ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޖަލުތަކުގައި ސަލާމަތީ ބާރުތަކުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއާއި، އަދި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގަމުންދާ އޮޕަރޭޝަންނާ ގުޅިގެން މާލޭ ޖަލާއި މާފުށީ ޖަލުގައި ތިން މުވައްސަސާ ގުޅިގެން މިއަދު ދަނީ ހާއްސަ އޮޕަރޭޝަން އެއް ހިނގަމުން ކަމަށެވެ.

އޮޕަރޭޝަންގެ އިތުރު އެއްވެސް ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހަރުކަށި ފިކުރާ ދެކޮޅަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ އޮޕަރޭޝަންތަކުގައި މިހާތަނަށް 14 މީހުން ހައްޔަރު ކޮށްފައިވެއެވެ.

މީގެ ތެރެއިން ހަމަލާއާ ސީދާ ގުޅުންހުރި ކަމުގެ ތުހުމަތުގައި ފަސް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް ފުލުހުން ވަނަވަރު އާންމުކޮށް ވަނީ ހަތަރު މީހުންގެ އެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު 25، އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު 21، އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު 32، ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް 23، އެވެ. ހަމަލާގެ އިސް މީހަކީ އަދުހަމް ކަމަށް ފުލުހުން ބުނެ އެވެ.