މޫނުގައި ލަކުނު އުފެދެން މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ މޫނުން ނަގާ ބިހިތަކެވެ. މިއީ އެތައް ބަޔަކަށް ދިމާޥާ މައްސަލައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މޫނުގައި ބިހި ނަގަނީ މޫނު ތެޔޮވުމުން ނުވަތަ ސާފުތާހިރުކަން ކުޑަވުމުން ނުވަތަ ހަމަނިދި ނުލިބުމުގެ ސަބަބުންނެވެ. އަދި ބިހިތައް ލަކުނަށް ބަދަލުވެ އެތައް ބަޔަކު މިކަމަށްޓަކައި ބޮޑުހޭދައެއް ކުރެއެވެ. ބާޒާރުގައި ހުރި އަގުބޮޑެތި ތަކެތި ބޭނުންކޮށް ސެލޫންތަކުން ފަރުވާ ހޯދައެވެ.

ބިހިތަކުގެ ސަބަބުން މޫނުގައި އުފެދިފައި ހުންނަ ލަކުނުތައް ފިލުވުމަށް އަގުބޮޑެތި ޕްރޮޑަކްޓުތައް ބޭނުން ކުރާއިރު ދާއިމީ ފަރުވާ އެއް ލިބުނަސް އޭގައި ހިމެނޭ ކެމިކަލް ތަކުން ހަންގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. ބައެއް އުފެއްދުންތަކުން ވަގުތީ ހިތްހަމަޖެހުމެއް ލިބުނަސް ފަހުން ހަަމަށް އޭގެ ގެއްލުން ލިބި ހަމަށް ޖެހޭ ކެންސަރު ފަދަ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ.

އެހެންކަމުން ވީހާވެސް ކެމިކަލް ފްރީ، ގުދުރަތީ ބާވަތްތަކުގެ އެހީގައި ހަމުގައި އުފެދޭ ލަކުނުތައް ފިލުވާލާނެ ގޮތްތައް އިހުތިޔާރު ކުރަން އެބަ ޖެހެއެވެ. އެގޮތުން ކުރެވިދާނެ ފަސޭހަ ކަންކަން ލިޔެލާނަމެވެ.

އަލޯވެރާ

އަލޯވެރާއަކީ ހަންގަނޑަށް ފަރުވާ ކުރުމަށް ހަމަ އެއްވަނައެވެ. އެއީ މޫނުން ނަގާ ބިހިތަކުގައި ހުންނަ ބެކްޓީރިއާތައް ނައްތާލުމުގެ ކުޅަދާނަކަން ލިބިގެންވާ އެއްޗެކެެވެ. ހަމައެއާއެކު، ހަންގަނޑުގެ ކޮލިޓީ ރަނގަޅުކޮށްދީ ހަންގަނޑު އޮމާން ކޮށްދިނުމަށްވެސް އަލޯވެރާ އެހީތެރިވެދެއެވެ.

އެގޮތުން ކޮންމެ ދުވަހަކުވެސް، ތާޒާ އަލޯވެރާ ޖެލް ކޮޅަކުން މޫނުގައި އުފެދިފައި ހުންނަ ލަކުނުތަކުގައި ކުލޮކު ވައިސްކޮށް މަސާޖު ކުރާށެވެ. 15 ވަރަކަށް މިނެޓުވަންދެން އެފަދައިން މަސާޖު ކުރުމަށްފަހު އެއްގަޑިއިރުވަންދެން ބަހައްޓާށެވެ. ދެން ގަޑިއެއްހާއިރު ވުމުން ފިނިފެން ފޮދަކުން މޫނު ދޮވެލާށެވެ.ބޭނުމިއްޔާ އަލޯވެރާއަށް ކުޑަ މާމުއިކޮޅެއް އެއްކޮށްލައިގެންވެސް އެފަދައިން ކަންތައް ކުރެވިދާނެއެވެ. މި ރެމެޑީ ކޮންމެ ދުވަހަކު ތަކުރާރު ކުރާށެވެ. ތަފާތު ފެންނާނެއެވެ.

ލުނބޯ

ލުނބޯއަކީ، މޫނުގެ ކުލަ އަލިކޮށްދީ މޫނު ތާޒާ ކޮށްދޭ އެއްޗެކެވެ. ހަމައެއާއެކު، ލުނބޯގައި ގިނަ އަދަދަކަށް އެކުލެވޭ ވިޓަމިން ސީއާއި އެންޓި ބެކްޓީރިއަލް ޕްރޮޕަޓީތަކަކީ މޫނުގައި އުފެދޭ ބިހި ލަކުނު ފިލުވާލުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން މޫނުގައި ހުންނަ ލަކުނުތަކުގައި ލުނބޯހުތް ހާކާށެވެ. އެއަށްފަހު ނިދަން އޮށޯންނާށެވެ. ދެން ހެނދުނު ވުމުން މޫނު ރަނގަޅަށް ދޮވެލާށެވެ. މި ފަރުވާ އާދަކޮށް ކޮންމެ ދުވަހަކުވެސް ތަކުރާރު ކުރާށެވެ.އެއް ސައި ސަމުސާ ލުނބޯ ހުތް، އެއްވެސް ކެމިކަލެއް އެއްކޮށްފައިނުވާ ކުޑަކުޑަ މާމުއިކޮޅަކާ އެއްކޮށްލާށެވެ. އެއަށްފަހު މޫނުގައި އުފެދިފައި ހުރި ލަކުނުތަކުގައި ހޭކުމަށްފަހު ފަސް ވަރަކަށް މިނެޓު ވަންދެން މަސާޖުކޮށްލާށެވެ. ދެން ދޮވެލާށެވެ.

ކާށިތެޔޮ

ކާށި ތެލަކީވެސް މޫނުން ނަގާފައި ހުންނަ ބިހިތަކާއި ބިހިތަކުގެ ލަކުނު ފިލުވުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ބިހި ލަކުނުތަކުގައި ކާށި ތެޔޮ ހާކާލައި ކުޑަ އިރުކޮޅެއް ވަންދެން ރަނގަޅަށް މަސާޖު ކުރާށެވެ. މިކަން ކުރަން އެންމެ ރަނގަޅީ ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިންނެވެ. ނިދަން އޮށޯތުމުގެ ކުރިން މި ޓްރީޓުމަންޓު ނަގާ ނަމަ މޫނު ދޮންނާނީ އަނެއް ދުވަހު ހެނދުނު ހޭލައިގެންނެވެ.ކާށި ނުވަތަ ތެޔޮ ފޮދަކާއި ލަވެންޑާ ތެޔޮ ފޮދެއް އެއްކޮށްލުމަށްފަހު މޫނުގައި ހުންނަ ލަކުނުތަކުގައި ހާކާށެވެ. ގަޑިއެއްހާއިރު ވަންދެން މަޑުކޮށްލުމަށްފަހު ދޮވެލާށެވެ. ހަތަރު ހަފުތާ ވަންދެން ދުވާލަކު އެއް ފަހަރު މި ޓުރީޓުމަންޓު ނަގާށެވެ.

އަލުވި

އަލުތްވަކީވެސް މޫނުން ނަގާ ބިއްސާއި އޭގެ ލަކުނުތައް ފިލުވާލަދޭން އެހީތެރިވެދޭ އެއްޗެކެވެ. މީގެ އިތުރުން މޫނުގެ ކުލަ އަލިކުރުމަށް ވެސް އަލުވި އެހީތެރިވެ ދެއެވެ.އަލުވި އެއް ދޮވެ ސާފު ކުރުމަށްފަހު ގާނާލާށެވެ. އަދި ސާފު ފޮތިކޮޅަކުން އޭގެ ދިޔަ ފެލާލާ އެ ދިޔަ މޫނުގައި ހާކާލާށެވެ. ދެ ގަޑިއިރުވަންދެން މަޑުކޮށްލާށެވެ. އެއަށްފަހު ދޮވެލާށެވެ. މިއީ ގޭގައި ފަސޭހައިން ކުރެވިދާނެ ފަރުވާތަކެވެ.