އެކަށީގެންވާ މުވައްޒަފުންނާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރަސްމީ ގެކޮޅެއް ހަމަޖައްސަން ޖެހޭ ކަމަށް ގާނޫނުގައި ހިމަނަން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި އެ ބިލަކީ މަޖިލިސް ރައީސަށް ރަސްމީ ގެކޮޅު ހަމަޖައްސައި އެ ގެކޮޅޮގެ ސެކިއުރިޓީއާ ބެހޭ ކަންކަން ހަމަޖެއްސުމަށް ގާނޫނުން ލާޒިމުކޮށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނެސް އެ ބައިތައް ގާނޫނަށް އިތުރު ކުރަން ހުށަހަޅާފައިވާ ބިލެކެވެ.
މި ބިލުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އޭނާގެ އާއިލާ ދިރިއުޅޭނެ ރަސްމީ ގެއަކާއި އެ ގެއަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި އެ ގެއަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައި ދޭންވާނެ ކަމަށެވެ.
މި ބިލު މަޖިލީހަސް ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވި 51 މެމްބަރުންގެ ވޯޓުންނެވެ.
މަޖިލީހުގެ ރައީސްގެ އިތުރުން އުއްތަމަފަނޑިޔާރަށްވެސް ގެކޮޅު ހަމަޖެއްސުމަށް ފަނޑިޔާރުންގެ ޤާނޫނަށްވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ.