ހއ. ދިއްދުއަށް އަރައި ފޭބުން މަނާކޮށް އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ދިއްދޫ ކައުންސިލަށް މިއަދު ފޮނުވި ލިޔުމުގައި ވަނީ މިއަދު ހެނދުނު 11:10 އިން ފެށިގެން އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ދިއްދޫ މޮނިޓަރިންނަށް ލާފައި ވަނީ ކަރަންޓީންގައި ނެތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.

މޮނިޓަރިންގެ ހާލަތައް ރަށެއް ގެނައުމުން ރަށުގައި ތިބި މީހުން ފުރައިގެން އެހެން ތަނަކަށް ދިއުން މަނާ ވާނެއެވެ. އަދި އެޗްޕީއޭގެ ހުއްދަ ނެތި ރަށަށް އެރުން ވެސް މަނާ ވާނެއެވެ.

މޮނިޓަރިންއަށް ލުމާ ގުޅިގެން އެޗްޕީއޭ އިން އަންގާ ގޮތެއްގެމަތިން، ދަޢުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދެއްވުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.