މިއަހަރު މިހާތަނަށް ރާއްޖެއިން 469،000 އަށްވުރެއް ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ވަނީ 15،559 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މިއަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް 92103 ފަތުރުވެރިންޒިޔާރަތްކޮށްފައިވާއިރު ފެބްރުއަރީ މަހު 96882 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މާރޗް މަހު ރާއްޖެ 109،585 ފަތުރުވެރިން އައިއިރު އޭޕްރިލް މަހު 91200 ފަތުރުވެރިން އަދި މެމަހު 64،613 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މިއާއެކު މިއަހަރު މިހާތަނަށް ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ ޖުމުލަ އަދަދު ވަނީ 469،942 އަށް އަރާފައެވެ.

މިއަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެގައުމުން 111،628 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އިންޑިއާއިން އައިސްފައިވަނީ 89،499 ފަތުރުވެރިންނެވެ. އަދި ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޖަރުމަނުން ވަނީ 25،935 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައެވެ.