ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ތަހުމީން އަހުމަދު އަދި އަދުހަމް އަހުމަދު ރަޝީދު ހަމަލާ ދިނުމުގެ ދުވަސްތަކެއް ކުރިން މެރިން ފުލުހުން ކަނޑުމަތިން ހިފަހައްޓާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެދެމީހުން ކަނޑުމަތިން ހިފަހައްޓާ ފޮޓޯއެއް ހިިއްސާކޮށް ފުލުހުންގެ މީޑީއާ ގްރޫޕުގައި ނޫސްވެރިޔަކު ވަނީ މި ދެ މީހުންނާ ފުލުހުންނާ ކަނޑުމަތިން ބައްދަލުވިތޯ ސުވާލު ކޮށްފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބަޔަކު ހައްޔަރުކުރި ފަހުން، އެމީހުންގެ ތެރޭގައި ހިމެނޭ ތަހްމީން އަޙުމަދަކީ މެއި 01 ވަނަ ދުވަހު މެރިން ޕޮލިސް އިން ކަނޑުމަތިން ހުއްޓުވި ލޯންޗެއްގައި ހުރި ފަރާތްކަމުގައި މެރިން ޕޮލިސްގައި ރެކޯޑުކުރެވިފައިވުމާއެކު އެކަން ތަހުގީގަށް ހިއްސާކޮށްފައިވާކަމަށެވެ.

އަދި އެކަމާ ގުޅިގެން ފުލުހުން ބެލިބެލުމުން އެދުވަހު ކަނޑުމަތިން ހުއްޓުވި ލޯންޗުގައި، ތަހްމީން އަހުމަދުގެ އިތުރުން މިމައްސަލައިގެ ތަހުގީގަށް މިހާރު ހައްޔަރުކޮށްފައިވާ އަދުހަމް އަހްމަދު ރަޝީދު ވެސް ހުރިކަން އެނގިފައިވާކަމަށާ އަދި އެކަމާ ގުޅިގެން ތަހުގީގުން ބަލަންޖެހޭ ކަންކަން ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ލޯންޗް ހުއްޓުވާފައިވަނީ މެރިން ޕޮލިސްގެ އާންމު ޕެޓްރޯގެ ތެރެއިން ނެވިގޭޝަން ލައިޓްގައި މައްސަލައެއް ހުރިކަމަށް ފާހަގަ ކުރެވިގެން ހުޅުމާލެ ފަޅުތެރެއިން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އެގޮތުން، އެ ލޯންޗްގައި ހުރި މައްސަލަތައް ހައްލުކުރުމަށް ނަސޭހަތްތެރި ވުމަށްފަހު ސީން ނިންމާލައިފައިވާކަމަށްވެސް ބުނެފައިވެއެވެ.

ނަޝީދަށް ދިން ހަމަލާގައި އަދުހަމް އަކީ ބޮން ގޮއްވާލުމުގައި ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މީހާއެވެ. އަދި ތަހުމީނަކީ ގޮއްވާލި ސައިކަލުގެ ވެރިފަރާތް ކަމަށް ބުނާ މީހާ އެވެ.