މުސްލިމު ގައުމުތަކުން އުއިގޫރު މުސްލިމުންގެ ހާލާ މެދު ވާހަކަ ނުދައްކާ ކަމަށް ބުނެ ހުޅަނގުގެ ގައުމުތަކުގައި އުޅޭ އުއިގޫރު މުސްލިމުން ފާޑުކިޔައެވެ. އުއިގޫރު މީހުންގެ މިހާރުގެ އުދާހަކީ ޗައިނާގެ އެދުމަށް އުއިގޫރު ދަރިކޮޅުގެ މީހުން މުސްލިމު ގައުމުތަކުން ޗައިނާއަށް ބޭރު ކުރަމުންދާ މައްސަލައެވެ.
ނޯރވޭގައި ވާހަކަ ދައްކަމުން އުއިގޫރު ޖަމާއަތުގެ އަބްދުލް ވަލީ އައްޔޫބު ސީއެންއެންއަށް ބުނީ 2017 އާ 2019އާ ދެމެދު ވެސް މިސްރާއި ސައުދީ އަރަބިއްޔާއާއި އޫއޭއީ އިން އުއިގޫރު މުސްލިމުން ޗައިނާއަށް ބޭރުކޮށްދީފައި ވާ ކަމަށެވެ.
މިމީހުން ތުހުމަތު ކުރާ ގޮތުގައި އަރަބި އިސްލާމީ ގައުމުތަކުގައި އުއިގޫރު މީހުން އުޅޭ ގޮތް ބަލައި އެމީހުންގެ ހަރަކާތްތަކަށް ފާރަލައި އަދި އެމީހުންގެ ރެޖިސްޓްރީ ޗައިނާ އެމްބަސީން ބަލަހައްޓައެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކާއި އދން ތުހުމަތު ކުރާ ގޮތުގައި ޗައިނާއިން މިލިއަނެއްހައި މުސްލިމުން ހުރަގެއަށް ލައި ބަންދުކޮށްގެން ގެންގުޅެއެވެ. މިމީހުން ލައްވައި ގަދަކަމުން މަސައްކަތް ކުރުވާ ކަމަށާއި އަންހެނުން ރޭޕް ކުރުމާއި އެމީހުން ދަރިމައި ނުވާ ގޮތް ހަދާކަމަށް ތުހުމަތު ކުރެއެވެ.
މި ތުހުމަތުތަކަށް ގަނޑުކޮށް ޗައިނާއިން އިންކާރު ކުރެއެވެ. އަދި މިއީ ހުޅަނގުގެ ޕްރޮޕެގެންޑާ ކަމަށް ވެސް ޗައިނާއިން ބުނެއެވެ.
އޮސްޓްރޭލިއާގެ ރިސާޗް ކުރާ ފަރާތްތަކުން ސެޓެލައިޓް ފޮޓޯތައް ދިޜާސާ ކުރުމަށްފަހު ބުނަނީ ޗައިނާއިން ކަޝްގަރު ސަރަހައްދުގައި މުސްލިމުންގެ ޒަމާންވީ އާސާރީ ގަބުރުސްތާނުތައްވެސް ނެތިކޮށްލައި ޒިޔާރަތްތައް ރޫޅާލައި ހަދާފައިވާ ކަމަށެވެ. އަދި މިސްކިތްތަކުގެ ގުއްބުތައް ތަޅާލައި މުންނާރުތައް ކުރުކޮށް ޗައިނާ ވަންތަ ސިފައަކަށް މިސްކިތްތައް ބެހެއްޓުމަށްވެސް ކޮމިއުނިސްޓް ޕާޓީން ބާރުއަޅާ ކަމަށް އުއިގޫރު އޮޕޮޒިޝަންގެ މީހުން ބުނެއެވެ.
ފުޅާދާއިރާއެއްގައި ޗައިނާއިން ޝިންޖިއާން ސަރަހައްދުގައި ކެމެރާތައް ބަހައްޓައި މީހުންގެ މޫނު ދަނެގަނެ އުއިގޫރު މީހުން ބިލަތްހުނި ޖަހާކަމަށްވެސް ހުޅަނގުން ބުނެއެވެ.
ހުޅަނގުގެ ގައުމުތަކުން ކަނޑައަޅާފައި ވަނީ އުއިގޫރު މީހުންނާ ދެކޮޅަށް ޝިންޖިއާންގައި ހިންގަނީ ގަތުލުއާންމެއް ކަމަށެވެ. ސީނުކަރައިން ބުނަނީ މިއީ ހަމަ ފުލޯކު ވާހަކަތަކެއް ކަމަށެވެ.