ފަސްމަސް ތެރޭ 18 ބައްދަލުވުން، އިންޑިއާއާއި ޗައިނާއިން ބާއްވައިފިއެވެ. އެކަމަކުވެސް ލަދާކްގެ ކުރިމަތި ލުމަށް އަދި އަލިމަގެއް ނުފެނެއެވެ. މި 18 ބައްދަލުވުމަކީ ސިފައިންގެ ފެންވަރުގައްޔާއި ޑިޕްލޮމޭޓުންގެ ފެންވަރުގައި ބާއްވާފައިވަ ބައްދަލުވުންތަކުގެ ޖުމުލައެވެ.

ފިނިމޫސުމް ފެށިގެން ދާއިރު ދުނިޔޭގެ އެންމެ އުހުގެ ހަނގުރާމައިގެ މައިދާނުގައި ދެ ގައުމުން ތިބޭނީ އެއްބަޔަކު އަނެއް ބަޔަކަށް ފާރައަށެވެ. މުހައްލިލުން ބުނާ ގޮތުގައި ލަދާކްވެސް ވެގެންދާނީ ދެވަނަ ކަޝްމީރަށެވެ. އިންޑިއާއާއި ޗައިނާ ކުރިމަތި ލައިގެން ތިބޭ މައިދާނަށެވެ.

ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ބްރިކްސްގެ ސަމިޓުގައި ޗައިނާ ރައީސް ޝީ ޖިންޕިންގއާއި އިންޑިއާ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ބައްދަލު ކުރައްވާނެއެވެ. މިއީ މި ހަމަނުޖެހުމަށް، މިވަގުތަށް އޮތް އެކަނި ހަނި ފުރުސަތެވެ.

އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން ސިފަ ކުރެއްވި ފަދައިން މިއީ ދުނިޔޭގެ އެންމެ ނުރައްކާ ތެރި ބޯޑަރު ސަރަހައްދެވެ. ނިއުކްލިއަރ ބާރުވެރި ތިން ގައުމުން ކައިރިކައިރީގައި ފާރައަށް އޮންނަ ހިސާބެވެ.

އިންޑިއާ ސިފައިން ވަނީ ގަދަ ފިނީގައި ގިނަ ދުވަހަށް ތިބެން ޖެހިދާނެ ކަމަށް ބަލައި ޒަރޫރީ ސާމާނާއެކު ހަނގުރާމައިގެ ހާލަތުގައި ތައްޔާރު ވެގެންނެވެ.

އިންޑިއާއާއި ޗައިނާއާ ދެމެދު ބޯޑަރު މައްސަލަ ކުރިންވެސް އޮވެއެވެ. އެހެންނަމަވެސް ދެ ގައުމުގެ ވެރިންނާއި ރައްޔިތުންގެ ފެންވަރުގެ ގުޅުމަށް ހިޔަނި އެޅޭ ކަމަކަށް މިކަން ވެފައެއް ނުވެއެވެ.

މިހާރު މިވަނީ ހާލަތު ބަދަލުވެގެން ގޮސްފައެވެ.