މިހާރު މުޅިދުނިޔޭގައިވެސް ދެކެވޭ އެއް ވާހަކައަކީ ކޮވިޑް19 އިން ސަލާމަތްވެވޭނެ ވާހަކައެވެ. އަދިވެސް އެކަށީގެންވާ ފަރުވާއެއް ހޯދިފައިނުވާ މި ބަލިން އަރައިގަތުމަށް މުޅިދުނިޔެ މިވަނީ ނުކުޅެދިފައެވެ. ބަލިޖެހޭ މީހުން އިތުރުވެ މަރުވާމީހުން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މި ބަލީގައި ގިނައިން މި ދުނިޔެ ދޫކުރާކަމަށް ރެކޯޑު ކުރެވިފައިވަނީ ދުވަސްވެފައިވާ މީހުންނެވެ. ހަމަ އެހެންމެ ދިގު މުއްދަތަށް ބޭސްކުރަމުންދާ މީހުންވެސް މި ބަލީގައި މަރުވަމުންދަނީ މުޅިދުނިޔެވެސް ބިރުގަންނަ ވަރަށެވެ. ފަރުވާނުދެވި އަޅާނުލެވި މަރުވާމީހުންވެސް މަދެކޭ ދެންނެވޭކަށް ނެތެވެ.
މުޅިދުނިޔެވެސް މި ބަލިން ސަލަމަތްވާން ބޭނުންވެފައިވީނަމަވެސް އެކަށީގެންވާ ވަރަށް ރައްކާތެރިކަމުގެ ފިޔަޅުނާޅާކަން ސިއްޙީ މާހިރުންދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ގިނަބަޔަކު މިކަމަށް ބީރުކަންފަތެއް ދީފައިވީނަމަވެސް މަދުބަޔަކުދަނީ ސިއްޙީމާހިރުންގެ ލަފަޔާ އެއްގޮތަށް ކަންކަން ކުރަމުންނެވެ. އެހެންކަމުން މިބަލީގެ ސީރިއަސް އަލަމާތައްވެސް މިވަނީ އަންގާފައެވެ. އެގޮތުން ކޮވިޑް19 ގެ ސީރިއަސް އަލާމާތްތަކުގެ ތެރޭގައި ނޭވާލާން އުނދަގޫވުމާއި، މެދުނުކެނޑި މޭގަރިއްސުން ހިމެނޭކަމަށްވެސް ސިއްޙީ މާހިރުންމިވަނީ ވިދާޅުވެފައެވެ. އަދި މީގެ އިތުރުން ވަރުދެރަވެ ހެޔަށް ގޮތްވުމަކީވެސް ކޮވިޑްބަލީގެ ސީރިއަސް އަލާމާތްތަކެވެ. މިފަދަ އަލާމާތެއް ފެނިއަޖެނަމަ 1676 އަަށް ގުޅުއްވާށެވެ. ނޫންނަމަ އެންމެ ކައިރި ހޮސްޕިޓަލެއްގެ އިމަރޖެންސީ ރޫމަށް ވަޑައިގެން ފަރުވާހޯދުމަށް އެޗްޕީއޭއިން އިލްތިމާސް ކުރައްވާފައިވެއެވެ.
މި ބަލީގެ އެންމެ ޢާއްމު ޢަލާމާތް ތަކުގެ ތެރޭގައި ހުންއައުމާއި، ބޮލުގަ ރިއްސިމާއި، ކެއްސުމާއި، ކަރުގައި ރިއްސުމުގެ އިތުރުން ރަހަ ނުލުމާއި ވަސް ނުދުވުމަކީ މިބަލީގެ އަލާމާތެކެވެ. މިއަލާމާތް ތަކުގެ އިތުރުން ބޭރަށް ހިންގުމާއި، ހޮޑުލެވުމާއި، ލޯ ރަތްވުމުގެ އިތުރުން ލޯ ހިރުވުމަކީ މި ބަލީގައި މަދުންނަމަވެސް ފެނިފައިވާ އަލާމާތްތަކެކެވެ. މިއިން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކުރައްވައި ފްލޫ ކުލިނިކަކަށް ދައްކަވައި ނެގެޓިވް ނަތީޖާއެއް ލިބެންދެން ގޭގައި މަޑުކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
ޗައިނާގެ ވޫހާންއިން މި ބަލި ފެނިފައިވާކަމަށް ޑަބްލިއުއެޗްއޯ އަށް ރިޕޯޓު ކޮށްފައިވަނީ 31 ޑިސެމްބަރި 2019 ގައިކަމަށް ޑަބްލިއުއެޗްއޯ ގެ ވެބްސައިޓްގައިވެއެވެ. 174 މިލިއަނަށް ވުރެ ގިނަ މީހުނަށް ކޮވިޑް19 ޖެހިފައިވާކަމަށް ރިޕޯޓުތަކުން ދައްކައެވެ. އަދި 3.76 މިލިއަން މީހުން މަރުވެފައިވާކަމަށްވެސް ރިޕޯޓުތަކުން ދައްކައެވެ.