އެމެރިކާއިން ޓައިވާން ދިފާއު ކޮށްދޭނެ ކަމުގެ ޔަގީންކަން ދީފިއެވެ. އެކަމަކު އެމެރިކާއިން ޓައިވާނަށް ބާރުއަޅަނީ، ޗައިނާ ރުޅިއައިސްގެން ޓައިވާނަށް ގޯނާ ކުރުމުގެ އަމަލެއް ކުރުމަށް ފުރުސަތެއް ނުދިނުމަށެވެ. ހަމަ އެއާއެކު އެމެރިކާއިން ޓައިވާނަށް ބާރުއަޅަނީ، އައްސޭރިފަށުގައި މިސައިލްގެ ދިފާއީ ނިޒާމެއްވެސް ބެހެއްޓުމަށެވެ.

އެއް ޗައިނާގެ ސިޔާސަތަކީ އެމެރިކާއިން އަދިވެސް ގެންގުޅޭ ސިޔާސަތުކަން ހާމަ ކުރައްވަމުން ޗައިނާ، މޮންގޯލިއާ އަދި ޓައިވާނަށް ކަނޑައަޅާފައިވާ ސްޓޭޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ ޖޮނަތަން ފްރިޓްޒް ވިދާޅުވީ، ޓައިވާންގެ އަޑުވެސް ބައިނަލްއަގްވާމީ ޖަމުއިއްޔާތަކުގައި އިވެން ވާނެ ކަމަށެވެ. އެހެންވެ، އެމެރިކާއިން ޑަބްލިއުއެޗްއޯގައި ޓައިވާން ބައިވެރިކުރުމަށް މަސއްކަތް ކުރާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި އިންޓަރޕޯލްގައިވެސް ޓައިވާން ބައިވެރި ކުރާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޗައިނާއިން ހޮންގކޮންގ ގައި ކަން ކުރަމުންދާ ގޮތުން ޓައިވާންގެ 24މިލިއަން މީހުންނަށް މާބޮޑު އުންމީދެއް ޗައިނާ ފުށުން ނުލިބޭ ކަމުގައި އޭނާ ވިދާޅުވިއެވެ. ޗައިނާ އިން ހޮންގކޮންގއަކީ ޒާތީ މިނިވަންކަން އޮތް ތަނެއްކަމަށް ބުނިނަމަވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ޗައިނާ އަރައިގަންނަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޗައިނާއިން ދަނީ ދޭތެރެދޭތެރެން ޓައިވާނަށް ގަނާ ކުރަމުންނެވެ. ބުރާސްފަތިދުވަހުވެސް ޗައިނާއިން ވަނީ ހަތް އަސްކަރީ މަތިންދާބޯޓެއް ޓައިވާންގެ ވައިގެ ސަރަހައްދުގެ ތެރޭން އުދުއްސާފައެވެ. ޖީ7ގެ ބައްދަލުވުން ނިންމާލަމުންވެސް އެގައުމުތަކުގެ ވެރިން ޗައިނާއަށް ގޮވާލެއްވީ ޓައިވާން ކަނޑު އޮޅީގައި ސުލްހަ ގާއިމްކޮށްފައި ބާއްވާށެވެ.