ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ފަސްވަނަ މީހަކު ހައްޔަރުކޮށްފި އެވެ.

ހަމަލާގެ ތަހުގީގާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކުރީ ހަމަލާއަށް ފަހު ހަރުކަށި ފިކުރު ފަތުރާ މީހުން ހޯދާ ހައްޔަރުކުރަން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ. "އަޅުގަނޑުމެންނަށް މިއަދުގެ މިވަގުތުގައި ދަންނަވާލަން އެނގޭ އެ އޮޕަރޭޝަން [ހަރުކަށި ފިކުރުގެ މީހުން ހޯދަން ހިންގުނު އޮޕަރޭޝަން] ތެރެއިން ހައްޔަރުކުރެވުނު ފަރާތެއް ރައީސް ނަޝީދުގެ ބޮމުގެ ހަމަލާއާއި ސީދާ ގުޅުންހުރި ކަމަށް ބެލެވޭ،" ބަޝީރު ވިދާޅުވި އެވެ.

ހަމަލާއާއި ގުޅިގެން ހައްޔަރުކުރެވުނު ފަސްވަނަ މީހާގެ މައުލޫމާތު ފުލުހުން މިއަދު ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އޭނާ ހުރީ ބަންދުގައި ކަން ޔަގީންކޮށްދެއްވި އެވެ.