އިންޑިއާގެ އިގްތިސާދުގައި ފައިސާ ދައުރުވާ މިންވަރު އިތުރު ކުރުމުގެ ގޮތުން ސަރުކާރުން ވަނީ އިގްތިސާދަށް 10 ބިލިއަން ޑޮލަރު ޕަމްޕް ކުރުމަށް ނިންމާފައެވެ. މީގެ މަގްސަދަކީ މީހުން ފައިސާ ޚަރަދު ކުރާ މިންވަރު އިތުރުކޮށް، މީހުންގެ އަތްމަތި ތިޔާގި ކުރުމެވެ.

އިންޑިއާގެ ފިނޭންސް މިނިސްޓަރ އިޢްލާން ކުރެއްވި ގޮތުގައި ދިވާލީގެ ފެސްޓިވަލް ސީޒަންއާ ދިމާކޮށް، ސަރުކާރު މުވައްޒަފުންގެ މުސާރައިގެ އެއްބައި ކުރިއަށް ދިނުމަށްވެސް ހަމަޖައްސާފައި ވެއެވެ.

މަގުތަކާއި ޕޯޓާއި ޑިފެންސް ޕްރޮޖެކްޓްތަކާއި އިންފްރާސްޓްރަކްޗަރ ގެ މަސައްކަތަށް 3.41 ބިލިއަން ޑޮލަރު ޚަރަދު ކުރުމަށްވެސް ނިންމާފައި ވެއެވެ.

އަދި ސްޓޭޓްތަކުން 2021ގެ މާޗް މަހުގެ ކުރިން ޚަރަދު ކުރުމަށް އިންޓަރެސްޓާ ނުލައި 50 އަހަރު ދުވަހަށް ލޯނު ދިނުމަށްވެސް ހަމަޖައްސާފައި ވެއެވެ.

އިންޑިއާއިން މަސައްކަތް ކުރަމުން ދަނީ މަޑުމަޑުން ފުރަބަންދު ފިލުވާލައި މީހުން ހެލިފެލި، ޚަރަދުތައް ކޮށް އިގްތިސާދަށް ދިރުން ގެނައުމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި މީގެ ސަބަބުން އިތުރަށް ފައިސާ ހޯދާކަށެއް ސަރުކާރަކަށް ނުޖެހޭނެއެވެ.

އިންޑިއާގެ ދީވާލީ ފެސްޓިވަލްއާ ދިމާކޮށް އިގްތިސާދަށް ދިރުވުމެއް ގެނައުމަށްޓަކައި އިންޑިއާއިން މަސައްކަތްތަކެއް ފަށައިފިއެވެ. އެގޮތުން ސަރުކާރު މުވައްޒަފުންނަށް ކޮންމެ މީހަކަށް ދިހަ ހާސް ރުޕީސްގެ ލޯނެއް އިންޓަރެސްޓާ ނުލައި ދިހަ މަހުން ދައްކާ ގޮތަށް ދިނުމަށް ހަމަޖައްސާފައި ވެއެވެ. މިއިން އިގްތިސާދަށް ޖުމުލަ 1.1 ބިލިއަން ޑޮލަރަށް ވާވަރުގެ އަދަދެއް ވަދެގެން ދާނެއެވެ.

މީގެ އިތުރުން ސަރުކާރު މުވައްޒަފުންގެ ތެރޭން ދަތުރުތައް ލިބި، ދަތުރު ނުކުރެވިފައިވާ މީހުންނާއި ދަތުރަށް ލިބެން ޖެހޭ ފައިސާ ނުނަގާ ތިބި މީހުން އެފައިސާ ނެގުމަށްވެސް އަންގާފައި ވެއެވެ.

އިންޑިއާގެ ފިނޭންސް މިނިސްޓަރ ވިދާޅުވިގޮތުގައި 3.8 ބިލިއަން ޑޮލަރުގެ ދަތުރާއި ދަތުރާ ގުޅޭ އެލަވަންސް ނުނަގާ އެބަހުއްޓެވެ. އަދި ހަމަސް ތެރޭ މިފައިސާ ނަގައި ޚަރަދު ކުރުމަށްވެސް އެދިވަޑައި ގަތެވެ.

އޭނާ ވިދާޅުވިގޮތުގައި މީހުންނަށް ޚަރަދު ކުރުމަށް ހިތްވަރު ދިނުމުން އެމީހުންގެ ސޭވިންގ އިން ޚަރަދުކޮށް، އިގްތިސާދަށް 4.9 ބިލިއަން ޑޮލަރު ވަންނާނެ ކަމަށް އަންދާސާ ކުރެވެއެވެ. މިޚަރަދާއެކު، އަހަރުގެ ބާކީ އޮތް ބައިގައި އިގްތިސާދު އޮންނާނީ ދުޅަހެޔޮކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.