ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި ގުޅޭ ބިލު މަޖިލީހަށް ބަލައިގެންފިއެވެ.
މިބިލު ބަލައި ގަތުމަށް މަޖިލީހުން ފާސް ކޮށްފައިވަނީ 53 މެމްބަރުންގެ ވޯޓުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހުށަހަޅާފައިވާ މިބިލުގައި ގޮތުން ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުން ދިޔަ ޢާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ޤާއިމްކޮށްފައިވުން ނުވަތަ އެފަދައިން ދިރިއުޅުމުގެ ފެންވަރު ގާއިމްކުރުމަކީ ކުށެކެވެ.
އެފަދަ ދިރިއުޅުމުގެ ފެންވަރެއް ގާއިމް ކުރީ އަދި މުދާ މިލްކުކުރީ ޤާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތެއްގެ މަތިންކަން ސާބިތު ނުކުރެވޭ ނަމަ، އެއީ ކުށެއް ކަމަށް އިސްލާހުގައިވެއެވެ.
މީގެއިތުރުން ދައުލަތުގެ މުވައްޒަފަކަށްހުރެ ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާއާ ޢާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި، މިލްކުކުރުމަކީވެސް ކުށެއް ކަމަށް ބިލުގައި ހިމަނާފައިވެއެވެ.
ނުހައްގުން މުއްސަނދިކަން ހޯދާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ މަޖިލިސް މެމްބަރަކު ނުވަތަ ފަނޑިޔާރަކު ނަމަ އެއީ ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށެއް ކަމަށާ އެކަމުގެ އެންމެ ބޮޑު އަދަބަކީ 15 އަހަރަށް ޖަލަށްލުން ކަމަށް ކަނޑައަޅާފައިވާއިރު އަސާސީ މިންގަނޑުން ބަލާނަމަ ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާ އިސްލާޙުތައްނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް :
މިއީ، ދައުލަތުގެ މުވައްޒަފުންނަށް ލިބެމުންދާ ހުއްދަ އާމްދަނީގެ ވަސީލަތްތަކާއި އެ ވަސީލަތްތަކުން އުފައްދައިދޭ އާމްދަނީގެ މިންވަރާ އަޅާބަލާއިރު، އެމީހުންނަށް ނުހޯދޭނެ ނުވަތަ ހޯދުން އެކަށީގެންނުވާ ނުވަތަ ހޯދުނުގޮތް ބަޔާންކޮށްނުދެވޭ މުދަލާއި ފައިސާ ހޯދައި ލިބިގަތުން ހުއްޓުވުމަށްޓަކައި، ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ދައުލަތުގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކުން އެކުށް ކުރާ ޙާލަތުގައި ލިބޭ އަދަބުގެ ދަރަޖަ މަތިކުރުމަށްޓަކައި ހުށަހަޅާފައިވާ އިޞްލާޙެކެވެ.
މީގެ އިތުރުން، ދައުލަތުގެ މުވައްޒަފެއް ރިޝްވަތަށް އެދުމާއި ރިޝްވަތު ހުށަހެޅުންވެސް ކުށެއްގެ ގޮތުގައި ހިމަނަން ގާނޫނުލްއުގޫބާތަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.
އެ އިސްލާހު ބަލައިގަތުމާއެކު، ރިޔާސަތުން ވަނީ އެ ބިލު ދިރާސާކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ.