ކޮވިޑް19 ގައި އިންޑިއާއިން އެންމެ ގިނައިން އެ ބަލިޖެހި އަދި އެންމެ ގިނައިން މީހުން މަރުވި ކަމަށް ބެލެވޭ ޑެލްޓާ (އިންޑިއާ ވޭރިއެންޓު) 44 ޤައުމަކަށް ފެތުރިފައިވާކަމަށް ރިޕޯޓުތަކުން ދައްކާފިއެވެ. މި ވޭރިއެންޓު އިންޑިއާއިން ފެނިފައިވަނީ މިދިއަ އަހަރުގެ އޮކްޓޫބަރުމަހުއެވެ. ޑެލްޓާއަކީ ކަންބޮޑުވާން ޖެހޭ ވޭރިއެންޓެއްގޮތަށް ޑަބްލިއުއެޗްއޯ އިންވަނީ ކަނޑައަޅާފައެވެ. ޑެލްޓާ ދެން އެންމެ ގިނައިން ފެނިފައިވަނީ އިނގިރޭސި ވިލާތުންނެވެ.

އިންޑިއާގެ މި އައު ވޭރިންއެންޓާއެކު އިނގިރޭސި ވިލާތާއި، ބްރެޒިލް އަދި ދެކުނު އެފްރިކާއިން ފެނިފައިވާ ވޭރިއެންޓު ތަކަކީވެސް ކަންބޮޑުވާންޖެހޭ ވޭރިއެންޓުތަކެއްކަމަށް ޑަބްލިއުއެޗްއޯ އިންވަނީ ކަނޑައަޅާފައެވެ. އަލަށް ފެނިފައިވާ މި ވޭރިއެންޓް ތަކަކީ އަސްލު ވައިރަހަށްވުރެ ނުރައްކާތެރި ވައިރަހެކެވެ. މި ހުރިހާ ވޭރިއެންޓުތަކަކީވެސް ވަރަށް ހަލުވިކަމާއެކީ ފެތުރެމުންދާ ވައިރަހެކެވެ. އަދި ބަލިޖެހޭ މިންވަރު އިތުރުވެ ވެކްސިނާއި ބޭހަށްވެސް އަސަރުކުރާލެއްމަދު ވައިރަހެކެވެ.

މި ނުރައްކާތެރި ވޭރިއެންޓުތައްމިވަނީ މިހާރު މި ކުޑަކުޑަ ރާއްޖެއާ ހިސާބަށްވެސް ފޯރާފައެވެ. މި ވޭރިއެންޓުތައް ތަޙުލީލު ކުރުމަށްޓަކައި ރާއްޖެއިން ބޭރަށްވަނީ ފޮނުވާފައެވެ. އަދި އޭގެ ނަތީޖާވެސް މިހާރުވަނީ ރާއްޖެއަށް ލިބިފައެވެ. އެ ނަތީޖާތަކުން ދައްކާގޮތުގައި ފޮނުވި ސާމްޕަލް ތަކުގެ ތެރެއިން 27 ޕަސެންޓަކީ އިންޑިއާގެ ދެވަނަ ރާޅުގައި ހަލުވިކަމާއެކީ ފެތުރިފައިވާ ވޭރިއެންޓެވެ. ދެން އެންމެ ގިނައިން ފެތުރިފައިވާކަމަށް ދައްކަނީ އިނގިރޭސި ވިލާތުގައި ފެތުރިފައިވާ ވޭރިއެންޓެވެ. އެ ވޭރިއެންޓުގެ 20 ޕަސެންޓު ވަނީ ފެނިފައެވެ.

މި އާވޭރިއެންޓުގެ ސަބަބުން ރާއްޖޭގައި ގިނަ ޢަދަދެއްގެ މީހުންނަށް ކޮވިޑަށް ޕޮސިޓިވް ވެފައެވެ. އަދި ގިނަ ޢަދަދެއްގެ މީހުންވަނީ ނިޔާވެފައެވެ. ވުމާއެކު ހަތުކަށިފިޔަވަޅުތަކެއް ސަރުކާރުން އެޅުމަށްފަހު މިހާރުވަނީ އަނެއްކާވެސް މި ބަލި ވަރަށް ބޮޑަށް ކޮންޓްރޯލު ކުރެވިފައެވެ. ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރުމިވަނީ ހަތްދިހަ ހާހަށްވިރެ މައްޗަށް އަރާފައެވެ. ރާއްޖެއިން މަރުވެފައިވަނީ 198 މީހުންނެވެ. ފަސްދޮޅަށް ހާހަށްވުރެ ގިނަމީހުން މިބަލިން ރަނގަޅުވެފައިވާކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައެވެ.