އަގީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދަން ޤާނޫނުލްއުޤޫބާތަށް ހުށަހެޅި އިސްލާހު ބޭރު ނުކުރަން ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.
ގައިވާ ގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން އުފެއްދުން ކުށަކަށް ހަދަން ވަނީ ހުށަހަޅައިފަ އެވެ.
ހަމަ އެހެންމެ އާންމުތަނެއްގައި މުސްލިމަކު ކާފަރު ކުރުން ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ވާނެ އެވެ. ބިލްގައިވާ ގޮތުން މި ހުރިހާ ކުށަކީ ވެސް ޖުނާހުގެ އެއްވަނަ ދަރަޖައިގެ ކުށެކެެވެ. އެ ކުށުގެ އެންމެ ބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ.
ރޭގެ ކޮމިޓީ ބައްދަލުވުމުގައި މި ބިލު ބޭރުކޮށްލުމަށް ހުށަހެޅީ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެވެ. ބިލު މިހާރު އޮތް ގޮތަށް ފާސްނުކޮށް އަނބުރާ ފޮނުވާލަން ރިޒާ ވަނީ ކޮމިޓީގެ ބައްދަލުވުމަށް ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ.
ކޮމެޓީގެ ރިޔާސަތުން ދެ ހުށަހެޅުމަކަށް ވަކިވަކިން ވޯޓަށް އަހާފައިވެއެވެ. އެގޮތުން ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވިގޮތަށް ބިލްގެ ސުންގަނޑިއަކަށް އަންނަ މަހުގެ 1 ވަނަ ދުވަސް ހެދުމަށް 7 މެމްބަރުން ވޯޓު ދެއްވި އެވެ. ރިޒާގެ ހުށަހެޅުމަށް ވޯޓު ދެއްވީ 2 މެމްބަރުންނެވެ. އެހެންކަމުން ބިލް ބޭރުކޮށްލުމަށް ހުށަހެޅުނު ހުށަހެޅުން ފާސްވެފައެއް ނުވެ އެވެ..