މަކަރާއި ހީލަތުގެ އެތައް މައްސަލައެއްގައި ފިލައިގެން އުޅެނިކޮށް ރާއްޖެއިން ބޭރުން ހައްޔަރުކޮށް ގެނެސްފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ (އައްމަޓީ)ގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައި އޭނާއަށް ވަކީލުން އައްޔަނު ކުރުމަށް ފުރުސަތު ދީފައިއެވެ.

އޮންލައިންކޮށް ކުރިއަށްގެންދިޔަ މިއަދުގެ އަޑުއެހުމަށް އައްމަޓީ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ނަމަވެސް އޭނާގެ ވަކީލުން ހާޒިރުވެފައެއް ނުވެއެވެ. މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ ޝަރީއަތް ކުރިއަށް ގެންދިއުމަށް ބޭނުންވަނީ ވަކީލަކާއެކުތޯ ސުވާލު ކުރައްވައިފައެވެ.

އައްމަޓީ ބުނެފައިވަނީ އޭނާއަށް މައްސަލައާ ގުޅޭ ލިޔެކިޔުންތައް ލިބިފައިވާކަމަށެވެ. އަދި މައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުންވަނީ ވަކީލުންނާއެކު ކަމަށެވެ. އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ އައްމަޓީއަށް ވަކީލުން އައްޔަނު ކުރުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

އައްމަޓީ ވަކީލުން ހަމަޖައްސާފައި ނުވާތީ އިބްތިދާއީ އަޑުއެހުން މިއަދު ކުރިއަށް ނުގެންދެވުނު އިރު، ދައުލަތުން ވަނީ އައްމަޓީގެ ބަންދު މުއްދަތު މިއަދަށް ހަމަވާތީ ބަންދާމެދު ގޮތެއް ނިންމައިދިނުމަށް އެދިފައެވެ. އެގޮތުން ދައުލަތުން އެދިފައިވަނީ އައްމަޓީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ.

ދައުލަތުން ބުނެފައިވަނީ އައްމަޓީ ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒުފޯރުވުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އެގޮތުން މައްސަލައިގައި ހުށަހަޅައިފައިވާ ހެކިންގެތެރޭގައި ސީލައިފްގައި މަސައްކަތްކުރި މުވައްޒަފުން ހިމެނޭ ކަމަށާއި، އެމީހުންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތްކަމަށެވެ. މީގެ އިތުރުން އައްމަޓީ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުމުގެ ފުރުސަތު އޮތްކަމަށާއި، އެގޮތުން މިމައްސަލަތަކުގައި ހިމެނޭ ޖުމުލަ ފައިސާގެ އަދަދަށް ބެލުމުން މިއީ ޖިނާއީ ބޮޑު ކުށެއްކަން އެނގޭކަމަށެވެ. އަދި އައްމަޓީ ފިލާފާނެ ކަމުގެ ފުރުސަތު ވެސް އެބައޮތްކަމަށާއި، އޭނާ ހައްޔަރު ކުރުމަށް އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރެވުނު ކަމަށެވެ.