އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތު އިސްލާހު ގެނައުމުގެ ބިލު ރައްޔިތިންގެ މަޖިލީހަށް ހުށަހެޅި އެއްވެސް ސިފައެއްގައި މަޝްވަރާ ކުރުމެއް ނެތި ކަމަށް އެ ޕާޓީން ބުނެފިއެވެ.
އަދާލަތުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ޤާނޫނުލް ޢުޤޫބާތަށް މާއްދާއެއް އިތުރުކުރަން ހުށަހަޅާފައިވާ ބިލަކީ ޢަދާލަތު ޕާޓީއާ އެއްވެސް ސިފައެއްގައި މަޝްވަރާ ކުރުމެއް ނެތި ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ބިލް ހުށަހެޅުއްވީ ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު މާއްދާތަކެއް އިތުރު ކުރުމަށެވެ. ސަރުކާރުން ސްޕޮންސާ ކޮށްގެން ހިސާން ހުށަހެޅުއްވި މި ބިލްގައި އާންމު ތަނެއްގައި ވަކި މީހަކަށް ނިސްބަތްކޮށް އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ވަނީ ހިމަނުއްވާފަ އެވެ. އަދި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގަައި ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ހަދަން ވަނީ ހުށަހަޅުއްވާފަ އެވެ. ބިލްގައިވާ ގޮތުން މި ހުރިހާ ކުށަކީ ވެސް ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެވެ. އެ ކުށުގެ އެންމެ ބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ.
މުސްލިމަކު ކާފަރުކޮށް އެ މީހާއާ މެދު އަނިޔާވެރިވުމަށް ހިތްވަރުދީ ނުވަތަ އެކަމުގައި ބައިވެރިވެ އަދި އަނިޔާއެއް ދިނުމަށް ރޭވުމަކީ ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށަކަށް ހަދަން ވެސް ބިލުގައި ވަނީ ހިމަނާފަ އެވެ. އެ ދަރަޖައިގެ ކުށަކަށް އެންމެ ގިނަވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ މިބިލްގެ އިބްތިދާއީ ބަހުސް ނިންމާލުމަށްފަހު ބިލް ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ހުޅުވާލުމުން ބިލް ބަލައިގަތުމަށް ވޯޓު ދެއްވީ 38 މެންބަރުންނެވެ. ބިލް ބަލައިގަތުމާ ދެކޮޅަށް 17 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ.
މިބިލް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވި އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ފުވައްމުލަކު ސިޓީ އަށް ނިސްބަތްވާ ހުރިހާ މެންބަރުން ވެސް ހިމެނެ އެވެ.