ޕާކިސްތާންގެ ސިންދް ޕްރޮވިންސަށް މަރުކަޒީ ސަރުކާރުން ތަރައްގީއަށް ބޭނުންވާ ފައިސާ ނުދޭ ކަމަށް ބުނެ ސިންދު ސަރުކާރުން މައްސަލަ ޖައްސައިފިއެވެ. ސިންދު ޕްރޮވިންސްގައި ވެރިކަން ކުރަނީ މަރުކަޒީ ސަރުކާރުގައި އިދިކޮޅު ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އިންނެވެ.

ޕާކިސްތާން ބޮޑު ވަޒީރު އިމްރާން ޚާންގެ ސަރުކާރުގެ ވަޒީރަކު ވިދާޅުވީ ސިންދުގެ ތާރީޚްގައިވެސް ދުވަހަކުވެސް ކަނޑައަޅާފައި ނުވާ މިންވަރަށް ސިންދަށް ޚާންގެ ސަރުކާރުން ފައިސާ ހަމަޖައްސައި ދީފައިވާނެ ކަމަށެވެ.

ނޫސް ކޮންފަރެންސެއްގައި އިއްޔެ ވާހަކަ ދައްކަވަމުން ސިންދުގެ ޗީފް މިނިސްޓަރ ސައްޔިދު މުރާދު އަލީ ޝާހް ވިދާޅުވީ ސިންދަކީ ޕާކިސްތާންގެ ޚަޒާނާއަށް އެންމެ ގިނައިން ފައިސާ ހޯދައިދޭ ޕްރޮވިންސް ކަމަށެވެ. ނަމަވެސް ސިންދަށް މަރުކަޒީ ސަރުކާރުން ނިސްބަތުން ދެނީ ފައިސާ ފޮއްޗެއް ކަމަށެވެ.

އޭނާ ސިފަ ކުރެއްވި ގޮތުގައި ޕާކިސްތާން ސަރުކާރުން ސިންދުގެ ރައްޔިތުންނާ މެދު ތަފާ ކުރުމެއް ގެންގުޅެއެވެ. އަދި އިސްތިއުމާރީ އީސްޓް އިންޑިއާ ކޮމްޕެނީން ކަންކުރިގޮތަށް ކަންތައް ނުކުރުމަށްވެސް އިމްރާން ޚާނަށް އޭނާ ގޮވައިލެއްވިއެވެ.