އިންޑިއާއިން މިހާތަނަށް 230 މިލިއަން ވެކްސިން ޑޯޒް ދީފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ވެކްސިން ޑޯޒްތައް ސްޓޭޓްތަކަށް ލިބޭނެ ކަމުގެ ގެރެންޓީ މިއަދު އިންޑިއާ ބޮޑު ވަޒީރު ދެއްވައިފިއެވެ.
ގައުމާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން އިންޑިއާ ބޮޑު ވަޒީރު ވިދާޅުވީ، މި މަހުގެ 21ން ފެށިގެން 18 އަހަރުން މަތީ ރައްޔިތުންނަށް ވެކްސިން ހިލޭ ލިބޭނެ ކަމަށެވެ.
އިންޑިއާގެ އިދިކޮޅު ޕާޓީތަކުން ވަނީ މިކަމަށް ކެމްޕޭން ކޮށްފައެވެ. ސުޕްރީމް ކޯޓުންވެސް ވަނީ އެކޯޓުން އަމިއްލަ އިސްނެގުމަކަށް ބެލި މައްސަލަތަކުގައި ވެކްސިން އަގަށް ވިއްކާ މައްސަލާގައި ސަރުކާރާ ގިނަ ސުއާލުތަކެއް ކޮށްފައެވެ.
އަލަށް އިންޑިއާއިން ގެންގުޅޭ ވެކްސިން ޕޮލިސީގެ ދަށުން އަމިއްލަ ހަސްފަތާލުތަކަށް ލިބޭނީ ވެކްސިން އުފައްދާ ކުންފުނިން އުފައްދާ ވެކްސިންގެ 25 އިންސައްތައެވެ. 75 އިންސައްތަ ގަންނާނީ ސަރުކާރުންނެވެ.
އަމިއްލަ ހަސްފަތާލުތަކުން ވެކްސިން ދޭއިރު ވެކްސިން ޑޯޒެއްގެ އަގު އިންޑިއާގެ 125 ރުޕީސްއަށް ވުރެން ބޮޑު ކޮށްގެން ނުވާނެއެވެ.
މޮދީ ވިދާޅުވިގޮތުގައި އައު ސިޔާސަތުގެ ދަށުން 800 މިލިއަން މީހުންނަށް ހިލޭ ވެކްސިން ޖެހުން އޮންނާނީ ދީވާލީއާ ހަމައަށެވެ.