ކޯވިޑްގެ ބަލީގައި ދުނިޔެ ދޫކުރަމުން ދާ ރައްޔިތުންގެ ޢަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު، އެކަންކަމަށް ސަމާލުވެ، ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަަމަށް ބުނެ ޕީޕީއެމް/ޕީއެންސީ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ދެޕާޓީ ގުޅިގެން ނުރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިފަދަ މަރުތަކުގައި ސަރުކާރުގެ ފަރުވާކުޑަކަމާއި، އިހުމާލު ބޮޑުކަންވެސް ދަނީ ފާހަގަ ވަމުން ކަމަށެވެ. "އެމްބިއުލާންސް ފޮނުވުން ލަސްވެގެން ކުޑަކުޑަ މިޝްކާ މިދުނިޔެއާއި ވަކިވެގެން ދިޔަތާ މާގިނަ ދުވަހެއް ނުވެ، ގއ. ދާންދޫ ވިނަމަތި، މަރްޔަމް އިބްރާހީމް މިދުނިޔެއާއި އަލްވަދާޢު ކިޔާފައިވާއިރު، މަރްޔަމް އާއި ދޭތެރޭގައި ސަރުކާރުން ކަންކޮށްފައިވާ ގޮތަށް ބަލާއިރު ސަރުކާރުގެ ފަރުވާ ކުޑަކަމާއި އިޙުމާލު ވަރަށް ބޮޑަށް އޮތްކަން ވަނީ ހާމަވެފައެވެ." އެބަޔާނުގައިވެެއެވެ.
އެބަޔާނުގައި ބުނެފައިވަނީ އަލްމަރްޙޫމާ މަރްޔަމް އިބްރާހީމްގެ ހާލު ބޮޑުވެގެން، އިމަރޖެންސީގައި މާލެ ގެނެވުނު އިރު، މަރްޔަމް އަށް ފަރުވާ ދިނުމަށް ފްލައިޓަށް އެރުވުނު ވެންޓިލޭޓަރުގެ ބެޓަރި ޗާޖު ހުސްވެ ވެންޓިލޭޓަރުގެ މަސައްކަތް ހުއްޓުމާއި ގުޅިގެން މަރްޔަމް އަށް ފަރުވާ ދެވިފައިވަނީ އަތުން ޕަންޕުކޮށްގެން ކަން ޢާއިލާއިން ވަނީ ހާމަކޮށްފައި ކަމަށެވެ. ކޯވިޑްގެ އެންމެ ނުރައްކާތެރި ޙާލަތަށްވެސް ތައްޔާރުވެފައިވާ ސަރުކާރުން، އިމަރޖެންސީގައި ހާލު ބޮޑު މީހަކު ފްލައިޓަކަށް އަރުވާ އިރު، ފަރުވާއަށް ބޭނުންވާ ޢާލަތްތައް ހަމަކުރެވިފައި ނުވުމަކީ ހިތާމަ ހުރި ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.
"ސަރުކާރުގެ ފަރުވާ ކުޑަ ކަމާއި، އިހުމާލުގެ އަގު ދިވެހި ރައްޔިތުން ދައްކަން ޖެހެނީ ކިތައް ފުރާނައިންތޯ؟ މިކަމުގައި ފަރުވާތެރިވެ، ރައްޔިތުންގެ ފުރާނައަށް އިސްކަންދީގެން މަސައްކަތްކުރާކަށް ނުވޭތޯ؟ ކޯވިޑް ފެތުރުން މަދު ކުރުމުގައި ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ބަދަލުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާކަށް ނުވޭތޯ؟ ކޯވިޑް ފެތުރެމުންދާ ރަށްރަށުގައި ފަރުވާއަށް ބޭނުންވާ އެންމެހާ ކަންކަން ފުރިހަމަ ކުރާނީ މިފަދަ ހިތާމަވެރި ކިތައް ހާދިސާއަށް ފަހުތޯ؟ އަދި، ޒިންމާއިން ރެކިވަޑައިގަތުމުގެ ބަދަލުގައި ކުޑަކުޑަ މިޝްކާ އާއި މަރްޔަމް ފަދައިން ސަރުކާރުގެ ފަރުވާ ކުޑަކަމާއި އިހުމާލުން ގެއްލުން ލިބިފައިވާ ޢާއިލާތަކަށާއި ރައްޔިތުންނަށް ޖަވާބުދާރީވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ގޮވާލަމެވެ." އެބަޔާނުގައި ބުނެފައިވެއެވެ.
މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އެޅުއްވުމަށް އެ ދެޕާޓީން ވަނީ ސަަރުކާރަށް ގޮވާލައިފައެވެ. ހަމައެއާއެކު މިމައްސަލަތައް ބަލާ ޒިންމާވާން ޖެހޭ ފަރާތްތަކުގެ މަޢުލޫމާތާއި، ކަން ހިނގާފައިވާ ގޮތުގެ ޙަޤީޤަތް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ވެސް ގޮވާލާ ކަމަށް ބުނެފައިވެެއެވެ.