ކޮވިޑް 19 ފެތުރުނަ ނުދިނުމަށް އެޗްޕީއޭ އިން އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކާއި ގާއިމްކޮށްފައިވާ އުސޫލުތަކާއި ގަވާއިދުތަކަށް ފާޑުކިޔުން ވަރަށް ގިނަ އެވެ. މީސް މީޑިއާގައި ޚިޔާލު ފާޅު ކުރާމީހުން އެމީހުންގެ ޝުޢޫރުތައް ފާޅުކޮށް ފާޑު ކިޔާ ހަދަނީ ސަބަބުތަކެއް އޮވެގެން ކަމަށް ބުނަމުން ގެންދެއެވެ.

މިގޮތުން 7 ޖޫން 2021 ގައި އެޗްއީއޯސީއީ އިން ދަރުބާރުގޭގައި ބޭއްވެވި ނިއުސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެޗް އޯސީއީގެ ލީގަލް ކްލަސްޓާގެ ހެޑް އިސްމާއިލް ޒާހިރު ވިދާޅުވީ އަލަށް ގެނެވުނު ބަދަލާއެކު ސިއްޙީ ބޭނުމަށް ރަށްރަށަށް ދަތުރުކުރުމަށްފަހު 24 ގަޑިއިރަށްވުރެ ގިނަ އިރު އެރަށެއްގައި ނުވާނަމަ، ކަރަންޓީނު ވާކަށް ނުޖެހޭނެ ކަމަށެވެ. މީގެ ތެރޭގައި މާލެއަށް ދަތުރުކުރާ ފަރާތްތައްވެސް ހިމެނެއެވެ. ނަމަވެސް ޞިއްޚީ ޚިދުމަތް ހޯދަންދާ މީހާ އެދާ ރަށުގައި އުޅުމުގައި ވަކި އިމެއް ނުވަތަ ހައްދެއް ކަނަޑައެޅިފައެއް ނުވެއެވެ. ރައްޔިތުން ކުރާ ސުވާލަކީ 24 ގަޑިއިރު ނުވާކަމަށްވަޏާ، ކޮވިޑް 19 ބަލި ޖެހުމުގެ ފުރުޞަތު ނެތީ ހެއްޔެވެ؟

އަދި މިކަމަށްޓަކައި އެޗް އޯ ސީ އީގެ ހުއްދައެއް ހޯދާކަށް ނުޖެހެއެވެ. ހަމަ އެކަނި ޑޮކްޓަރު ދެއްވާ ރިފަރެންސް ސިޓީ އަކާއި އެކު ދަތުރު ކުރުމުގެ ހުއްދަ ލިބެއެވެ. މިގޮތަށް އެޗް އޯ ސީ އީން ނިންމެވި އިރު ރަށްރަށުގެ ކައުންސިލުތަކާއި ރައްޔިތުން ގުޅިގެން ބަލި ފެތުރުނަ ނުދިނުމަށްޓަކައި ވަރަށް ހަރުދަނާ ފިޔަވަޅުތައް އަޅާފައި އެބަ ހުއްޓެވެ. މިގޮތުން މާލެ ދަތުރުކުރާ ބޯޓް ފަހަރުގެ ފަޅުވެރިން މާލެ ނުފޭބިޔަސް، ރަށަށް ފައިބާނަމަ، 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރުމަށްފަހު ޕީސީއާރު ޓެސްޓް ހަދައި ނައްސި ނަތީޖާ އެއް އޮންނަން ޖެހެއެވެ.

ޞިއްޙީ ފަރުވާ ހޯދަން ދާ މީހުން ޞިއްޙީ މަރުކަޒު ނުވަތަ ހޮސްޕިޓަލު ފިޔަވައި އެހެން ތަންތަނަށް ޒިޔާރަތް ކުރުން ހުއްދައެއް ނުކުރެއެވެ. ނަމަވެސް އަލަށް އެޗްއީއޯސީ އީން މި ނެރެނު އުސޫލާއި ގުޅިގެން ކައުން ސިލުތަކުން އަޅާފައި މިވާ ހަރުދަނާ ފިޔަވަޅުތައް ބޭކާރުވެގެން ދިއުމުގެ ފުރުޞަތު އެބައޮތެވެ.

މީގެ އިތުރަށް މިހާރު އެންމެ ބޮޑަށް ބަހުސްކޮށް ފާޑު ކިޔާ ހަދަމުން ދަނީ ޗުއްޓީއަށް ރަށަށް ނުދެވޭނެ އުސޫލު ކަނޑައެޅުއްވުމުންނެވެ. ކުދި ކުދި ތަންތައް ކުއްޔަށް ހިފައިގެން ފާއިތުވި ދޮޅު އަހަރެންހާ ދުވަހު ކެއްކޮށްލައިގެން ތިބި މީހުން މިކަމާ ވަރަށް ކަންބޮޑުވެ ދެރަވެ އެވާހަކަ ދައްކަމުން ގެންދެއެވެ. މީގެ އިތުރަށް ކުދިން ބައި ތިއްބާ ގޭގޭގައި ތިބި ކުދިންނާއި ކުއްޔަށް އުޅޭތަން ބަދަލު ކުރަން ޖެހުނު މީހުން މިކަމާ ކަންބޮޑު ވާނެއެވެ. މި ދަތި ދުވަސް ވަރުގައި ކުރިއަށް އޮތް ދެމަސް ދުވަހަށް އެމީހުން ބަޖެޓް ރޭވި ގޮތް މުޅިން ބަދަލު ކޮށްލަން ޖެހުނީއެވެ. މީގެ އިތުރަށް ރަށްރަށުގެ ކައުންސިލުތަކުން ވެސް މިކަމާ ފާޑުކިޔާ ވާހަކަ ދައްކަމުން އެބަ ގެންދެއެވެ. މިގޮތުން ކަރަންޓީނުވާން، އެޗް ޕީ އޭގެ ހުއްދަ ހޯދަން ނުޖެހޭ ކަމަށާއި އެއީ ކައުންސިލާއި ރަށު ރައްޔިތުންނާ ބެހޭ ކަމެއްކަމަށް ނ. އަތޮޅު ކައުން ސިލްގެ ރައީސް ވިދާޅުވާކަމަށް "ތިލަދުން" ގައި ވެއެވެ. ނ. އަތޮޅު ކައުން ސިލުގެ ރައީސް މުޙައްމަދު ބަޝީރު ކުރެއްވި ޓްވިޓްގައި ވަނީ ކަރަންޓީނުވާން ރަށަށް އަންނަ ރައްޔިތުންނަށް އެޗް ޕީ އޭ އިން ވަކި އެއްޗެއް ނާންގައިގެން ރަށަށް އެރުން ހުއްޓުވާކަށް ނ. އަތޮޅު ރަށްތަކުގެ ކައުންސިލުތަކަށް ނުފެންނަ ކަމަށެވެ. ކަރަންޓީނުވާން އަންނަ އެންމެންނަށްވެސް އެ ފުރުޞަތު ނ. އަތޮޅުގެ ރަށްތަކުން ދެއްވާނެ ކަމަށެވެ. އަދި ކަރަންޓީނަށް ފުރުޞަތު ދިނުމުގެ ސަބަބުން ކޮވިޑް 19 ނ. އަތޮޅުގައި ފެތުރިފައި ވާކަމަށް ފެންނާކަށް ނެތްކަމަށެވެ.

ބައެއް ފަރާތް ތަކުން ބުނާ ގޮތުގައި އެޗް ޕީ އޭ އިން މި ކަނޑަ އަޅުއްވާ އުސޫލުތަކާއި ގަވާއިދުތައް ދިމާ ނުވެ، ތަފާތު ގޮތްގޮތަށް ހުރުމުން ކޮވިޑް ފެތުރުމަށް އިތުރަށް ފުރުޞަތު ހުޅުވެއެވެ. އަދި ރަށު ކައުންސިލުތަކަށް ގޮން ޖެހީ ކަމަށް ބެލެވިދާނެ ކަމަށްވެސް ބައެއް ފަރާތް ތަކުން ބުނަމުން އެބަ ގެންދެއެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން އަތޮޅާއި ރަށްރަށުގެ ކަންތައްތައް ކައުންސިލުތަކަށް މި ދޫކޮށްލެވުނު ދަނޑިވަޅުގައި ރަށަށް އަރާ ފައިބާ މީހުން އެޗް ޕީ އޭ އިން ކޮންޓްރޯލް ކުރައްވަނީ ކަމަށް ބައެއްފަރާތްތަކުން ދެކިލައްވައެވެ. އަދި ޚިޔާލު ފާޅުކުރައްވާ ފަރާތް ތަކުން ހާމަކުރައްވާ ގޮތުގައި އެޗް ޕީ އޭއިން މޮޅު ކަންތައް ތަކެއް ކުރެއްވިފައިވާނަމަ، މާލޭގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރެވުނީހެވެ.