އުމުރުން 60 އަހަރުން މަތީގެ މީހުންނަށްވެސް އެސްޓްރަޒެނެކާގެ ކޮވީޑްވެކްސިން ނުދިނުމަށް، ޔޫރަޕް ސަރަހައްދުގެ ކޮވިޑް-19 ޓާސްކްފޯހުގެ ވެރިޔާ މާކޯ ކަވަލޭރީ އީޔޫގެ މެމްބަރު ގައުމުތަކަށް ގޮވާލައްވައިފިއެވެ.

އޭނާ މިކަމަށް ގޮވާލެއްވީ، އެސްޓްރަޒެނެކާގެ ވެކްސިން ޖަހައިގެން ބްލަޑް ކްލޮޓްވުމުގެ މައްސަލަ ދިމާވުމާއި، އަދި ކޮވިޑާ ދެކޮޅަށް ދޭނޭ އިތުރު ވެކްސިންތައްވެސް މިހާރު ލިބޭން ހުރުމާ އެކުގައެވެ.

އިޓަލީގެ "ލަ ސްޓަމްޕާ" ނޫހަށް ދެއްވި އިންޓަރވިއުއެއްގައި މާކޯ ކަވަލޭރީ ވިދާޅުވީ، ޔޫރަޕްގައި އަލަށް ބަލިޖެހޭ މީހުންގެ އަދަދުތައް ދަށަށް ދިއުމާއި އަދި ޒުވާން އުމުރުފުރާގެ މީހުންނަށް ބަލީގެ ރިސްކްއޮތް މިންވަރު ދަށްވުމާއެކު، އާރްއެންއޭ ޓެކްނޯލޮޖީން އުފައްދާފައިވާ މޮޑަނާ އަދި ފައިޒަރ ވެކްސިންފަދަ ވެކްސިންތައް އެ އުމުރުގެ މީހުންނަށް ދިނުމަކީ އެންމެ ރަނގަޅުގޮތް ކަމަށެވެ.

ކަވަލޭރީ މިހެން ވިދާޅުވި ނަމަވެސް، ޔޫރަޕިއަން މެޑިސިންސް އޭޖެންސީންވަނީ، އެސްޓްރަޒެނެކާ ވެކްސިނަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ދިނުމަށް ރައްކާތެރި ވެކްސިނެއް ކަމަށް ކަނޑައަޅާފައެވެ.

އީއެމްއޭއިން މިގޮތަށް ކަނޑައެޅި ނަމަވެސް، އީޔޫގެ ބައެއް މެމްބަރު ގައުމުތަކުންވަނީ، ބައެއް އުމުރުފުރާތަކުން ދަށުގެ މީހުންނަށް އެސްޓްރަޒެނެކާގެ ވެކްސިންދިނުން ހުއްޓާލާފައެވެ.

ބައެއް ގައުމުތަކުން 50 އަހަރުން މަތީގެ މީހުންނަށް އެ ވެކްސިން ދޭއިރު، ބައެއް ގައުމުތަކުން 65 އަހަރުން މަތީގެ މީހުންނަށް ނުދެއެވެ.

ޒުވާން އުމުރުގެ މީހުންނަށް ގިނަ ގައުމުތަކުން އެސްޓްރަޒެނެކާގެ ވެކްސިން ނުޖަހައި ހުއްޓާލީ، ލޭގަނޑުވެ، ބައެއް މީހުން މަރުވުމާއި، ބައެއް މީހުންނަށް ސިއްހީ ސީރިއަސް އެތައް މައްސަލަތަކެއް ދިމާވެގެންނެވެ.

60 އަހަރުން މަތީގެ މީހުންނަށްވެސް އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ކަމާބެހޭ ފަރާތްތަކުން ހުއްޓާލަންވީތޯ ނޫހުން ސުވާލު ކުރުމުން، ޔޫރަޕް ސަރަހައްދުގެ ކޮވިޑް-19 ޓާސްކްފޯހުގެ ވެރިޔާ މާކޯ ކަވަލޭރީ ވިދާޅުވީ، ހުއްޓާލަންވީ ކަމަށެވެ.

އާރްއެންއޭ ޓެކްނޯލޮޖީގެ ވެކްސިންތައް މިހާރު ލިބޭން ހުރުމާއެކު، އުމުރުން ދުވަސްވީ މީހުންނަށްވެސް އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ހުއްޓާލަން ފްރާންސާއި، ޖަރުމަނުންވެސް ވިސްނަމުންދާ ކަމަށް ކަވަލޭރީ ވިދާޅުވިއެވެ.

އުމުރުން 60 އަހަރުން މަތީގެ މީހުންނަށްވެސް އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ހުއްޓާލަން އުޅޭކަން އިޓަލީ ސަރުކާރުން އިއްޔެ ހާމަކޮށްފައެވެ. އެއީ، އެސްޓްރަޒެނެކާގެ ވެކްސިންޖެހި ޒުވާނަކަށް ބްލަޑް ކްލޮޓިންގެ މައްސަލަ ދިމާވެ މަރުވުމާ ގުޅިގެންނެވެ.

ބްލަޑް ކްލޮޓިންގެ ބިރު އުފެދި މާޗްމަހުގެ ތެރޭގައި ޔޫރަޕްގެ ގިނަ ގައުމުތަކުން އެ ވެކްސިން ޖެހުން ހުއްޓާލިއެވެ. ނަމަވެސް، ފަހުން ވެކްސިން ޖަހަންފެށީ އެއީ، އުމުރުން 60 އަހަރުން މަތީގެ މީހުންނަށް އެ ވެކްސިން ދެވިދާނެ ކަމަށް ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން ރެކޮމެންޑް ކުރުމުންނެވެ.

މައްސަލަތަކެއް ދިމާވި ނަމަވެސް، ޔޫރަޕިއަން މެޑިސިންސް އޭޖެންސީގެ ނިންމުން ބަދަލުކޮށްފައެއް ނުވެއެވެ.