ދުނިޔެ ދަނީ ހޫނު ވަމުންނެވެ. މިއީ ސަމާސާ ވާހަކައެއް ނޫނެވެ. ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ހިސާބުޖަހަން ފެށިފަހުން އެންމެ ހޫނު ސެޕްޓެމްބަރުކަމަށް ރެކޯޑް ކުރެވިފައިވާ މަހެވެ. ޖައްސަޖައްސައިގެން ފަސް އަހަރަށް ބަލާއިރު ހަމަ ކޮންމެ އަހަރަކުހެން ދުނިޔެ ދަނީ ހޫނުވަމުންނެވެ.

މިހާރުގެ ހިސާބުތައް ދައްކާ ގޮތުން އެންމެ ހޫނު 2016އަށް ވުރެން 2020 ހޫނު އަހަރެއް ކަމުގައި ވާނެއެވެ.

އދން އަންގަނީ 20 އަހަރު ތެރޭ މޫސުމީ ކާރިސާތައް ދެގުނައަށް އިތުރު ވެފައިވާ ކަމަށެވެ. 2000ން 2019އާ ދެމެދު އެއް މިލިއަނަށް ވުރެން ގިނަ މީހުން މަރުވި، 7348 ކާރިސާ ކުރިމަތިވެފައި ވެއެވެ. މިއިން 4.2 ބިލިއަން މީހުނަށް އެއިން އަސަރުކޮށް، 3 ޓްރީލިއަން ޑޮލަރުގެ ގެއްލުން ލިބިފައި ވެއެވެ.

ހަމަ އެގޮތަށް 2020ގެ މެއި މަހަކީވެސް ރެކޯޑް ކުރެވިފައިވާ އެންމެ ހޫނު މެއި މަހެވެ.

ތުރުކީއާއި އިޒްރޭލުގައި ސެޕްޓެމްބަރު މަހު އާދަޔާ ޚިލާފަށް ހޫނުވެފައިވާ އިރު އުރުދުންގައި ހޫނު ވައިރޯޅިތަކާ ހެދި ސްކޫލުތައް ބަންދު ކުރަން ޖެހުނެވެ.

އެމެރިކާގެ ލޮސްއެންޖެލިސްގެ މުޅި ހޫނު މޫސުމް ދިޔައީ އާދަޔާ ޚިލާފަށް 49 ޑިގްރީގެ ހޫނު މިނުގައެވެ.