ކަޝްމީރަށް 27 ކިލޯގެ މަސްތުވާތަކެތި ވަގަށް ވައްދަން އުޅެނިކޮށް އަތުލައިގެންފިއެވެ. މިއަދު ފަތިހު މިތަކެތި އަތުލައިގަތީ ސަރަހައްދު ހުރަސްކޮށް ވަގަށް ވަންނަން އުޅުނު ބަޔެއްގެ ހަރަކާތްތައް ސިފައިންނަށް ފާހަގަވެގެން ބެލުމުގެ ތެރޭގައެވެ. އަތުލައިގަތް މަސްތުވާތަކެތި ބަންދުކޮށްފައި ހުރީ އެއް ކިލޯގެ ޕެކެޓް ތަކެއްގައެވެ.

މި ތަކެތި ވައްދަން އުޅުނު މީހުން ބޯޑަރު ބަލަހައްޓާ ސިފައިންގެ ސަމާލުކަމަށް އައުމުން އެމީހުންނާ ދެމެދު ބަޑީގެ ހަމަލާތައް ބަދަލު ކުރެވުނެވެ. މިއިން ބައެއް މީހުން ވަނީ އަނބުރައި ޕާކިސްތާން ސަރަހައްދަށް ވަދެފައެވެ. މަސްތުވާތަކެތި ފެނުނީ މަރުވި މީހުން ގެންގުޅު ސާމާނުތަކުގެ ތެރޭންނެވެ.

ފުލުހުން ބުނިގޮތުގައި މި ތަކެތީގެ އަގު 1.35 ބިލިއަން ރުޕީސްއަށް އަރާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ފުލުހުން ވަނީ މިދިޔަ ހޮނިހިރު ދުވަހުވެސް ކަޝްމީރުގައި ގިނަ އަދަދެއްގެ ހަތިޔާރާއި މަސްތުވާތަކެތި އަތުލައިގެންފައެވެ. މީގައި ދިހަ މީހުންނާއި ހަތިޔާރާއި 450 މިލިއަން ރުޕީސްގެ މަސްތުވާތަކެތި އަތުލައި ގަނެފައި ވެއެވެ. މެއި 23 ވަނަ ދުވަހުވެސް އަށް ކިލޯގެ މަސްތުވާތަކެއްޗާއެކު ބަޔަކު އަތުލައިގަތެވެ.

ފުލުހުން ބުނާ ގޮތުގައި މަސްތުވާތަކެއްޗާއި ޓެރަރިޒަމާ ގުޅުން ހުރެއެވެ. އަދި މިވިޔަފާރިން ލިބޭ ފައިސާ ދަނީ ޓެރަރިޒަމްގެ އަމަލުތަކަށް ކަމަށް ބުނެއެވެ.