މުސްލިމުންނާ އަދާވާތްތެރި ބޮޑުބަލަ ސޭނާގެ ސެކެޓްރީ ޖެނެރަލް ޕާލަމެންޓްގެ ގޮނޑިއަކަށް އައްޔަން ކުރުމަށް ނިންމައިފިއެވެ. ހާމުދުރު ގަލަގޯޑާ އައްތޭ ގަނަސާރާ އަށް ލަންކާ ޕާލަމެންޓަށް މި ވަދެވެނީ އޭނާގެ އޭޖޭބީޕީއިން ހޮވިފައިވާ އެހެން ހާމުދުރަކު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

ބޮޑު ބަލަސޭނާއަކީ، ލަންކާގައި މުސްލިމުންނާ ދެކޮޅުވެރި ހަރަކާތް ހިންގާ ހައްދުފަހަނަޅާފައިވާ ހަރުކަށި ބުޑިސްޓް ޕާޓީއެކެވެ. ބޮޑު ބަލަސޭނާއިން ވަނީ މިޔަންމާރުގައި މުސްލިމުން އަންދާލުމާއި ގެދޮރުން ބޭރުކޮށްލުމަށްވެސް ސަޕޯޓް ކޮށްފައެވެ.

ލަންކާގެ ސިއައިޑީން ބުނެފައި ވަނީ ބޮޑު ބަލަސޭނާގެ ފާދިރީ ގަނަސާރާ ގެ މައްސަލަތަކެއް ބަލަމުންދާ ކަމަށެވެ. އޭނާ އަކީ މުސްލިމުންނާ ދެކޮޅަށް ޓެރަރިސްޓް އަމަލުތައްވެސް ހިންގާފައިވާ މީހެކެވެ.

އީސްޓާ ބޮމުގެ ހަމަލާއާ ގުޅިގެން ހިންގި ތަހުގީގުން ލަންކާ ސަރުކާރުން ނިންމާފައި ވަނީ މުސްލިމުން ހަރުކަށި އަމަލުތަކަށް ނިކުމެފައި ވަނީ ބޮޑު ބަލަސޭނާ އިން ގަނަސާރާ ގެ އޯޑަރަށް ހިންގާފައިވާ މުސްލިމުން އެކަހެރިކޮށް އެމީހުންނަށް ނޭއްގާނީކޮށް ގަނާ ކުރުމުގެ އަމަލުތަކާ ހެދި ކަމަށެވެ.