ޒަރޫރީ ބޭނުންތަކަށް މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރެވޭނެ ހަރުކަށި އުސޫލުތަކެއް އެޗްޕީއޭއިން އާއްމުކޮށްފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް ސޮއިކުރައްވާ އާންމުކޮށްފަައިވާ އުސޫލުގައި ބުނެފައިވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރުމުގައި އަމަލު ކުރާ އުސޫލުގެ ދަށުން ދެން ދަތުރުކުރެވޭނީ ޒަރޫރީ ބޭނުންތަކަށް އެކަނި ކަމަަށެވެ.
އަތޮޅުތެރެއަށް ދަތުރުކުރެވޭނެ ޒަރޫރީ ހާލަތްތަކަކީ:
- ޞިއްޙީ ފަރުވާ ހޯދުމަށް މާލެއަށް އައިސް އެނބުރި ދާންޖެހުމާއި އެފަދަ މީހަކާ އެކުގައި ކޮންމެހެން ދާންޖެހުން.
- މާލޭގައި އަދާކުރަމުންދާ ވަޒީފާ/ މަސައްކަތް ހުއްޓާލަންޖެހުން ފަދަ ކަންކަން ދިމާވެގެން މާލޭގައި އިތުރަށް ތިބުން ދަތިވެފައިވުން އަދި އެފަދަ މީހުންގެ އާއިލާއިން އެކުގައި ކޮންމެހެން ދާންޖެހުން.
- މާލޭގައި ދިރިއުޅެވެން ނެތުމުގެ ސަބަބުން ރަށަށް ދިރިއުޅުން ބަދަލު ކުރަންޖެހުން.
- މާލެއަށް ތައުލީމު ޙާޞިލުކުރުމަށް އައިސް ތައުލީމު ޙާޞިލުކުރުން މުޅިން ނިމިފައިވުމުން ރަށަށް އެނބުރިދާން ޖެހިފައިވުން (މީގެ ތެރޭގައި ޗުއްޓީ ލިބުން ނުވަތަ ކިޔެވުން ވަގުތީގޮތުން މެދުކެނޑިފައިވުން ނުހިމެނެއެވެ.)
- މައިންބަފައިން ބަލިވުމާއި އަނބިމީހާ ވިހެއުން ފަދަ އާއިލާއަށް ދިމާވާ ބޮޑެތި ކަންތައްތަކާ ގުޅިގެން ރަށަށްދާންޖެހުން
އެޗްޕީއޭ އިން ބުނީ ޒަރޫރީ ބޭނުންތަކަށް ދަތުރުކުރާ މީހުން ދަތުރު ކުރުމަށް އެދި މާދަމާއިން ފެށިގެން ހުށައަޅާނީ "ހާލުބެލުން ޕޯޓަލް" މެދުވެރިކޮށް ކަމަށާ މި ގޮތަށް އެދި ހުށައަޅާއިރު އެ މީހަކު ދަތުރުކުރާ ކައުންސިލުގެ ފަރާތުން ދޫކޮށްފައިވާ ދަތުރުކުރާނީ ޒަރޫރީ ބޭނުމުގައިކަން އަންގައިދޭ ލިޔުން ކައުންސިލް މެދުވެރިކޮށް ހާލު ބެލުމުގެ ޕޯޓަލްއަށް އަޕްލޯޑް ކުރަންވާނެ ކަމަށެވެ.