އަހަރެންގެ އުމުރުން ސޯޅަ އަހަރު ފުރުނު ފަހުން މޫނުގައި މާ ބޮޑަށް ބިހި ގިނަވާކަން ފާހަގަ ކުރެވުނެވެ. އެހެންކަމުން މި ކަމާ ކަންބޮޑުވެ ރައްޓެހިންނާއި އާއިލާ އާ ވާހަކަދެއްކީމެވެ. ހުރިހާ އެންމެންވެސް ބުނަނީ މިއީ އާންމު ކަމެއްކަމުގައެވެ. އަހަރެންގެ އުމުރުފުރައިގެ ހުރިހާ ކުދިންނަށްވެސް މިކަންތައް ތަހައްމަލު ކުރަން ޖެހޭނެ ކަމަށެވެ. ބިހިތައް ނުކޮށްޓާ ގިނަ ގިނައިން މޫނު ދޮވުމުން ބިހި ގިނަވުން ހުއްޓޭނެ ކަމަށެވެ. ނަމަވެސް އަހަރެންގެ މޫނުގެ ބިހިތައް ވަނީ އިތުރެވެ.
އުމުރުން ނަވާރަ އަހަރު ފުރުނު ފަހުން އިތުރު އެހެންކަމެއް ފާހަގަވާން ފަށައިފިއެވެ. މޫނުމަތީގައި ލޯލި އޭ މިކިޔާ އިސްތަށި ގިނަވާން ފެށުމެވެ. މަތިމަސް ލާފައި ހުންނަހެހެން ހީވާ ވަރު ވެއްޖެއެވެ. މިކަމާ އަހަރެން ވަރަށް ކަންބޮޑުވެއްޖެއެވެ. އެހެންކަމުން ހަމުގެ ޑޮކްޓަރަކަށް ދައްކައިފީމެވެ. ބިހިތަކާއި އިސްތަށިތައް ގިނަވާތީއެވެ. ޑޮކްޓަރު ދެއްވި ލަފައަކީ ގިނައިން ތެޔޮ އެއްޗިހި ނުކެއުމާއި ވިޓަމިން އޭ ލިބޭ ކާނާ ގިނައިން ކެއުމެވެ. އަދި ކާނެ ބޭހާއި އުނގުޅާނެ ބޭސްވެސް ދެއްވިވެ. ބޭސް ބޭނުން ކުރަމުން ދިޔަ ދުވަސްވަރު މިކަންތައް ރަނގަޅުވިއެވެ. ނަމަވެސް ބޭސް ހުސްވުމާއެކު މޫނު މަތީގައި ބިހިތަކާއި އިސްތަށިތައް ގިނަވާން ފެށިއެވެ.
އަނެއްކާވެސް ޑޮކްޓަރަށް ދެއްކީމެވެ. މިފަހަރު ޑޮކްޓަރު ކުރެއްވީ އަހަރެން ވަރަށް ހީނުކުރާ، ސުވާލެކެވެ. ޕީރިއަޑް ރެގިޔުލަ ތޯ ސުވާލު ކުރެއްވި އެވެ. އަދި ޕީރިއަޑް ގައި ކިތައް ދުވަސް ނަގާތޯ އެއްސެވިއެވެ. އަހަރެން ކޮންމެ މަހަކުވެސް ޕީރިއަޑު ވެއެވެ. އެހެންނަމަވެސް މި ޕީރިއަޑްގެ މުއްދަތު ބާރަ ތޭރަ ދުވަހަށް ދެމިގެން ދެއެވެ. އަދި ދައްބަނޑުގައި ވަރަށް ބޮޑަށް ރިއްސައެވެ. އާއިލާގެ ދެންތިބޭ ކުދިންވެސް ބަނޑުގައި ރިއްސާތީއުޅެއެވެ. އެހެންކަމުން އެއީ އާންމު ކަމެއް ކަމަށް އަހަރެން ގަބޫލުކުރީމެވެ. ނަމަވެސް ހަމުގެ ޑޮކުޓަރަށް މިވާހަކަތައް ކިޔައި ދެއްވުމުން އެދުނީ އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކަށް ދެއްކުމަށެވެ.
ހަމުގެ ޑްކޮޓަރުގެ ލަފާގެ މަތިން އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކަށް ދެއްކީމެވެ. ހެދި ޓެސްޓް ތަކުން އެނގުނީ މި ހުރިހާ ކަމެއްގެ އަސްލަކީ އޯވަރިއަން ސިސްޓްކަމެވެ.
އަހަރެން ވަރަށް ކަންބޮޑުވިއެވެ. ޑޮކްޓަރު ބުނުއްވަނީ ފަރުވާ ކުރަންޖެހޭ ކަމެއް ކަމަށެވެ. ގިނަދުވަސް ނަގާނެ ކަމަށެވެ. ކެއުން ބަދަލު ކުރަންޖެހޭނެ ކަމަށެވެ. ރަހިމުގައި މިގޮތަށް ސިސްޓު އުފެދޭނަމަ، ދަރިމައި ވުމަށް ހުރަސް އެޅޭނެކަމަށެވެ.
ޑޮކޮޓަރު އަހަންނަށް ދެއްވީ ދޭތެރެ ދުރުކުރުމަށް ބޭނުން ކުރާ ބޭހެއެވެ. އެބޭސް ކެއުމުން ޕީރިއަޑުގައި ހޭދަކުރަންޖެހޭ މުއްދަތު ކުރުވިއެވެ. އަދި ބަނޑުގައި ރިހުންވެސް ކުޑަވިއެވެ. ނަމަވެސް އަހަރެންގެ މޫނުގައި އިސްތަށި ފެޅުމަކަށް ހައްލެއް ނުގެނެވުނެވެ. ޑްކޮޓަރު ބުނުއްވައިގެން ކެއުންވެސް ބަދަލު ކޮށްފީމެވެ. ހަކުރު ނުކެއުމަށް ބުނުއްވުމުން މިހާރު ކެއުމުގައި ހަކުރު ބޭނުމެއްނުކުރަމެވެ.
އަހަރެން އަބަދުވެސް މިކަހަލަ ކަންތައްތައް ދޮންތައާއި ހިއްސާ ކުރަމެވެ. ދޮންތަ ބުނަނީ ނަމަނަމަ ސިސްޓް ނެގުމަށް އޮޕަރޭޝަން ނުކުރުމަށެވެ. އޮޕަރޭޝަން ކޮށްފިނަމަ، އަބަދުވެސް ޖެހޭނީ ސިސްޓްނަގަން އޮޕަރޭޝަން ކުރާށެވެ. އެއީވެސް ދަރިމައި ވުމަށް ހުރަސް އެޅޭނެ ކަމެއްކަމަށް ދޮންތަ ބުންޏެވެ. ތެދެކެވެ. ދޮންތަ ވަނީ އެ ހުރިހާ ތަޖުރިބާ ތަކެއް ކޮށްފައެވެ.
އެހެންނަމަވެސް އަހަރެން ދޭތެރެ ދުރުކުރާ ބޭސް ކާކަށް ބޭނުމެއް ނުވެއެވެ. އެހެންކަމުން ކެއުން ބަދަލުކޮށްގެން މިކަމުން މިންޖުވޭތޯ ބަލަން ގަސްދު ކޮށްފީމެވެ. ނަމަވެސް ދޮންތަގެ ނަސޭހަތަކީ ޑޮކްޓަރ ބުނުއްވާ ގޮތަށް ބޭސް ކެއުމެވެ.
މިއީ ޒުވާން އަންހެންކުއްޖަކު އެނާ އަށް ދިމާވެގެން އުޅޭ މައްސަލަ ކިޔައިދިން ގޮތެވެ.
އޯވަރިއަން ސިސްޓަކީ އަޅާނުލާ ފަރުވާ ނުހޯދާ ދޫކޮށްލާވަރުގެ ކަމެއް ނޫނެވެ. ބައެއް ކުދިންނަށް މިފަދަ މައްސަލަތައް ދިމާވުމުން މިއީ އާންމު ކަމެއް ކަމަށް ހީކޮށް ޑޮކްޓަރަށް ނުދައްކާ ތިބެއެވެ. ބައެއް ފަރާތަކުންވެސް ދެކެނީ މިއީ އާދައިގެ ކަމެއް ކަމަށެވެ. އަދި ގިނަ މީހުން ބުނަނީ މީހަކާއި ކައިވެނި ކުރުމުން ރަނގަޅު ވާނެ ކަމަށެވެ. ނަމަވެސް އޯވަރިއަން ސިސްޓް އުފެދޭ ކަމަށް ޝައްކުވާނަމަ، ވީހާވެސް ޅަ އުމުރުގައި ޑޮކްޓަރަށް ދައްކާށެވެ. ފަރުވާ ހޯދާށެވެ.
ބައެއް ޒުވާން ކުދިންނާއި ޑޮކްޓަރުންގެ ވާކަތައް އަޑު އެހުމުން މިއީ ދިވެހި ރާއްޖޭގެ ގިނަ އަންހެނުންނަށް ދިމާވާ މައްސަލަ އެއްކަން ފާހަގަ ކުރެވުނެވެ. މިކަމަށް ދިރާސާއެއް ހަދާފައި ނެތުމުން ސަބަބު ނޭގުނަސް އާއިލީ ވާރުތަ ކުރުމެއްވެސް މި ކަމުގައި ވާކަމަށް ގަބޫލު ކުރެވެއެވެ.
ގިނަ ޑޮކްޓަރުން ބުނުއްވާ ގޮތުގައި އޮވަރިއަން ސިސްޓް އުފެދިފައިވާކަން ބައެއް އަންހެނުންނަށް އެނގެނީ މީހަކާ އިނދެ، ދަރިމައި ވުމަށް ދަތިތައް ކުރިމަތި ވުމުން، ޑޮކްޓަރަށް ދެއްކުމުންނެވެ. އެހެންނަމަވެސް ޑޮކްޓަރުން ލަފާ ދެއްވަނީ ފުރާ ވަރު ކުދިންވެސް ޕީރިއަޑް ގެ މައްސަލަތައް ދިމާވާނަމަ، ލަސްނުކޮށް އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުމެވެ. ހަމަ އެކަނި ޕީރިއަޑް މައްސަލަ އެއްނޫނެވެ. ހޯމޯން އަށް ބަދަލު އައިސް މޫނުމަތީގގައި ބިހި ނެގުމާއި ލޯލި ގިނަ ވުމަކީ ވެސް ސިސްޓް އުފެދޭ ކަމުގެ ބައެއް ނިޝާންތަކެވެ.
ވީމާ، މިފަދަ ޢަލާމަތްތައް ފެންނަ ނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދާށެވެ. މިއީ ރަނގަޅު ނުކުވޭނެ ކަމެއް ނޫނެވެ.