މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއެކީ ފެތުރޭ ކޮވިޑް19އިން ސަލާމަތް ވުމަށްޓަކައި ބޭނުންވާނެ ބައެއް މަޢުލޫމާތުތައް މިފަހަރު ހިއްސާކޮށްލެވޭތޯ ބަލަލާނަމެވެ. ހުސްވި މަހަކީ ރާއްޖޭގައި ކޮވިޑް19 އަށް އެންމެ ގިނައިން މީހުން ޕޮޒިޓިވްވި މަހެވެ. އެހެންކަމުން ތިރީގައިމިވާ މަޢުލޫމާތުތައް ރަނގަޅަށް ކިޔާލުމަށްފަހު އެގައިވާ ގޮތަށް ޢަމަލު ކުރުމަށް ތައްޔާރުވާށެވެ.

މި ބަލިން ރައްކާތެރިވުމަށްޓަކައި ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރީ ކޮވިޝީލްޑް ވެކްސިނެވެ. ދެ ޑޯޒު ހަމަކުރަންޖެހޭ މި ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހިތާ 12 ހަފްތާ ހަމަވެފައިވާނަމަ ވެކްސިން އަލުން ފަށަންޖެހޭނެތޯ ބައެއް ފަރާތްތަކުންދަނީ ސުވާލު ކުރަމުންނެވެ. މީގެ ޖަވާބުގައި އެޗްޕީއޭއިން ވިދާޅުވަނީ ވެކްދިންގެ 2ވަނަ ޑޯޒު 8 ހަފުތާއާއި 12 ހަފުތާގެ މުއްދަތުގެ ތެރޭގައި ނުޖެހުނު ކަމުގައިވިއަސް އަލުން ފުރަތަމަ ޑޯޒުން މި ވެކްސިން ފަށަން ނުޖެހޭނެކަމަށެވެ. އަދި ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ކޮވިޝީލްގެ ފުރަތަމަ ޑޯޒު ޖެހިތާ 6މަސް ދުވަސްތެރޭ 2 ވަނަ ޑޯޒު ޖެހުމުންވެސް ހަށިގަނޑުގެ ދިފާޢީ ނިޒާމު ކޮވިޑު19ގެ ވައިރަސް އާއި ދެކޮޅަށް މަސައްކަތް ކުރާކަން ފާހަގަ ކުރެވެއެވެ. އެހެން ކަމަށް ވުމާއެކު މިއީ ދިވެހިންގެ ހިތްތަކަށް ހިތްހަމަ ޖެހުން ގެނެސްދިން މަޢުލޫމާތަކަށް ވާނެކަމަށް އުއްމީދު ކުރެވެއެވެ.

ދެން އެންމެ ގިނަބައެއްގެ ހިތުގައި އުފެދޭނެ ކަމަށް ބެލެވޭ ސުވާލަކީ ވެކްސިން ޖެހުމަށްފަހުވެސް މާސްކު އަޅައި ގައިދުރު ކުރަންޖެހެނީ ކީއްވެގެންބާވައެވެ. މި ސުވާލުގެ ޖަވާބުގައި އެންމެހާ ބޭފުޅުންނަށް ދެވެން އޮތް ޖަވާބަކީ މިބައްޔަށްޖަހާ ވެކްސިނަކީ ކޮވިޑް19 އާއި ދެކޮޅަށް ބޭނުންކުރެވޭ އެންމެ ހަތިޔާރެކެވެ. ވީމާ ވެކްސިން ޖެހުމަށްފަހުވެސް ބަލިން ރައްކާތެރިވުމަށްޓަކައި ރަނގަޅަށް މާސްކު އެޅުމާއި، ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމުގެ އިތުރުން ގައިދުރުކުރުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މި ބައްޔަށް ދެވޭ އިތުރު ރައްކާތެރިކަމުގެ ފިޔަވަޅެކެވެ. ވެކްސިން ޖެހުމުން ކޮވިޑް19 ޖެހުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ. އަދި ބަލި ޖެހުނަސް ބަލީގައި ބޮޑުވަރުވުމުގެ ފުރުޞަތު ވަރަށް ބޮޑަށް ކުޑަކޮށްދޭ ކަމަށްވެސް ދިރާސާތަކުން ދައްކައެވެ. ވީމާ ހުރިހާ ބޭފުޅުންވެސް ވެކްސިންގެ 2 ޑޯޒު ފުރިހަމަކުރުމަކީ ބަލިން ރައްކާތެރިވުމަށް އެޅޭ އެންމެ ރައްކާތެރި ފިޔަވަޅެވެ.

މީގެ އިތުރުންވެސް ގިނަ ބައެއްގެ ހިތުގައި އުފެދޭނެ އެއް ސުވާލަކީ ކޮވިޑް19 ކުރިން ޖެހިފައިވީނަމަވެސް ވެކްސިން ޖަހަން ޖެހޭނެތޯ ކުރެވޭ ސުވާލެވެ. މި ސުވާލުގެ ޖަވާބުގައި ބުނެލަންއޮތީ ކޮވިޑް19ޖެހި ރަނގަޅުވެފައިވީނަމަވެސް ވެކްސިން ޖަހަން ޖެހޭނެކަމެވެ. ސަބަކީ މި ބަލި ޖެހި ރަނގަޅުވުމަށްފަހު ލިބޭ ރައްކާތެރިކަން ދެމިގެންދާނީ ކިހާ ދުވަހަކަށްކަމެއް އަދި ދެނެގަނެވިފައިނުވުމެވެ. ހަމަ އެހެންމެ އަލުން ބަލި ޖެހުމުގެ ފުރުޞަތު އޮތުމަކީވެސް ވަރަށް ގާތްކަމެއްކަމަށް ފެނުމެވެ. ވީމާ ބަލީގެ ޢަލާމާތްތައް ފެންނަން ފަށާތާ ނުވަތަ ޕޮޒިޓިވް ނަތީޖާ ލިބޭތާ 28ދުވަސް ހަމަ ވުމަށްފަހު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހޭނެއެވެ. ވީމަ ހުރިހާގޮތަކުންވެސް އެންމެ ރައްކާތެރި ކަމަކީ ވެކްސިންގެ ޑޯޒު ހަމަކުރުންކަމަށް ސިއްޚީ މާހިރުންވަނީ ލަފާދެއްވާފައެވެ. ވެކްސިން ޖެހުމަށްފަހުވެސް ކޮވިޑް19ޖެހުމުގެ ފުރުޞަތު އޮވެދާނެއެވެ. ނަމަވެސް ވެކްސިން ޖަހާފައި ހުރުމުން ބަލިޖެހުމުގެ ފުރުޞަތު ވަރަށް ބޮޑަށް ކުޑަވެއެވެ. އަދި ބަލި ޖެހުނު ކަމުގައިވިއަސް، ބަލީގައި ބޮޑުވަރު ވުމުގެ ފުރުޞަތު ވަރަށް ބޮޑަށް ކުޑަކޮށްދޭކަމަށް ދިރާސާތަކުން ދައްކައެވެ. ވީމާ ހުރިހާ ބޭފުޅުންވެސް ވެކްސިން ފުރިހަމަ ކުރެއްވުމަށް ސިއްޚީ މާހިރުން ވަރަށަބޮޑަށް ބާރު އަޅުއްވައެވެ.

ވެކްސިން ޖެހުމުން ބައެއްފަރާތްތަކަށް ސައިޑް އިފެކްޓެއްފެނުމަކީވެސް އެކަށީގެންވާކަމެކެވެ. އެގޮތުން ވެކްސިން ޖެހުމުން އެންމެ ޢާއްމުކޮށްފެންނަ ސައިޑް އިފެކްޓަކީ އިންޖެކްޝަން ޖެހިތަނުގައި ރިއްސުން ނުވަތަ ދުޅަވުމެވެ. މީގެއިތުރުން ވަރުބަލިވުމާއި، ހުންއައުމާއި، މޭނުބައި ކުރުމުގެ އިތުރުން ހުޅުތަކަށް ތަދުވުމާއި ގައިގައި ރިއްސުންފަދަ ކަންކަން ބައެއް މީހުންނަށްވަނީ ދިމާވެފައެވެ.

ރާއްޖޭގައިވެސް ވެކްސިން ޖަހަން ފެށުމާއެކީ ގިނަބަޔަކުވަނީ ވެކްސިން ޖަހަން ފަށާފައެވެ. މިހާތަނަށް ރާއްޖޭގައި 174،259 މީހުން ދެވަނަ ޑޯޒު ފުރިހަމަ ކޮށްފައި ވެއެވެ. ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފައިވަނީ 312،574 މީހުންނެވެ. ރާއްޖެއިން މި ބަޔަށް ޕޮޒިޓިވް ވެފައިވަނީ 68872 މީހުންނެވެ. މިބަލިން ރަނގަޅުވެފައިވަނީ 51213މީހުންނެވެ. މި ބަލީގައި ރާއްޖެއިން މަރުވެފައިވަނީ 189 މީހުންނެވެ. މިދިޔަމަހު ގިނަ ޢަދަދަކަށް މީހުން ޕޮޒިޓިވްވުމާގުޅިގެން ހަރުކަށި ފޮޔަވަޅުތަކެއްވަނީ އަޅާފައެވެ. ވުމާއެކު ބައްޔަށް ޕޮޒިޓިވްވާމީހުންގެ ޢަދަދު މިވަނީ މިހާރު ވަރަށް ބޮޑަށް ދައްވެފައެވެ.