ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު އިތުރު ހަފްތާއަކަށް ދަންމާލައިފި އެވެ.

މާލެ ސަރަހައްދުގައި މީގެ ދެ ހަފްތާ ކުރިން އެޅި ފިޔަވަޅުތަކުގެ މުއްދަތު މިރެޔަށް ހަމަވާނެ އެވެ. އެ ފިޔަވަޅުތަކަކީ ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ކާފިއު ހިންގުމާއި، އަދި ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ހުއްދަ ނެތި ބޭރުގައި އުޅުން މަނާ ކުރުން ހިމެނެއެވެ.

މިއަދު ރަައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން އަމަލު ކުރުމުގެ ސަބަބުން ބަލި ފެތުރޭ މިންވަރު ދަށަށް ދާން ފަށާފައިވާ ކަމަށާއި ނަމަވެސް އާންމު ހާލަތަށް ދިއުމަށް އަދިވެސް ފިޔަވަޅުތައް ދެމެހެއްޓުން މުހިއްމު ކަމަށެވެ.

އެގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރު އެއް ހަފްތާއަށް ދިގުދަންމާލަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެފަހުން ބެލުމަށްފަހު ފިޔަވަޅުތަކުގެ މުއްދަތު އިތުރުކުރަން ޖެހިއްޖެ ހާލަތެއްގައި އަނެއްކާވެސް އެއްހަފްތާއަށް ފިޔަވަޅުތައް އިތުރުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.