ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑު މެންބަރު ކަމަށް ސިޓީ ތަކުގެ ކައުންސިލަރުންގެ ފަރާތުން ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު އިންތިހާބު ކޮށްފި އެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންގެ ފަރާތުން މެމްބަރުން އިންތިހާބު ކުރުމަށް ބޭއްވި އިންތިޚާބުގެ ވޯޓްލުން ކުރިއަށް ގެން ގޮސްފައިވަނީ މިއަދު އެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން އިންތިޚާބު ކުރުމަށް ހުޅުވާލި ފުރުސަތުގައި ސިޓީ ކައުންސިލްތަކުގެ ގޮނޑިއަށް ކުރިމަތިލެއްވީ ދެ ބޭފުޅެކެވެ. އެއީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގްއެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން މި އިންތިޚާބުގައި ކެނޑިޑޭޓް ނަމްބަރު 1 ޑރ. މުއިއްޒުއަށް އަށް ލިބިވަޑައިގެންނެވީ 21 ވޯޓެވެ. ކެނޑިޑޭޓް ނަމްބަރު 2 ރަފީގަށް ލިބިވަޑައިގެންނެވީ 24 ވޯޓެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން މެންބަރެއްގެ އިތުރުން ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެކެވެ.