ލޮނުޒިޔާރަތްކޮޅުގައި ސިޓީ ކައުންސިލުން ޕާކު ތަރައްގީކުރުމުގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދަށް ތުހުމަތުކުރާ މައްސަލަތަކުގައި ކޮރަޕްޝަންގެ ދައުވާކުރުމުގެ މައްސަލަ އަދި ވެސް ދަނީ ދިރާސާކުރަމުން ކަމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

އެމައްސަލަ އާއިމެދު ވަކި ގޮތެއް ނިންމާފައިނުވާ ކަމަށާ އެމައްސަލަ ދިރާސާ ކުރަމުންދާ ކަަމަށް އޭސީސީ އިން ބުނެއެވެ.

އޭސީސީން ބުނީ ލޮނުޒިޔާރަތްކޮޅުގައި ދެ ފާހަނާ ބަރި އާއި ތިން ހަޓާއި ތިން އެންޓްރަންސް ކެނޮފީ އާއި ލައިފްގާޑް ޓަވަރެއް މަރާމާތުކުރުމާއި ގާޑަން ބްރިޖެއް ހަދައި އިންސްޓޯލްކުރުމުގެ މަސައްކަތުގެ ތެރެއިން ދެ ފާހަނާބަރި އަމިން ކޮންސްޓްރަކްޝަން އިން ނިންމާފައިވަނީ ލިޔެކިޔުމެއްނެތި ދެފުށް ފެންނަ އުސޫލަކުން ނޫން ކަމަށެވެ.

ޕާކު ތަރައްގީކުރުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކޮށް ސަމާލުކަމަށް ގެނައީ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަޒީނެވެ. އެކަމާ ގުޅިގެން ޝިފާ ވިދާޅުވީ އެކަމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ.

އޭސީސީން ބުނީ އެކަން ކުރުމުގައި އަމިން ކޮންސްޓްރަކްޝަނުން ކޯޓޭޝަން ހޯދައިގެން، ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައިގެން އެކަން ހަވާލުކުރަން މަސައްކަތްކުރި ކަން ކަމަށާއި ކައުންސިލްގެ މެމްބަރުންނަށް އެންގުމެއް ވެސް ނެތި އެ މަސައްކަތް އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވާ ކަމަށް އޭސީސީއިން ބުނެ އެވެ.

ކޮރަޕްޝަންގެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ހުށަހެޅުމުން، ޝިފާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މަގާމުގެ ޒިންމާ އަދާކުރައްވަމުން ގެންދަވަނީ ވާދަވެރިންނާއި ހަސަދަވެރިންގެ ދުއްތުރާތަކާއި އެކުގައި ކަމަށާ ލޮނުޒިޔާރަތްކޮޅު ޕާކާ ގުޅުވައި ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތަކީ މެޔަށް އަމާޒުކޮށްފައިވާ އެއް ހަމަލާ ކަމަށް ވިދާޅުވި އެވެ.