ފުލުހުން ހުއްޓުވި ލޯންޗުގައި ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ އެއްވެސް މީހަކު ނުހިމެނޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ހަމަލާގެ މިޙުން ކަނޑުމަތިން ނުހިފަހައްޓާކަމަށް ފުލުހުން މިއަދު ބުނެފައިވާއިރު އިއްޔަ ފުލުހުން ބުނެފައިވަނީ، މެއި 06ގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބަޔަކު ހައްޔަރުކުރި ފަހުން، އެމީހުންގެ ތެރޭގައި ހިމެނޭ ތަހްމީން އަޙުމަދަކީ މެއި 01 ވަނަ ދުވަހު މެރިން ޕޮލިސް އިން ކަނޑުމަތިން ހުއްޓުވި ލޯންޗެއްގައި ހުރި ފަރާތްކަމުގައި މެރިން ޕޮލިސްގައި ރެކޯޑުކުރެވިފައިވުމާއެކު އެކަން ތަހުގީގަށް ހިއްސާކޮށްފައިވާކަމަށެވެ.

އަދި އެކަމާ ގުޅިގެން ފުލުހުން ބެލިބެލުމުން އެދުވަހު ކަނޑުމަތިން ހުއްޓުވި ލޯންޗުގައި، ތަހްމީން އަހުމަދުގެ އިތުރުން މިމައްސަލައިގެ ތަހުގީގަށް މިހާރު ހައްޔަރުކޮށްފައިވާ އަދުހަމް އަހްމަދު ރަޝީދު ވެސް ހުރިކަން އެނގިފައިވާކަމަށާ އަދި އެކަމާ ގުޅިގެން ތަހުގީގުން ބަލަންޖެހޭ ކަންކަން ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ނަމަވެސް ފުލުހުން މިއަދު ބުނެފައިވަނީ، މެރިން ފުލުހުން ކަނޑުމަތިން ހުއްޓުވި ލޯންޗްގައި ތިބީ ހަތަރު މީހުންކަމަށާއި، އެ ލޯންޗްގައި ތިބި މީހުންގެ ތެރޭގައި ބޮމުގެ ހަމަލާގައި ހައްޔަރުކޮށްފައިވާ އަދުހަމް، ތަހުމީން އަދި މައްސަލައިގައި ހައްޔަރު ކޮށްފައިވާ އިތުރު މީހަކު ނުހިމެނޭކަމަށެވެ.

އަދި އެ ލޯންޗަށް ފުލުހުން ޕެޓްރޯލް ފޯރުކޮށްދީފައި ނުވާއިރު އެ ލޯންޗު ދޫނިދޫއަށް ގޮސްފައި ވެސް ނުވާ ކަމަށް ފުލުހުން ބުނެއެވެ.