އަފްޣާނިސްތާންގައި ހީނަރު ވަމުންދާ ހާލަތާ ގުޅިގެން ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދުގެ ސަރަހައްދުގައި ފޯރި މެރުމުގެ މަސައްކަތް ވަރުގަދަކޮށް ސަރަހައްދު ބެލެހެއްޓުމަށް ޕާކިސްތާނުން ނިންމައިފިއެވެ. ޕާކިސްތާނުން ބުނާ ގޮތުގައި އެގައުމުން ދަނީ އަފްޣާނިސްތާންގައި ބަދަލުވަމުން ދާ ހާލަތަށް ފާރަވެރި ވަމުންނެވެ. އަދި މީގެ ސަބަބުން އަފްޣާނިސްތާންގެ ގައުމީ ސަލާމަތަށް އަތުވެދާނެ ނުރައްކަލަކާ ބެހޭ ގޮތުންވެސް ތައްޔާރު ވަމުންނެވެ.

އަފްޣާނިސްތާންގައި ބަދަލު ވަމުންދާ ހާލަތާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވަނީ ޕާކިސްތާން ސިފައިންގެ ޖެނެރަލް އާރމީ ހެޑްކުއާޓާޒް ގައި ސިފައިންގެ އިސްވެރިޔާ ޖެނެރަލް ގަމަރު ބާޖްވާ ބޭއްވެވި ދެދުވަހުގެ ބައްދަލުވުމެއްގައެވެ.

އޭނާ ވަނީ ޕާކިސްތާންގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ސިފައިން ފުލުހުންނާ ގުޅިގެން ހިންގާ ފައިވާ ރައްދުލް ފަސާދް އޮޕަރޭޝަންގެ ކާމިޔާބީއަށްވެސް ތަޢްރީފް ކުރައްވާފައެވެ. މި އޮޕަރޭޝަނަކީ ޓެރަރިސްޓް ޖަމާއަތްތަކާއި ބޮނދައިގެން ތިބި ޓެރަރިސްޓުންގެ އަތުން ހަތިޔާރާއި ގޮވާތަކެތި އަތުލައި ގަތުމަށް ހިންގާފައިވާ އޮޕަރޭޝަނެކެވެ.

މި ކޮންފަރެންސްގައި ކަޝްމީރުގެ ހާލަތާ މެދު މަޝްވަރާކޮށް ސިފައިން ވަނީ ކަޝްމީރަށް އެހީތެރިވާނެ ކަމުގައި ބުނެފައެވެ.

ޕާކސްތާން ފުލުހުންވެސް ގާނޫނާ ޚިލާފްވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހުލުންވާނަމަ އެމީހުންނާ ދެކޮޅަށް ސަރުކާރުން ފިޔަވަޅު އަޅާނެ ކަމުގައި އިއްޔެ ބޮޑު ވަޒީރު އިމްރާން ޚާން ވަނީ ވިދާޅުވެފައެވެ.