ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސާސީއަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހަށް އެޖެންޑާކޮށް އެ ބިލްގެ ފުރަތަމަ ކިއުން މިއަދު އިއްވައިިފި އެވެ.

އެ އިސްލާހު ހުށަހެޅުއްވީ އެ ކޮމިޝަނަށް ސަރުކާރާއި މަޖިލީހުގެ ނުފޫޒު ފޯރާތީ ކޮމިޝަންގެ މިނިވަންކަމާއި މުސްތަގިއްލުކަމަށް ހުރަސް އެޅޭތީ ކަމަށް ތޯރިޤު ވިދާޅުވިއެވެ.

"ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގެ ޖުރިސްޓިކްޝަންތަކުގެ ޖުޑީޝަލް ކައުންސިލްތަކާއި ޖުޑީޝަލް ކޮމިޝަންތައް އެކުލަވާލުވުމުގައި ރިއާޔަތްކޮށްފައިވާ ހަމަތަކަށް ބަލައި، ނުރަނގަޅު ސިޔާސީ ނުފޫޒާއި ބާރުން އެކަހެރިވެ، ޕްރޮފެޝަނަލް ގޮތެއްގައި ޖުޑީޝަލް ސާވިސް ކޮމީޝަން މަސައްކަތްކުުރމުގެ މާހައުލު ގާއިމްކުރުމުގެ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލަވާލެވިގެންވާ ގޮތް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ ދަށުން މި ބިލް ހުށަހަޅަމެވެ،" ތޯރިގު ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ހުށަހެޅި އިސްލާހުގެ ފުރަތަމަ ކިއުން މިއަދު އިއްވި އިރު، ޖޭއެސްސީގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަަޑައިގަންނަވާތީ އިދިކޮޅު މެމްބަރުން ވަނީ އެކަމާ ކަނބޮޑުވުން ފާޅުކޮށްފައެވެ.

އެވާހަކަތަކަށް ރައްދެއްގެ ގޮތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ފެނިވަޑައިގަންނަވާގޮތުގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އެމަނިކުފާނު އިންނެވުމަކީ ރައީސް ޔާމީން އެންމެ ބޮޑަށް އެދިވަޑައިގަންނަވާނެ ގޮތްކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް ޔާމިން އެންމެ ބޮޑަށް އެދިވަޑައިގަންނަވާނެ އެއްކަމަކީ އަޅުގަނޑު މިވަގުތު ޖޭއެސްސީގައި އިނުން. އަޅުގަނޑު ވަރަށް ތެދަށް މިދަންނަވަނީ ދިވެހިރާއްޖޭގައި އިންސާފުވެރިކަމާއިއެކީގައި ޝަރީޢަތްތައް ހިންގޭ ގޮތް މެދުވެރި ނުވެއްޖެނަމަ ކުރީގެ ރައީސުންނަށް ލިބޭނެ އަނިޔާ އާއި ގެއްލުން އިންތިހާއަށް ބޮޑުވާނެ. އަޅުގަނޑުމީ އިންސާފު ނެތަތީ އެކަން ވަރަށް ގާތުން ސީދާ ތަޖުރިބާކޮށްފަހުރި މީހެއް. އެންމެފަހަރަކު ދެފަހަރަކު ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ މިހާރު އެއޮތްގޮތަށް އޮތްހާ ހިނދު މިމަޖިލީހުގެ ރައީސްގެ ގޮތުގައި އެމަނިކުފާނު ޖުޑީޝަލް ސާރވިސް ކޮމިޝަންގައި އިށީނދެ އިނދެ ކުރާ މަސައްކަތްކުރާނީ އިންސާފުވެރިކަމާ އަދުލުވެރިކަމާ އިޚްލާސްތެރިކަމާ އަދި މަދަދުވެރިކަމާއެކީގައި އަނިޔާވެރިކަން ކުޑަކޮށްވެސް އިސްނުކޮށް ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ ޖުޑީޝަލް ސާރވިސް ކޮމިޝަން އެކުލެވިގެން ވާނީ، މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރުންގެ މައްޗަށް އެކުލެވޭ 10 މެންބަރުންގެ މައްޗައް ކަމަށެވެ.

.