޔާ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ސައިކަލުގެ ވެރި މީހާ ތަހުމީން އަހްމަދު، 32 އާއި އެ މައްސަލައިގެ އަތެއް އޮތް ކަމަށް ތުހުމަތު ކުރެވިގެން ބ. ދަރަވަންދޫން ހައްޔަރު ކޮށްފައިވާ ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އެވެ. އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހެވެ.