ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން "ދަންޖައްސަންޖެހޭ" ކަމަށް މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވި މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

މިހާރު އާންމުވެފައިވާ އޯޑިއޯގައި ސިޔާމް ވިދާޅުވެފައިވަނީ ހަގީގަތުގައި ވެސް ހިސާން އަކީ "ދަންޖައްސަން" ޖެހިފައި ހުރި މީހެއް ކަމަށެވެ. އަދި އެކަން ކޮށްގެން ފާފަވެރިއެއް ވެސް ނުވާނެ ކަމަށް އެ އޯޑިއޯގައި ސިޔާމް ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން، ރިޔާސަތުގައި އިންނެވި، ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ އެ މައްސަލަ މަޖިލީހުގެ ރިޔާސަތުގެ ސަމާލު ކަމަށް ސިޓީއެއް މެދުވެރިކޮށް މެންބަރު ހިސާން ގެނެސްދެއްވާފައިވެއެވެ.

އަފީފް ވިދާޅުވީ މިކަން ހިިނގާފައިވަނީ ޖޫން 6 ވަނަ ދުވަހު 241 ކޮމިޓީގެ ބައްދަލުވުން ނިމުނު ވަގުތު ސިޔާމް ވަރަށް ހުތުރުކޮށް ހިސާނަށް މުހާތަބު ކޮށް ވާހަކަ ދެއްކުމަށްފަހު، މަޖިލީހުގެ އިތުރު މެމްބަރުން ތިބި ތަނެއްގައި ކަމަށާއި، އެގޮތުން ހިސާން ދަންޖައްސާ މަރާލިޔަސް ފާފަވެރިނުވާނެ ކަމަށް ސިޔާމް ބުނެފައިވާކަމަށެވެ.

އަދި މި ކަމަކީ މަޖިލީހުގެ މެމްބަރެއްގެ ކިބައިން ފެނިގެންވާނެ ކަމެއް ނޫންކަމަށާއި، އެހެންކަމުން އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހަޅާކަމަށެވެ. އަދި މި މައްސަލަ އިތުރަށް ބެލުމަށް ޑިފެންސް މިނިސްޓްރީއަށާއި ފުލުހަށް ހުށަހަޅާފައިވާކަމަށްވެސް އަފީފް ވިދާޅުވިއެވެ.